މެމްބަރު ނާޒިމްގެ ޝަރީޢަތް މާދަމާއަށް ތާވަލް ކޮށްފި

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ހަތަރު މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތަކުގެ ޝަރީޢަތެއް މާދަމާއަށް ތާވަލް ކޮށްފިއެވެ.
މާދަމާއަށް ޝަރީއަތެއް ތާވަލްކޮށްފައި ވާއިރު، މި މައްސަލައިގެ ހުރިހާ އަޑުއެހުމެއް މިހާރު ވަނީ ނިންމާލާފައެވެ. ވީމާ، މާދަމާގެ ޝަރީޢަތުގައި އޮންނާނީ ހުކުމް އިއްވުން ކަމަށް ބެލެވެއެވެ.
މި މައްސަލައިގައި އެންމެ ފަހުން ބޭއްވި ޝަރީޢަތުގައި ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެދުވަހުގެ ޝަރީޢަތަކީ ބެންޗުން ސާފު ކުރަން ހުރި ބައެއް މައުލޫމާތު ސާފު ކުރުމަށް ބޭއްވި ޝަރީޢަތެއް ކަމަށެވެ.
ޝަރީޢަތުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ މައްސަލައިގެ ތަހުޤީޤު ރިޕޯޓުތަކާއި، ނާޒިމްގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅި ބައެއް ހެކިތައް ހޯދާފައެވެ.
މި މައްސަލައިގައި ފަނޑިޔާރުންގެ ބެންޗުން ވަނީ އިތުރު ސުވާލުތަކެއް ކޮށްފައެވެ. އަދި އިތުރު ކަމެއް ސާފު ކުރަން ނެތް ނަމަ ދެން އަންނަ ޝަރީއަތެއްގައި ހުކުމް އިއްވާނެ ކަމަށް ބެންޗުން ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސަރުކާރުން އިއުލާން ކުރި ހަތަރު ޕްރޮޖެކްޓެއް މަކަރާ ހީލަތުން ކާމިޔާބު ކުރި ކަމަށް ބުނެ މަގާމުގެ ނުފޫޒު ބޭނުންކުރިކަމުގެ ހަތަރު ދައުވާއެއް ދައުލަތުން ނާޒިމްގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލާފައެވެ.
މަގާމުގެ ނުފޫޒު ބޭނުންކުރިކަމުގެ ހަތަރު ދައުވާއެއް ދައުލަތުން ނާޒިމްގެ މައްޗަށް ފުރަތަމަ އުފުލީ ކްރިމިނަލް ކޯޓުގައެވެ. ނަމަވެސް އެމައްސަލަ ސާބިތުނުވާ ކަމަށް ކޯޓުން ހުކުމް ކުރުމުން ދައުލަތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ވެސް މައްސަލަ ނިންމީ ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެއްވެސް ދައުވާއެއް ސާބިތު ނުވާ ކަމަށެވެ.
އެހެން ކަމުން ސުޕްރީމު ކޯޓުގައި ދައުލަތުން ވަނީ މި މައްސަލަ އިސްތިއުނާފު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ