ދިވެހި ތާރީހުގައިވެސް ފަގީރު ނުވާ މިންވަރަށް ގައުމު ފަގީރުވެއްޖެ : ސައީދު

ދިވެހި ރާއްޖެ މިއަދު ދެކެމުން މިދަނީ ދިވެހިންގެ ތާރީހުގައިވެސް ފަގީރު ނުވާ މިންވަރަށް މުޅި ގައުމު ފަގީރުވެފައިވާ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި، ބޭސް ގެނައުމަށް އެސްޓީއޯ އިން ނެގި ލޯނަކަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދިނުމާއި ގުޅިގެންނެވެ.
ސައީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ވެއްޓި މުޅި ދައުލަތުގެ އަގު މިހިސާބަށް ދާން ނުޖެހޭނެ ކަމަށާއި، މިހާރު ފެނިގެން މިދަނީ، ރާއްޖެ ފަގީރުވެގެން ދިޔަ ޒަމާނަށް ވުރެ ފަގީރުވެފައިވާ މަންޒަރު ކަމަށެވެ.
ސައީދު އިތުރަށް ވިދާޅުވީ ކޮވިޑް-19ގެ ނަމުގައި ރައްޔިތުންގެ އާންމު ދިރިއުޅުމަށާއި ވިޔަފާރިތަކަށް ސަރުކާރުން އަނިޔާވެރިވަމުންދާ ކަމަށެވެ.
“ސަރުކާރުން ބޭނުންވި ކޮންމެ ބާރެއް ތިން ބިލިއަން ރުފިޔާ ޓެކްސް ފައިސާގެ އިތުރަށް 4 ބިލިއަން ރުފިޔާ ޕްރިންޓްކުރީ މިހާލަތަށް ގައުމު ވެއްޓޭކަން ނޫން.” ސައީދު ވިދާޅުވިއެވެ.
ރާއްޖޭގައި ބޭރު ފައިސާ މަދުވެ ދަރަނި އިތުރުވުމާ ގުޅިގެން، ކްރެޑިޓް ރޭޓިން ކުންފުނި ފިޗުން ރާއްޖޭގެ ރޭޓިން “ބީ” އިން “ސީސީސީ” އަށް މިދިޔަ އަހަރު ވަނީ ދަށްކޮށްފައެވެ. މިއީ މި މިދިޔަ އަހަރު ރާއްޖޭގެ ރޭޓިން ދަށްކުރި ދެ ވަނަ ފަހަރެވެ.
ސީސީސީ ރޭޓިން އަކީ ދަރަނި ނުދެއްކޭ ދަރަޖައަށް މާލީ ހާލަތު ގޯސްވުމެވެ. ނަމަވެސް މާލީ އެކި އިދާރާތަކުން ރާއްޖޭން ނަގާފައިވާ ލޯނުތައް، މި ދަތި ހާލަތުގައި ވެސް ބަރާބަރަށް ދައްކަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ކާޑާއި ބޭސް ގެނައުމަށް އެސްޓީއޯއަށް ސަރުކާރުން ގެރެންޓީ ދީފައިވާއިރު، ލޯނު ނެގުމާ ގެރެންޓީ ދިނުމަކީ ސަރުކާރަކުން ކޮށްގެން ނުވާނެ ކަމަށް މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ވެރިކަމަށް އައުމަށްފަހު އެކަންތަކުގެ ހަނދާން ނެތުނީތޯ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ސުވާލު އުފައްދައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ