“ދިވެހިންގެ އެއާޕޯޓު ދިވެހިންނަށް” މިޝިޔާރުގެ ދަށުން ކުރިއަށްގެންދާ ގައުމީ ހަރަކާތުގެ ދަށުން އެއާޕޯޓު މިނިވަންކުރުމުގެ ކަނޑުމަތީ ހަރަކާތް މިއަދު ހަވީރު ފޮރިން މިނިސްޓްރީ ކައިރިން ފެށޭނެ ކަމަށް ގައުމީ ހަރަކާތުން އިއުލާންކޮށްފި އެވެ.
އެއާޕޯޓު މިނިވަންކުރުމުގެ ގައުމީ ހަރަކާތާއި ގުޅޭގޮތުން "އެމްވީޔޫތަށް" މައުލޫމާތު ދެއްވަމުން މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވީ ފޮރިން މިނިސްޓްރީ ކައިރިން މިއަދު ހަވީރު 4 ޖަހާއިރު މި ހަރަކާތް ފެށިގެންދާނެ ކަމަށެވެ. ނަމަވެސް މިކަމާއި ބެހޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
އެމްވީޔޫތަށް މައުލޫމާތު ލިބިފައިވާ ގޮތުން ކަނޑުމަތީގެ ހަރަކާތުގައި ބައިވެރިވުމަށް މިހާރު ވަނީ ގިނަ އަދަދެއްގެ ދޯނި ފަހަރާއި ލޯނޗު ފަހަރު ނަން ނޯޓުކޮށްފައެވެ. އެގޮތުން 70 އަށް ވުރެން ގިނަ އުޅަނދުތައް ނަން ނޯޓުކޮށްފައިވެ އެވެ.
އެއާޕޯޓު މިނިވަންކުރުމުގެ ގައުމީ ހަރަކާތުގެ ދަށުން މިދިޔަ ހުކުރު ދުވަހު ބޭއްވި ގައުމީ ބޮޑު މަހާސިންތާގައި ވާހަކަފުޅުދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވީ އެއާޕޯޓު އެގްރީމެންޓަށް އަމަލުކުރުން ހުއްޓުވުމަށް ރައީސް ވަހީދު ހަސަން އަށްދީފައިވާ މުހުލަތު 15 ވަނަ ދުވަހު ހަމަވާނެތީ އެކަން އެދުވަހުގެ ކުރިން ނިންމުމަށްޓަކައި ކަނޑުމަތީގެ ހަރަކާތެއް ކުރިއަށްގެންދާނެ ކަމަށެވެ.
ނަމަވެސް މި ހަރަކާތް ކުރިއަށް ގެންދާނެ ގޮތެއް އިމްރާން ވިދާޅުވެފައެއް ނުވެ އެވެ. މި ހަރަކާތް އިންތިޒާމްކުރާ ފަރާތްތަކުން މި ހަރަކާތް ކުރިއަށްގެންދނެ ގޮތް ވަނީ ވަރަށް ބޮޑަށް މީޑިއާގައި ސިއްރުކޮށްފައެވެ.
އެދުވަހު މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު ވަނީ ކަނޑުމަތީގެ އެހަރަކާތް މިއަދު ބޮޑު އެއްވުމުގެ ބައިވެރިވަމުންދާ ހުރިހާ ފަރާތްތަކެއް ބައިވެރިވުމަށް ގޮވާލާފައެވެ. އަދި އެދުވަހު ގޭގެ ކެއްކުން ހުއްޓާލާފައިވެސް ގައުމަށްޓަކައި ނިކުތުމަށް އަބްދުﷲ ގޮވާލެއްވި އެވެ.
ކުރިން މަދު ބަޔަކު ބައިވެރިވަމުންދިޔަ އެއާޕޯޓު މިނިވަން ކުރުމުގެ ގައުމީ ބޮޑު މަހާސިންތާގައި ހުކުރު ދުވަހު ކުރިއަށްދިޔައިރު އެތައް ހާސް ބަޔަކު ބައިވެރިވެފައިވެ އެވެ.
ކަނޑުމަތީގެ ހަރަކާތް މިއަދު ހަވީރު ފޮރިން މިނިސްޓްރީ ކައިރިން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ