ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރުގެ ބަންދަށް ތިން ދުވަސް

ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްގެ މައްޗަށް ކްރިމިނަލް ކޯޓުން ތިން ދުވަސް ޖަހައިފިއެވެ.އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ކުރިއަށް ގެންދާ ސިލްސިލާ އިހުތިޖާޖުތަކުގެ ތެރެއިން މިދިޔަ ހޯމަ ދުވަހުވެސް އޭނާ ހައްޔަރުކުރި އެވެ. ނަމަވެސް އިއްޔެ ވަނީ ދޫކޮށްލާފައެވެ. އަލުން ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސް އޭނާގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން ތިން ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ގެންދަނީ ކޮންމެ ދުވަހަކު ހެން މާލެ މަގުމަތީގައި މުޒާހަރާ ކުރަމުންނެވެ. އަދި ކޮންމެ ހުކުރު ދުވަހަކަށް ތަފާތު ޝިއާރުތަކުގައި ބޮޑެތި އެއްވުންތައް ރާވައެވެ. މިއީ "ސީދާ ހަރަކާތަށް" ނުކުންނަން އިދިކޮޅު ދެ ޕާޓީ ހިމެނޭ ކޯލިޝަންގެ ކައުންސިލުން ގަރާރެއް ފާސްކުރުމަށް ފަހު ކުރިއަށްދާ މުޒާހަރާތަކެކެވެ.އިދިކޮޅުން އެއްވުންތައް ބާއްވަމުންދާއިރު އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓާލުމަށް އަންގާފައެވެ.ނަމަވެސް ފަސް އަހަރަށް ޖަލަަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން އަންނަނީ ކޮންމެ ދުވަހަކު މާލޭގައި އެއްވުންތައް ބާއްވަމުންނެވެ.އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ގައިދުރުކަމެއްނެތި އިދިކޮޅުން އެއްވުންތައް ބާއްވަމުން އަންނަ އިރު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވަމުން އަންނަ މީހުންގެ އަދަދުވެސް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ ވެސް ރާއްޖެއިން 129 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން 120 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ