އުތުރު ތިލަފަޅު (ޔޫޓީއެފް)ގެ މަޝްރޫއުގެ މަންޒަރަށް "މިއަށް ވުރެ ފުޅާކޮށް ބޮޑު ލެންސަކުން ބަލަން ޖެހޭ" ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
އިންޑިއާއިން ރާއްޖޭގެ ސިފައިންނަށް ހަދައިދޭ ކޯސްޓް ގާޑު ބަނދަރާ ބެހޭ ގޮތުން ދެ ގައުމުން ވެފައިވާ އެއްބަސްވުމުގެ ޑްރާފްޓްގެ ކޮޕީއެއް ކަމަށް ބުނާ ލިއުންތަކެއް ސޯޝަލް މީޑިއާގައި ލީކްކުރެއްވީ އުމަރެވެ. އެކަމަކު އެއީ ދޮގު ލިއުންތަކެއް ކަމަށް، ސިފައިންގެ އެންމެ އިސް ޖެނެރަލުން އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
ދިވެހި ސިފައިންގެ އެންމެ މަތީ ވެރިން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭފުޅުން ވިދާޅުވީ ސިފައިންނަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތަކަކީ ފިތުނަފަސާދައެއް ކަމަށެވެ.
އުމަރު ލީކްކުރެއްވި ލިއުންތަކުގައި ހިމެނޭ މާއްދާތަކުގުގައި ބުނާ އެއްވެސް ކަމެއް، އިންޑިއާއާ އެކު ރާއްޖެއިން ވެފައިވާ އެއްބަސްވުމުގައި ނުހިމެނޭކަމުގެ ޔަގީންކަން، ސިފައިންގެ އިސް ވެރިން އިއްޔެ ދެއްވި އެވެ.
އުމަރު އިސްކޮށް ހުންނަވައި، ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) ނަމުގައި ހިންގާ އިސްލާހީ ހަރަކާތުން ރޭ ބޭއްވި ލައިވް އިވެންޓުގައި އޭނާ ވިދާޅުވީ ލީކްވި ލިއުންތަކަކީ އިންޑިއާއިން ފޮނުވި އެއްޗެއް ކަމަށް ސަރުކާރުން އިންކާރު ނުކުރާ ކަމަށެވެ.
އުމަރު ވިދާޅުވި ގޮތުގައި އެއީ ރާއްޖެއިން ސެޕްޓެމްބަރު 26، 2019 ގައި އިންޑިއާއަށް ފޮނުވި ޓާމްސް އޮފް ރިފަރެންސް އަށް ބިނާކޮށް މިދިޔަ ޖޫން 22 ގައި އިންޑިއާއިން ފޮނުވި އެގްރިމެންޓެއް ކަމަށެވެ.
"އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އެގްރިމެންޓް ފޮނުވި ގޮތަށް އޭތި އޮތީ. އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވާލާނަން، މިހާރު އިންޓަނެޓުގައި އެ އޮތް އެއްބަސްވުމަކީ އިންޑިއާ ސަރުކާރުން 26 ޖޫންގައި ދިވެހި ސަރުކާރަށް ފޮނުވި ގޮތް،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލީކުވެފައިވާ އެގްރިމެންޓަށް ފަހުން ބަދަލެއް ގެނައި ނަމަ އެކަން ސަރުކާރުން ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ.
ރާއްޖެއިން ސޮއިކުރީ ލީކްކޮށްލި ޑްރާފްޓްގައި ހިމެނޭ މާއްދާތަކަށް ބަދަލު ގެނެސް ކަމެއް ނުވަތަ ނޫން ކަމެއް، ޖެނެރަލުން ސީދާ ވިދާޅެއްނުވެ އެވެ. އެކަމަކު ލީކްކޮށްލި ޑްރާފްޓްގައި ހިމެނޭ މާއްދާތަކާ ސީދާ ފުށުއަރާ ވާހަކަތަކެއް ޖެނެރަލުން ވިދާޅުވުމުން ދޭހަވަނީ ސަރުކާރުން ސޮއިކޮށްގެން އުޅެނީ އުމަރު އާންމުކުރެއްވި އެގްރިމެންޓްގައި ނޫން ކަމެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ކޮންމެ ގައުމެއްގެ ކޮންމެ އުޅަނދަކަށް ވެސް ޔޫޓީއެފް ބޭނުންކުރެވޭނެ ކަމަށެވެ. ލީކްވި ލިއުންތަކުގައި އޮތް ގޮތުން ނަމަ އިންޑިއާ އާއި ރާއްޖެ ފިޔަވައި ދެން އެ ބަނދަރު ބޭނުންކުރެވޭނީ އެއް ސަރުކާރަކަށް ނިސްބަތްނުވާ، އަމިއްލަ ފަރާތްތަކުގެ އުޅަނދުފަހަރަށް ކަމެވެ.
ލީކްވި އެގްރިމެންޓްގައި ޔޫޓީއެފް ހިންގާށާއި ބެލެހެއްޓުމުގެ މަސައްކަށް އޭރަކަށް ބޭނުންވާ މިންވަރަށް އިންޑިއާާގެ ސިފައިން ތިބޭނެ އެވެ. އަދި ހަތިޔާރު ބޭނުންކުރަން ޖެހޭ ހާލަތެއްގައި އެކަން ކުރުމުގެ ހުއްދަ ވެސް ދިވެހި ސަރުކާރުން ދޭން ޖެހޭނެ ކަމަށް، އެއް މާއްދާގައި ބުނެ އެވެ.
އެކަމަކު ޝަމާލް ވިދާޅުވީ އެތަނުގައި އިންޑިއާ ސިފައިން ހަތިޔާރާ އެކު ވެސް ނުވަތަ ހަތިޔާރާ ނުލާ ވެސް ނުތިބޭނެ ކަމަށެވެ. އެ ޔަގީންކަން އެވަރަށް ދެއްވުމުން، އެނގެނީ އުމަރު އާންމުކުރެއްވި ޑްރާފްޓަށް ބަދަލުގެނެސް އޮތް ކަމެވެ.
އުމަރު ވިދާޅުވި ގޮތުގައި އެގްރިމެންޓުގެ ޑްރާފްޓް ފޮނުވީ ކޮވިޑު-19ގެ ސަބަބުން ރާއްޖޭގެ އިގުތިސޯދު ވަރަށް ބޮޑަށް ދަށަށް ގޮސްފައި ވަނިކޮށެވެ. އެހެންކަމުން އިންޑިއާއިން އުއްމީދުކުރީ އެކަހަލަ ދަތި ވަގުތެއްގައި އެއްބަސްވުން ފޮނުވުމުން ރާއްޖެއިން އެ ގަބޫލުކޮށްގެން ސޮއިކުރާނެ ކަމަށް، ކަމަށް އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވާ ގޮތުގައި ޔޫޓީއެފް ހަދަން އިންޑިއާ އިން ބޭނުންވަނީ އަސްކަރީ ބޭސްއެއްގެ ގޮތުގަ އެވެ. އެހެންކަމުން "އެ މަންޒަރު އެއަށް ވުރެ ފުޅާކޮށް ބަލަން ޖެހޭ" ކަމަށް ވިދާޅުވި އެވެ.
"އިންޑިއާގެ އުޅަނދުތައް، ހެލިކޮޕްޓަރެއް ވިޔަސް މަތިންދާބޯޓެއް ކަމަށް ވިޔަސް ފަތުރާލެވިފައި އިން ގޮތް އަޅުގަނޑުމެން ބަލައިލަން ޖެހޭ. ވަރަށް ބޮޑު ޗެއިނެއްގެ އެއް ބޮޅު ޔޫޓީއެފަކީ. އެ ޗެއިންގައި ހިމެނެނީ އައްޑު އަތޮޅަށް ޑިޕްލޮއިކޮށްފައި އިން އެ މީހުންގެ ހެލިކޮޕްޓަރު އަދި ޕޮލިސް ޓްރެއިނިން ސްކޫލު ނަމުގައި ހަދާ ތަން،" އުމަރު ވިދާޅުވި އެވެ.
"މުސްތަގުބަލުގައި [އެތަންތަން] ބޭނުންކުރެވޭނީ ކިހިނެއް ކަމާ ބެހޭ ގޮތުން ކަންބޮޑުވުން ހުރީ. އޭގެ ފަހުން ލ. އަތޮޅުގައި އެ މީހުންގެ ހެލިކޮޕްޓަރެއް ބާއްވައި ސިފައިން ބައިތިއްބައިފި. އޭގެ ފަހުން ހަނިމާދުއަށް ޑޯނިއާ މަތިންދާބޯޓެއް ބާލައި އެ ތަނުގައި ސިފައިން ގާއިމްކޮށްފި."
އޭނާ ވިދާޅުވި ގޮތުގައި "ބޮޑު ލެންސަކުން" ބަލަން ޖެހެނީ މިހާރު މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އިންޑިއާ ސިފައިން ކިހާ ވަރަކަށް ފައިބައިފިތޯ އެވެ.
"އެހެންވީމަ މި އެގްރިމެންޓް މިއީ ހަމައެކަނި މުޅި ޗެއިންގެ އެއް ބޮޅު،" އުމަރު ވިދާޅުވި އެވެ.
ޝަމާލް އިއްޔެ ވިދާޅުވީ ޔޫޓީއެފްއަކީ މިލިޓަރީ ބޭސްއެއްގެ ގޮތުގައި ބޭނުންކުރަން ކަމުދާނެ ތަނެއް ވެސް ނޫން ކަމަށެވެ.
"މި ތަނަކީ މިލިޓަރީ ބޭސްއެއް ވެސް ނޫން. މި ތަނަކީ އަސްކަރީ ބޭސްއެއްގެ ގޮތުގައި އޮޕަރޭޓްކުރެވޭނެ ތަނެއް ވެސް ނޫން އަދި އޭގެ އިތުރަށް އަސްކަރީ ބޭސްއަކަށް ފުދޭ ކެރެކްޓެރިސްޓިކްސް ހުރި ތަނެއް ވެސް ނޫން،" ޝަމާލް ވިދާޅުވި އެވެ.
UTF ebbasvumugai rayyithun kanboduvaa jehey evves kameh neh: Shamaal
The most trusted news source in the Maldives
Mihaaru
ޔޫޓީއެފް ތަރައްގީކުރަން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުމުގައި ރައްޔިތުން ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތްކަމުގެ ޔަގީންކަން ޝަމާލް ދެއްވި އެވެ. ނަމަވެސް އެގްރިމެންޓްގެ ތަފްސީލުތަކަށް ވަޑައެއް ނުގަންނަވަ އެވެ.
އެކަމަށް ފާޑުކިއުއްވަމުން އުމަރު ވިދާޅުވި ގޮތުގައި އެގްރިމެންޓުން ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް ޝަމާލް ވިދާޅުވެ އެވެ. އެހެން ކަމަށް ވާ ނަމަ އެ އެގްރިމެންޓް އާންމުކޮށްގެން ގައުމީ ސަލާމަތަށް ނުރައްކާ ވާން ޖެހޭނީ ކީއްވެގެންތޯ އުމަރު ސުވާލު އުފެއްދެވި އެވެ.
"ހަމައެކަނި ސަރުކާރަކަށް ލިބިގެންނުވޭ މިފަދަ ހައްސާސީ މައްސަލައެއްގައި އެގްރިމެންޓް ހަދާފައި އެގްރިމެންޓް މަތީ އިށީނދެ ތިބެ އެހެން މީހަކަށް ނުދައްކާ ތިބޭކަށް. އެ ވަރުގެ ހައްގެއް ލިބިގެންނެއް ނުވޭ ސަރުކާރަށް، މިއީ ސިވިލް، ކޮމާޝަލް މައްސަލައަކަށް ވަންޏާ އެގްރިމެންޓް ހާމަކުރުން، މިއީ މިލިޓަރީއާ ގުޅުން ހުރި ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމެއް ކަމަށް ވަންޏާ މަޖިލީހަށް ގެންދަން، ކޮންމެވެސް އެއް ތާކަށް އެބަ ޖެހޭ މީތި ގެންދަން،" އުމަރު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކެބިނެޓުގައި އުމަރާ އެކު މަސައްކަތް ކުރެއްވި، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ ލީކުވި އެގްރިމެންޓާ ގުޅިގެން އަދި މި ސަރުކާރުން ހާރިޖީ ސިޔާސަތު ގެންދާ ގޮތުން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަކީ މިނިވަން ގައުމަކަށް ވިޔަސް މިހާރު ފެންނަނީ އެއް ގައުމާ މާ ކައިރިވެ ހުރިހާ ކަމެއްގައި ނުފޫޒު ފޯރުވާ ތަނެވެ. މިޑްލް އިންކަމް ގައުމަކަށް ރާއްޖެ ވެފައިވާ އިރު ހުރިހާ ކަމެއްގައި އެހެން މީހުންގެ އަތަށް ފުރިހަމަ ބާރު ދޫކޮށްލުމަކީ އަދި ހާއްސަކޮށް އަސްކަރިއްޔާއާ ގުޅޭ ކަންކަމުގައި އެހެން ހެދުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ވސް ވިދާޅުވި އެވެ.
"ތަރައްގީއަށް ބެލިއަސް، ލޯންތަކަށް ބެލިއަސް، ގްރާންޓް އެސިސްޓެންޓަށް ބެލިއަސް އެންމެ ގައުމަކުން އެކަނި ދެއްތޯ. އެހެންވީމަ، މިކަހަލަ ހާލަތެއްގައި އަޅުގަނޑުމެން އިތުރަށް ވިސްނަން ޖެހޭ މި ކަހަލަ އެގްރިމެންޓުތައް ފޯސް ވެސް ކުރެވިދާނެ،" އިންޑިއާގެ އެހީތަކާ ގުޅޭ ގޮތުން ދުންޔާ ވިދާޅުވި އެވެ.
ތާރީހީ ގޮތުން ވެސް އިންޑިއާއަކީ ރާއްޖެއަށް ވަރަށް ބޮޑަށް އެހީވާ އަދި ގާތް ގައުމެއް ނަމަވެސް އޭގެ މާނައަކީ، ދުންޔާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމެއް ނޫނެވެ.
"ރާއްޖޭގެ މިނިވަންކަން ދެމެހެއްޓޭނީ ވަކި ލެވެލްއެއްގައި ގުޅުން ބަދަހިކޮށްގެން. ތާރީހުން، އެކަން އެނގިގެން ގުޅުންތައް ވަކި ލެވެލްއެއްގައި ހުރިހާ ގައުމަކާ ބަދަހިކުރާތީ ބެލެންސް ހިފެހެއްޓިފައި މި އޮތީ. އެކަމަކު މިހާރު އެ ބެލެންސް ވަރަށް ބޮޑަށް ގެއްލިގެން ގޮސްފައި،" ދުންޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފޮރިން މިނިސްޓަރަކަށް ހުންނެވިއިރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު މަދުކޮށް ހެލިކޮޕްޓަރު ވެސް ފޮނުވާލަން މަސައްކަތްކުރެއްވި ކަމަށެވެ.
ޔޫޓީއެފްގެ މަންޒަރު ބަލަން ޖެހޭނީ ބޮޑު ލެންސަކުން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ