ފާތުމަ މަރާލި މައްސަލަ ޝަހީމްގެ މައްޗަށް ސާބިތު ނުވާ ކަމަށް ޙުކުމް ކޮށްފި

ހދ. ނޭކުރެންދޫ، ރަންވިލު، ފާތިމަތު ޒަކަރިއްޔާ ނުވަތަ ފާތުމަ ދައިތަ މަރާލި މައްސަލަ ކ. ގުރައިދޫ ގުލްހަޒާރުގޭ އަލީ ޝަހީމްގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ދާދި ދެންމެއަކު ޙުކުމް ކޮށްފިއެވެ.
ފާތުމަ މަރާލާފައިވަނީ ، 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ މަޣްރިބު ނަމާދު ބަންގީގެ ފަހުގެ ވަގުތެއްގައި އަލީ ޝަހީމް ރަންވިއު ގެއަށް ވަދެ އުޅުމުގެ ތެރޭގައި، އެގޭ ކޮޓަރީގައި އޮތް ތުވާލި ގަނޑެއް ނެގުމަށްފަހު ފާތިމަތު ޒަކަރިއްޔާގެ ފަހަތުން ގޮސް ތުވާލިގަނޑުން ފާތިމަތު ޒަކަރިއްޔާގެ އަނގަޔާއި ނޭފަތާއި އެއްކޮށް ހިފަހައްޓާ ނޭވާ ހާސްކޮށްލުމަށް ފަހުގައި ކަމަށް ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާގައި ވެއެވެ.
ނަމަވެސް، ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގަިއ ބުނެފައި ވަނީ، ޝަހީމް މި ދައުވާގެ އަސްލަށް އިންކާރުކޮށްފައި ވާތީއާއި، ޝަހީމް ދައުވާއަށް އިންކާރު ކުރުމާއި ގުޅިގެން، ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި އެއްވެސް ހެއްކެއްގެ ހެކިބަހުން ފާތުމަ މަރާލާފައި ވަނީ ޝަހީމްކަން އެނގެން ނެތް ކަމަށެވެ.
އެންމެ ފުރަތަމަ ހީކުރެވިފައި ވަނީ ފާތުމަގެ މަރަކީ ޤުދުރަތީ މަރެއް ކަމަށެވެ. އެހެން ނަމަވެސް ޝައްކު ކުރެވޭ ކަންތައްތަކެއް ފާހަގަ ކުރެވިގެން ފަހުން ބެލި ބެލުމުން ފާތުމަ މަރާލާފައިވާކަން އެނގުނީ އޭނާ ވަޅުވެސް ލީފަހުންނެވެ.
ނަމަވެސް ފާތުމަގެ މަރަކީ މީހަކު ގަސްދުގައި ކޮށްފައިވާ ކަމެއްކަން ހާމަކޮށް ޑޮކްޓަރުގެ ރިޕޯޓެއް ޝަރީއަތަށް ހުށަހެޅިފައިނުވާކަން ވެސް ގާޒީ ވަނީ ފާހަގަ ކުރައްވާފައެވެ.
މިފަދަ މައްސަލަތައް އެއްވެސް ޝުބުހައެއް ނެތް މިންވަރަށް ސާބިތުކޮށްދިނުމަކީ ދައުވާ ހުށަހަޅާ ފަރާތުން ކުރަންޖެހޭ ކަމެއް ނަމަވެސް، އެ މިންވަރަށް ޝަހީމްގެ މައްޗަށް ހެކިބަސް ލިބިފައި ނުވާކަމަށް ހުކުމްގައި ވެއެވެ.
ޝަހީމް ވަނީ ތަހުޤީޤުގައި ކުށަށް އިއުތިރާފުވެ، އެކަން ކުރި ގޮތް ކިޔައިދީ އެކަން ކުރި ގޮތް ތަމްސީލުކޮށްދީފައެވެ. ނަމަވެސް ޝަރީޢަތުގައި އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. ދައުލަތުން ވަނީ މި ވީޑިއޯތައް ޝަރީޢަތަށް ހުށަހަޅާފައެވެ. ނަމަވެސް އެ ވީޑިއޯތަކުގެ ފޮރެންސިކް ރިޕޯޓް ހުށަހަޅާފައިނުވާކަމަށް މިއަދު އިއްވި ހުކުމްގައި ވެއެވެ.
މި ހާދިސާގައި ގަސްދުގައި މީހަކު މަރާލުމުގެ އިތުރުން މީހުން ދިރިއުޅޭ ތަނަކުން ވައްކަން ކުރުމުގެ ދައުވާވެސް ދައުލަތުން ވަނީ ޝަހީމްގެ މައްޗަށް އުފުލާފައެވެ. އަދި މި ދައުވާ އޭނާގެ މައްޗަށް ސާބިތުވެ، ޝަހީމް ހަތަރު އަހަރަށް ޖަލަށް ކްރިމިނަލް ކޯޓުންވަނީ ޙުކުމް ކޮށްފައެވެ.
ޝަހީމްގެ މައްޗަށް ގިނައަދަދެއްގެ ގަހަނާތަކަކާއި ފޯނެއް ވަގަށް ނެގި ކަމުގެ ތުޙުމަތު ދަޢުލަތުން ކުރި ނަމަވެސް ޝަހީމްގެ މައްޗަށް ސާބިތުވީ ފޯނު ވަގަށް ނެގި މައްސަލަ އެކަންޏެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލި ވައްކަމުގެ ދައުވާގައި ބުނެފައި ވަނީ ފާތުމަ ދައިތަ މަރާލުމަށް ފަހު ފާތުމަދައިތަ ކަރުގައި އޮތް ދެ ރަން ފަށާއި ކަންފަތުގައި އިން ދެ ރަން ބޮޅާއި ފައިގެ އިނގިލީގައި އަޅާފައި އޮތް ދެ އަނގޮޓީގެ އިތުރުން އަތުގައި އަޅާފައި އޮތް ކެވެލިފަށެއްގެ އިތުރުން، ބައްތި ފޯނެއް ވަގަށް ނަގާފައި ވާކަމަށެވެ.
ހުކުމްގައި ބުނެފައި ވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ޝަހީމް ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ޖީބުން ފެނުނު ނޮކިޔާ ފޯނުގެ އައިއެމްބީ ނަމްބަރާ ފާތުމަ ގެންގުޅުނު ފޯނުގެ އައިއެމްބީ ނަމްބަރު ދިމާވާ ކަމަށާއި، އެ ފޯނަކީ އޭނާ އަށް މީހަކު ވިއްކި އެއްޗެއް ކަމަށް ބުނި ނަމަވެސް އެކަން ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށެވެ.
އަދި އެ ފޯނު ޝަހީމް ގެންގުޅުނުކަމަށް އޭނާގެ ކުރީގެ އަންހެނުން ވެސް ޝަރީއަތުގައި ހެކިބަސްދީފައިވާކަން ހުކުމްގައި ވަނީ ފާހަގަކޮށްފައެވެ.
ގަހަނާތަކެއް ނެގިކަމަށް ދައުލަތުން ކުރި ދައުވާގައި ބުނި ނަމަވެސް، އެކަން ޝަރީޢަތަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ. ގަހަނާތައް ބިދޭސީންތަކަށް ވިއްކި ކަމަށް ދެ ބިދޭސީއަކު ޝަރީއަތުގައި ހެކިބސް ދީފައި ވީނަމަވެސް، ހުކުމްގައި ބުނެފައި ވަނީ  އެ ގަނާތައް ނެގީ ފާތުމަގެ ގެ އިން ކަން ދައުލަތަށް ސާބިތު ކޮށްދެވިފައިނުވާކަމަށެވެ.
ވައްކަމުގެ ދައުވާ ސާބިތުވެ އޭނާގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައި ވަނީ މިއީ ޝަހީމްގެ މައްޗަށް މިފަދަ ކުށެއް ސާބިތުވާ ދެވަނަ ފަހަރު ކަމަށްވާތީ ކުށުގެ އުޤޫބަތެއްގެ ގޮތުން ދެ އަހަރު ދުވަހުގެ ޖަލު ހުކުމަކާއި، ޝަހީމް ވައްކަންކޮށްފައި ވަނީ މީހުން ދިރިއުޅޭ ގެއަކުން ކަމަށް ވުމުން އެކުށުގެ އުގޫބަތެއްގެ ގޮތުން ދެ އަހަރުގެ ޖަލު ހުކުމަކާއި އެކު ޖުމްލަ ހަތަރު އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ