ނަޒާހާ އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދު

ގަސްދުގައި މީހަކު މަރާލި ހ. ބައިކަނޑިގޭ މަރިޔަމް ނަޒާހާގެ މައްޗަށް ކުޅަ ދައުވާ ސާބިތުވެގެން ނަޒާހާ އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފިއެވެ.
ހައި ކޯޓުން ކުރި ހުކުމްގައި ވަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުން ކަނޑައަޅުއްވާ ކަމަށެވެ.
ނަޒާހާ އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ 2011 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 7 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ހ. ބައިކަނޑިގެ މަރްޔަމް ނަޒާހާގެ މައްޗަށް ދައުލަތުން ކުޅަ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، 22 ޖޫން 2010 ދުވަހުގެ 15:00 އެހައިކަންހާއިރު، ޙަސަން ޝާހިދު، މަރްޔަމްނަޒާހާ ދިރިއުޅޭ ހ. ބައިކަ ނޑިގެއަށް ދިއުމުން، ޙަސަން ޝާހިދުގެ ބުރަކަށްޓަށް ވަޅިއަކުން ހަމަލާދީފައިވާކަން
މަރްޔަމް ނަޒާހާގެ އަމިއްލަ އިޢުތިރާފުން އެނގެން އޮންނަ ކަމަށެވެ.
އަދި ޝާހިދުގެ ބުރަކަށްޓަށް ވަޅިޖެހުމުގެ ސަބަބުން ލިބުނު އަނިޔާއަށް ފަރުވާދެމުންދަނިކޮށް، އެދުވަހުގެ 16:15 ގައި ޙަސަން ޝާހިދު ނިޔާވެފައިވާކަމާއި، ޙަސަން ޝާހިދު ނިޔާވެފައިވަނީ، އޭނާގެ ބުރަކަށީގެ ކަނާއަތް ފަޅިއަށް ތޫނުއެއްޗެއް ހެރުމުގެ ސަބަބުން، މޭގެ ކަނާތް ފަޅިއަށް ލެއާއި ވައި ޖަމާވެ ހިތްހުއްޓުމުގެ ސަބަބުންކަން  ޝާހިދުގެ މެޑިކޯލީގަލް ރިޕޯޓުން އެނގެން އޮތުމުން، މަރްޔަމް ނަޒާހާގެ އަމިއްލަ އިޢުތިރާފުންނާއި، އިސްވެދިޔަ ގަރީނާތަކުގެ މައްޗަށް ބިނާކޮށް، ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުން މަރްޔަމް ނަޒާހާ ކުށްވެރިވެއްޖެކަމަށް ކަނޑައަޅާ ކަމަށެވެ.
އަދި ކުށުގެ އުޤޫބާތެއްގެ ގޮތުން ނަޒާހާ އުމުރަށް ޖަލަށްލުމަށް ޙުކުމް ކުރާ ކަމަށެވެ.
ނަޒާހާގެ މައްޗަށް ޤަސްދުގައި މީހަކު މަރާލުމުގެ ދައުވާ ސާބިތުވީ ނަމަވެސް، ޝާހިދުގެ ވާރުތަވެރިންނާއި ސުވާލުކުރުމުން އެންމެ ވާރުތަވެރިއަކު ފިޔަވައި ދެން ތިބި ވާރިސުން ޤިޞާޞް ހިފަން ބޭނުން ނުވާކަމާއި އަދި މަރުގެ ދިޔަވެސް ބޭނުންނުވާ ކަމަށް ބުނެފައިވާތީ، ނަޒާހާގެ ކިބައިން ޤިޞާޞް ހިފޭނެ ތަނެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ނަޒާހާގެ ފަރާތުން މި މައްސަލަ އިސްތިއުނާފް ކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ނިންމާފައިވަނީ ޝަރުއީ އަދި ޤާނޫނީ އުސޫލްތަކާއި ޚިލާފަށް ކަމުގައި ބުނެއެވެ. އެގޮތުން އޭނާގެ ފަރާތުން ވަނީ ހަތަރު ނުކުތާއެއް ހުށަހަޅާފައެވެ.
ހައި ކޯޓުން މި ނުކުތާތަކަށް ރިޢާޔަތް ކުރައްވައި، މައްސަލަ ބެއްލެވުމަށްފަހު ނިންމަވާފައި ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.
" ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ނިންމެވުން ރަނގަޅުނޫންކަމަށް ބަލާނެ ތަނެއް ނެތްކަމަށް މިޤަޟިއްޔާ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ."، ހައި ކޯޓުގެ ހުކުމްގައި ވެއެވެ.
ނަޒާހާގެ ފަރާތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށް، ނަޒާހާގެ ފިރިމީހާ ޝާހިދު ގަޔަށް ވަޅި ހެރީ މަރާލުމުގެ ގަސްދު އޮވެގެން ނޫން ކަމަށާއި އެއީ އަމިއްލަ ނަފްސުގެ ދިފާއުގައި ކުރި ކަމެއް ކަމަށް ވަނީ ބުނެފައެވެ.
އެހެން ނަމަވެސް މިއަދު ހައި ކޯޓުން ފާހަގަ ކޮށްފައި ވަނީ ޝާހިދުގެ ބުރަކަށްޓަށް ވަޅިއެއް ހަރާލިކަމާއި އަދި އެވަޅި ޝާހިދުގެ ބުރަކަށްޓަށް ހަރާލުމުގެ
ސަބަބުން ހަމަ އެދުވަހުގެ ވަގުތެއްގައި ޙަސަން ޝާހިދު ނިޔާވެފައިވާ ކަމާމެދު ނަޒާހާގެ ފަރާތުން އިންކާރުކޮށްފައި ނުވާކަމާއި، އަދި ޙަސަން ޝާހިދުގެ ބުރަކައްޓަށް ވަޅި ހެރުމަށްފަހު އެކަން މޯލްޑިވްސް ޕޮލިސް ސަވިސްއަށް ރިޕޯޓުކުރީވެސް އަދި ޙަސަން ޝާހިދުގެ ބުރަކަށްޓަށް ނަޒާހާ ހަރާލި ވަޅި އޮތްތަން ފުލުހުންނަށް ކިޔައިދީ އެވަޅި ދެއްކީވެސް ނަޒާހާކަން ނަޒާހާގެ ބަހުން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.
ނަޒާހާގެ ފަރާތުން ކްރިމިނަލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށްބަލާއިރު ނަޒާހާގެ ފަރާތުން އިންކާރުކޮށްފައިވަނީ، އެކަމަކީ ނަޒާހާ ޤަޞްދުގައި ކޮށްފައިވާ ކަމެއް ކަމާމެދުގައިކަމާއި، ނަޒާހާ ބުނެފައިވަނީ މަރުގެ އެހާދިސާއަކީ ނަޒާހާ އޭނާގެ އަމިއްލަ ނަފްސުގެ ދިފާޢުގައި އަދި ނަޒާހާ ތަހައްމަލް ކުރަންޖެހިފައިވާ އަނިޔާގެ ސަބަބުން ހީނަރުވެފައިވާ ނަފްސާނީ ޙާލަތެއްގައި ކުރި ކަމަކުން ހިނގާދިޔަ ހާދިސާއެއް ކަމަށެވެ.
އެގޮތުން މިއީ މިއީ ޤަޞްދު މަރެއްތޯ ނުވަތަ ނޫންތޯ ބަލާއިރު، ކަން ހިނގައިދިޔަ ގޮތާއި، ޙާލަތާއި، ޤަރީނާތަކުން ފާޅުވެ ފެންނަންހުރި ކަންތައްތަކުގެ މައްޗަށް ބަލާއިރު، ހަސަން ޝާހިދުގެ ފަރާތުން މަރްޔަމް ނަޒާހާއަށް ހަމަލާދީ އަނިޔާކުރުންފަދަ އެއްވެސް ކަމެއް އެދުވަހު އެތަނުގައި ހިނގާފައި ނުވާކަމާއި އަދި އެފަދަ ކަމެއް ޙަސަން ޝާހިދުގެ ފަރާތުން ކުރެވޭނެ ވަގުތުވެސް ތަނަވަސްވެފައިނުވާކަން އެނގެން އޮންނައިރު، ޙަސަން ޝާހިދު ގެ ގަޔަށް މަރްޔަމް ނަޒާހާ ހަރާލާފައިވަނީ ތިލާގައި ގާތްގަނޑަކަށް 5 އިންޗި ހުންނަ ވަރުގެ ވަޅިއަކަށް ވެފައި، ވަޅިއަކީ މީހަކު މަރާލެވިދާފަދަ ތޫނު ހަތިޔާރަކަށް ވާއިރު، ވަޅި ހަރާލާފައިވަނީ ޙަސަން ޝާހިދުގެ ބުރަކަށްޓަށް ފަހަތުން ކަމަށް
ވުމުން، އެހާދިސާ ހިނގައިދިޔަ ގޮތުގެ މައްޗަށާއި، ޙަސަން ޝާހިދަށް ހަމަލާ ދިނުމަށް ބޭނުންކޮށްފައިވާ ހަތިޔާރަށާއި، އަދި ހަމަލާ ދީފައިވާ ތަނަށާއި އަދި ހަމަލާ ދީފައިވާ ގޮތަށް ބަލާއިރު، ނަޒާހާ ޙަސަން ޝާހިދާ މެދު ހިންގި ޢަމަލަކީ ޙަސަން ޝާހިދު މެރުމުގެ ޤަޞްދު ފިޔަވައި އެހެން ޤަޞް ދެއްގައި ހިންގާފައިވާ ޢަމަލެއްކަމަށް ބެލެވިދާނެ ހަމައެއް އޮތްކަމަށް ނުފެންނަ ކަަމށް ހައި ކޯޓުގެ ހުކުމްގައިވެއެވެ.
އެހެންކަމުން، މަރްޔަމް ނަޒާހާ ގެ ނަފްސު ދިފާޢުކުރަންޖެހޭފަދަ ޙާލަތެއް، އަދި އަމިއްލަ ނަފްސުގެ ދިފާޢުގައި ޙަސަން ޝާހިދުގެ ގަޔަށް ވަޅި ހަރަންޖެހޭފަދަ ޙާލަތެއް އޮތްކަމަށް ބެލެވޭ ކަންތައްތަކެއް ފެންނަން ނެތްކަމާއި، މުއްތަހަމު ކުރި ޢަމަލަކީ އަމިއްލަ ނަފްސުގެ ދިފާޢުގައި ކުރިކަމެއްކަމަށް ބުނާނަމަ އެކަން ސާބިތުކޮށްދޭން ޖެހޭއިރު، އަދި އެދިފާޢަކީ ހުއްދަ ދިފާޢެ އްކަމުގައި ވާންޖެހޭއިރު، މަރްޔަމް ނަޒާހާގެ ފަރާތުން އެކަން ސާބިތުކޮށްދެވިފައި ނުވާކަން ހުކުމްގައި ވަނީ ފާހަގަ ކޮށްފައެވެ.
މަރްޔަމް ނަޒާހާގެ މައްޗަށް ކަ ނޑައެޅިފައިވާ އުމުރަށް ޖަލަށްލުމުގެ އަދަބާ ގުޅޭގޮތުން ސުވާލު އުފައްދައި މަރްޔަމް ނަޒާހާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަނީ ވާހަކަ ދައްކާފައެވެ.
ޤަޞްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވިނަމަވެސް، މަރުވިމީހާގެ ވާރިސުންކުރެ އެއްމެ މީހަކުނަމަވެސް މަރަށް މަރު ބޭނުން ނޫންކަމަށް ބުނެފި ނަމަ، ނުވަތަ މަޢާފު ދީފިނަމަ އެމީހާގެ ކިބައިން ޤިޞާޞް މަޢާފުވެގެން ދާނެއެވެ.
މި މައްސަލައިގައި ޝާހިދުގެ ވާރިސުން ވަނީ މަރަށް މަރު ހިފަން ބޭނުން ނޫން ކަމަށް ބުނެފައެވެ. އެހެންކަމުން ޖުމްހޫރު އިލްމުވެރިންގެ ބަހަށް ބަލާއިރު ގަސްދުގައި މީހަކު މެރި މީހަކު އުމުރަށް ބަންދުކޮށްފައި ބެހެއްޓުމުގެ އަދަބު ދިވެހިރާއްޖޭގެ ކޯޓުތަކުން ކަނޑައެޅިދާނެކަން އެނގޭއިރު ޢަމަލުކުރައްވަމުން ގެންދަވާ އުޞޫލަކީވެސް މިއީކަން ވަނީ ފާހަގަ ކޮށްފައެވެ.
ވުމާއެކު، އިސްތިއުނާފުކުރެވިފައި މިވާ މައްސަލާގައި މަރްޔަމް ނަޒާހާގެ މައްޗަށް ޤަޞްދުގައި މީހަކުމެރުމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅުއްވައި، قصاص (މަރަށް މަރު) ހިފުން މަނާކުރާޙާލަތެއް މިމައްސަލާގައި އޮތުމުން، ތަޢުޒީރީ އަދަބުގެ ގޮތުގައި މަރްޔަމް ނަޒާހާ އުމުރަށް ޖަލަށް ލުމަށް ނިންމަވާފައިވަނީ މިބާވަތުގެ މައްސަލަތަކުގައި ފަނޑިޔާރުން ޢަމަލުކުރަންޖެހޭ ގޮތްކަމަށް ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ގޮތާ އެއްގޮތަށް އިސްލާމީ ޝަރީޢަތާ އެއްގޮތަށް ކަމަށް ވަނީ ނިންމަވާފައެވެ.
އެހެން ނަމަވެސް ޖިނާއީ ކުށްތަކުގައި ޝަރީޢަތުން ކަނޑައެޅޭ އަދަބުތައް ލުއިކޮށްދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ޤާނޫނީ ތަރަހައިގެ ތެރެއިން ކަނޑައެޅި، މިހާރު ޢަމަލުކުރެވެމުންދާ ހަމަތަކާއި އުޞޫލުތަކުގެ މައްޗަށް ބަލާއިރު، ނަޒާހާގެ ފަރާތުން މި މައްސަލަ ހުށަހަޅައިފިނަމަ، އެއަދަބަށް ލުއިދެވިދާނެ އަދަބެއްކަމުން، މަރްޔަމް ނަޒާހާ އުމުރަށް ޖަލަށްލުމަށް ކުރި ހުކުމަށް ލުއި ދެވިދާނެ ކަމަށް ހައިކޯޓުގެ ހުކުމްގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ