ކުރީގެ ރައީސް ނަޝީދު ސަރުކާރުގައި ކަރަންޓް ‘ހަމަ’ އަގަށް ގެނައި ކަމަށްބުނެ ކަރަންޓް އަގު ބޮޑުކުރުމުން ރައްޔިތުން ހަނާ ވަނީ އޭ ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާކުރިއެވެ. މިކަމާއި ގުޅިގެން ސިލްސިލާ މުޒާހަރާތަކެއް 2011 ވަނަ އަހަރު ވަނީ ކޮށްފައެވެ. ކަރަންޓާއި ތަކެތީގެ އަގު ބޮޑުވާތީ ‘ރައްޔިތުންގެ’ ހައްގުގައި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ރައީސް ނަޝީދުގެ ފާޑު ފާޑުގެ ފޮޓޯތައް ހަދައިގެން މުޒާހަރާކުރިއެވެ. އޭރު އިދިކޮޅު ފަރާތްތައް މިހާރު އެތިބީ ސަރުކާރު ހިންގާށެވެ. ރައްޔިތުންނާއި ދޭތެރޭ އޭރު ވަރަށް ކަންބޮޑުވި ފަރާތްތަކުން މިއަދު ކޮބައިތޯ ރައްޔިތުންގެ ތެރެއިން ބައެއް މީހުން ދަނީ ސުވާލުކުރަމުންނެވެ.
” މިއަދު ކޮބާ އެ މީހުން. އުޅޭ ބައެއް ކަމެއްވެސް ނޭނގެ” މާލޭގެ ހޮޓަލެއްގެ ތެރޭގައި އިދިގެން ވަރަށް ހިތްހަމަނުޖެހިފައި މީހަކު ބުންޏެވެ. ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭނެ ކަމަށްބުނެ ‘ހޯޕް” ދައްކައިގެން ވެރިކަމަށް އައި ސަރުކާރުން މިއަދު މިވަނީ ރައްޔިތުން މާޔޫސްކޮށްލާފައެވެ. ގިނަ ބަޔަކު ‘ހޯޕްލެސް’ ވެއްޖެކަން ހޮޓާތަކާއި ބާޒާރު މައްޗާއި ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކުން އެނގެއެވެ. ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ތެރެއިން ބައެއް ބޭފުޅުންވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އެހެންނަމަވެސް ހަނާ ވަނީ މުޒާހަރާގައި ހަރަކާތްތެރި މެމްބަރުން ތިބީ އެއްޗެއް ވިދާޅުނުވެއެވެ. ވަކިން ޚާއްސަކޮށް ސަރުކާރު ހިންގާ ޕީޕީއެމްގެ މެމްބަރުން މިކަމަށް ޖަވާބުދާރީ ވާންޖެހެއެވެ. ނިކަމެތި ރައްޔިތުން މީހާ އަށް ކާޑު އަގުބޮޑުކުރުމުގެ ސަބަބުން ކުރާ އަސަރު މެމްބަރުން ބައްލަވަން އެބަޖެހެއެވެ. ޕީޕީއެމްގެ ބައެއް މެމްބަރުން މިކާމާއި ދެކޮޅަށް މެމްބަރުންގެ ވައިބާ ގްރޫޕްގައި ލިޔެފައިވާތީ އެ މެމްބަރުންނަށް ޝުކުރު ދަންނަވަމެވެ.
ސަރުކާރު މޮޅު ކަމެއް ކޮށްލާއިރަށް މެޑަލް ޖަހާލަށް ނުކުން ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރާއި ސަރުކާރަށް ސާނާއި އާއި ތައުރީފް ކުރައްވާ މެމްބަރުން މިއަދު ރައްޔޮތުންގެ ހައްގުގައި ނުކުންނަވަންޖެހެއެވެ. ސަބަބަކީ މި ސަރުކާރަށްވާ ކޮންމެ ގެއްލުމެއްގެ އަސަރު އެއްމެ ބޮޑަށްކުރާނީ ތިބޭފުޅުންނަށެވެ. މިއަދު ރައްޔިތުން ހަނާ ވަނީކީ ނޫނެވެ. ރައްޔިތުން ދަނީ ފަނާވަމުންނެވެ. ރައްޔިތުން ފަނާވާއިރު، ރައްޔިތުން ހަނާވެގެން ކަންބޮޑުވި މީހުން ކޮބައިތޯއެވެ. ‘ހޯޕޭ’ ‘ޔޫތޭ’ ކިޔައިގެން ރައްޔިތުންނާއި ހިސާބަށް އަންނާނެ ދުވަސް އެބައާދެއެވެ. ރައްޔިތުންގެ ކަރުބުޑުގައިލާ ހިތިރަހައިގެ އަސަރު ދައްކާލާނެކަން ޔަގީނެވެ.
ކޮލަމް ސައްލާ: ރައްޔިތުން ހަނާވަނީއޭކިޔާ ގޮވި މީހުން ރައްޔިތުން ފަނާވާއިރު ކޮބާ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ