ހުޅުމާލޭ ކޯޓުން ކުރި އަމުރުގެ މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ނެރުނު އަމުރު އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ބަލައިގަނެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.
ހައި ކޯޓުން ބުނެފައިވަނީ  ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބޭ ކޮންމެ މީހަކުމެ އެ އަމުރަށް ހާޒިރުވާން ޖެހޭނެ ކަމަށާއި އެފަދަ އަމުރެއްގެ މައްސަލަ އިސްތިއުނާފު ކުރެވޭނީ އަމުރަށް ކޯޓަށް ހާޒިރުވުމަށް ފަހު، އެ އަމުރަކާ ބެހޭ ގޮތުން އިޖުރާއީ މައްސަލައެއް އޮތް ނަމަ އެ ކަމަކާ ގުޅިގެން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެންކަން ހައި ކޯޓުގެ ކުރީގެ ގަޒިއްޔާ އަކުން ނިންމާފައިވާ ކަމަށެވެ.
ނަޝީދުގެ ފަރާތުން އިސްތިއުނާފުކުރި މައްސަލާގައި ހުޅުމާލޭ ކޯޓުގެ ސައްހަކަމާ މެދު ފާހަގަކޮށްފައިވާ ނުކުތާ އަކީ ހައި ކޯޓުގެ ގަވާއިދުގެ ދަށުން އެ ކޯޓުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ވެސް  ހައި ކޯޓުން ބުނެފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން މިހާރު ދަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.
ރައީސް ނަޝީދު މިއަދު 4:00 ޖަހާއިރަށް  ޝަރީއަތަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ހުޅުމާލޭ ކޯޓުން އަމުރުކުރި ނަމަވެސް ފުލުހުން ބުނެފައިވަނީ ނަޝީދު ކޯޓަށް ހާޒިރުކުރުމަށް ހުޅުމާލޭ ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކީ ކޯޓަށް މީހުން ހާޒިރުކުރުމާއި ބެހޭ ޤަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން އަމަލުކުރުމަށް ކުރައްވާފައިވާ އަމުރެއް ކަމަށެވެ.
އަދި އެއަމުރުގައި ބަޔާންކުރައްވާފައިވަނީ އެމަނިކުފާނު ހާޒިރުކުރުމަށް ކަމަށްވުމުން އެއަމުރުގެ ދަށުން އެމަނިކުފާނު ކޯޓަށް ހާޒިރުކުރެވޭނީ އެމަނިކުފާނުގެ ރުހުމުގައިކަމަށް  ވެސް ފުލުހުން އިއްޔެ ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ