މޫސުން ވަރަށް ގޯސް، ހަތް އަތޮޅެއް އޮރެންޖް އެލާޓްގައި

ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް މޫސުމާ ބެހޭ އިދާރާ އިން އޮރެންޖް އެލާޓް މިއަދު ނެރެފި އެވެ.
އެ ސަރަހައްދަށް އޮރެންޖް އެލާޓް ނެރުނީ މިއަދު ހަވީރު 3:00 އިން ހަވީރު 6:00 އަށެވެ.
މެޓުން ބުނިގޮތުގައި ގަޑިއަކު 34 މޭލާއި 40 މޭލު ބާރު މިނުގައި ވައިޖެހުނު ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަ ވާނެ އެވެ. އެ ސަރަހައްދުގެ ކަނޑު ވެސް ގަދަވާނެ އެވެ.
އޮރެންޖް އެލާޓަކީ އެލާޓް ލެވެލް ތިނެކެވެ. މިއީ މާބޮޑަށް މޫސުން ގޯސްވުމުން ނެރޭ އެލާޓެކެވެ. އެކަމަކު އޮރެންޖް އެލާޓް ނެރުމަކީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ.
މެޓުން ދޭތެރެއަކުން ވައިޓް އާއި ޔެލޯ އެލާޓް ނެރެ އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެފައިވާއިރު މިއަދު ހަވީރު 4 އިން އިރުއޮއްސި 6:30 އަށް ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ޔެލޯ އެލާޓް ވެސް ވަނީ ނެރެފަ އެވެ. އެ ސަރަހައްދަށް ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.
މެޓުން ބުނީ، ރާޅުގެ އުސްމިން އުޅެނީ 4-8 އާ ދެމެދުގައި ކަމުން، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ. އެހެންވެ، އެންމެން ވެސް މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެ އެވެ.
ބައެއް ރަށްރަށަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަދެ ގެއްލުންތައް ވެސް ލިބިފައިވެ އެވެ. އެފަދަ ބައެއް ރަށްރަށަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
މޫސުން ގޯސް ދުވަސްވަރު ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގާތީ، ދަތުރުކުރުމުގައި ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސްކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ