ނަޝީދު ވެރިކަމަށް އައީ މައުމޫން ޑިމޮކްރަސީ ނުގެންނަވައި ލަސްކުރެއްވުމުން - ތަސްމީން

ކުރީގެ ރައީސް ނަޝީދު ވެރިކަމަށް އައުމަށް މަގުފަހިވެގެންދިޔައީ، ކުރީގެ ރައީސް މަޢުމޫން، އެމަނިކުފާނުގެ ވެރިކަން ކޮންމެ ގޮތަކުންވެސް ދެމެހެއްޓެވުމުގެ ބޭނުންފުޅުގައި، މީގެ މާކުރީންވެސް ގެނެވެން އޮތް ޑިމޮކްރަސީގެ ބަދަލު ނުގެންނަވައި ލަސްކުރެއްވުމުގެ ސަބަބުންކަމަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ތަސްމީންގެ ރަސްމީ ބްލޮގްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި އެމަނިކުފާނު ވިދާޅުވީ ވަށައިގެން ބަލައިލާއިރު ފެންނަނީ ކުށް ކުރުން އިތުރުވެ، ހުއްޓުން އަރާފައިވާ އިޤްތިޞާދަކާއި، ވަޒީފާ ނުލިބިފައި ތިބި ޒުވާނުންނާއި ބައިބައިވެފައިވާ މުޖުތަމަޢުއެއް ކަމަށެވެ.
ގައުމު ބައިބައިވެފައިވާއިރު ގައުމުގެ ޙާލަތު މިއަދު އޮތްގޮތުން ޢާއިލާތަކަށް ލިބެމުންދާ ގެއްލުން ނުހަނު ބޮޑު ކަމަށާއި މަސްތުވާތަކެތީގެ ސަބަބުން ސުންނާފަތިވެފައިވާ ޢާއިލާތައް ގިނައިރު ކުށްތަކަށް އަރައިގަނެވި ކުށުގެ ޝިކާރައަކަށްވެގެން ހަލާކުވެދިޔުމުގެ ބިރުވެރިކަމުގެ ތެރޭގައި ތިބި ޒުވާނުންގެ އަދަދު އެހާ ގިނަ ކަމަށާއި މިގައުމު މިއޮތީ ހަލާކުވެ ދިއުމުގެ މަގުމަތީގައި ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"މިކަމުގައި އެންމެ ބޮޑު ޒިންމާއެއް އުފުއްލަވަން ޖެހޭނީ ކުރީގެ ރައީސް ނަޝީދެވެ. ރައީސް ނަޝީދުވަނީ އަޅުގަނޑުމެންގެތެރޭގައި އޮތް އަޚްލާޤީ ރިވެތި އުޞޫލުތައް ނެތެމުން، އުވެމުން ދާނޭ ޘަޤާފަތެއް އުފައްދަވާފައެވެ. އެޘަޤާފަތުގައި ވަނީ ދަރީން މައިންބަފައިންނަށް އިޙްތިރާމް ނުކުރުމެވެ. ޤާނޫނާއި ޤަވާޢިދުތަކަށް ކިޔަމަން ނުވުމެވެ. ސިފައިންނާއި، ފުލުހުންނާއި، ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރަމުން އައި އިޙްތިރާމަށް ގޮންޖެހުމެވެ. މުއައްސަސާތަކުގެ އަގު ވައްޓާލުމެވެ." ތަސްމީން ވިދާޅުވެފައިވެ އެވެ.
ނަޝީދާއި، އެމަނިކުފާނުގެ ފަހަތްޕުޅުގައިވާ، ވަކި ހަމައަކަށް އުޞޫލަކަށް ނުބައްލަވާ އެކުވެރީންގެ އަތަށް ވެރިކަން އެނބުރި ހިނގައްޖެނަމަ ފެނިގެންދާނީ މިފަދަ ޘަޤާފަތް ގައުމުގައި އިތުރަށް ދިރުވައި ފަތުރާ ތަން ކަމަށާއި ހަމައެއާއެކު ދައުރު ހަމަ ނުވަނީސް އިސްތިއުފާ ދޭން ޖެހުމުން ބަދަލު ހިފުމުގެ ރޫޙެއްގައި ކަންތައްތައް ކުރައްވާ ތަން ކަމަށެވެ.
އަދި ރައީސް މަޢުމޫނަށް ބާރު ލިބިވަޑައިގަންނަވާ ގޮތަށް ވެރިކަން ފުރޮޅިގެން ހިގައްޖެނަމަ، ފެންނަމުންދާނީ، ގައުމުގައި މިހާރު މިހިރަ ބޮޑެތި މައްސަލަތަކަށާއި، ގައުމުގެ މުސްތަޤްބަލު ބިނާކުރުމަށް އިސްކަންދެއްވުމަށްވުރެ ބޮޑަށް މާޒީވެ ދިޔަތަނަށް ބަދަލު ހިފެމުންދާތަން ކަމަށާއި މިގޮތަށް މިކަންކަން ވިޔަދީގެނެއް ނުވާނެ ކަމަށް ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ މި ގޮންޖެހުންތައް ޙައްލުކުރުމުގެ އިތުރަށް، މިއަދު ފުނޑުފުނޑުވަމުންމިދާ ޤައުމީ އަގުތައް ޙިމާޔަތްކުރެއްވުމުގައި، ސިޔާސީ ބޭފުޅުން ޒަޢާމަތު ދައްކަވަން އެބަޖެހޭ ކަމަށާއި މިއަދުގެ ޙަޤީޤަތަށް ބަލައިލާއިރުވެސް ފެންނަމުންމިދަނީ، މިއުނދަގޫ ކަންތައްތައް ދުރުގައި ބަހައްޓާފައި، މިއަށްވުރެމާ ފަސޭހަ، މާކުދިކުދި ކަންކަމަށް ވާހަކަދައްކަވައިގެން ނޫސްތަކާއި ޓީވީތަކުގެ ފަލަ ސުރުޚީ ހޯއްދަވަން މަސައްކަތްކުރައްވާ ބޭފުޅުން ކަމަށެވެ.
"ފަހަރުގައި ބޮޑެތި މައްސަލަތަކާ ކުރިމަތިލައްވަން އެބޭފުޅުންނަށް ކެރިވަޑައިނުގަންނަވަނީ ކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މި ބޮޑެތި މައްސަލަތަކަކީ އެކިގޮތްގޮތުން ޙާލުގައި އުޅޭ އެތައް ދިވެހިންނަކާއި، ކުށްކުރާ މީހުންގެ ޝިކާރައަކަށް ވެފައިވާ އެތައް ދިވެހިންނެއް އިންތިހާ ދަރަޖައަށް ކަންބޮޑުވެފައިވާ މައްސަލަތަކެއްކަމެވެ. މިފަދަކަންކަމާމެދު އަޅާނުލެވި، ދޫކޮށްލެވިފައި އޮތުމާއެކު، ރައްޔިތުން ސިޔާސީ ފަރާތްތަކަށް ކުރާ އިތުބާރު މީގެކުރީން ދުވަހަކުވެސް ނުދާހިސާބަށް މިއަދު ދަށަށް ގޮސްފައިވާކަމާމެދު ހައިރާންވާނެ ޖާގައެއް ނެތެވެ." ތަސްމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ