ދެ ސްކޫލެއްގައި ގާއިމްކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓްތައް އިފްތިތާހުކޮށްފި

އިންޑިއާ އެހީގެ ދަށުން ދެ ސްކޫލެއްގައި ޤާއިމްކުރި "އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް" ނުވަތަ ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމަށް އެހީތެރިވެދޭ ޔުނިޓު އިފްތިތާހުކޮށްފިއެވެ.ވާރޗުއަލްކޮށް ކުރިއަށްގެންދިޔަ މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ، ދަރިވަރުން އެތަނަކަށް ލޯބިޖެހި އެތަނަކަށް އަހުލުވެރި ބައެއްކަމުގައި ދެކޭނެފަދައިން ސްކޫލުތައް ބިނާކޮށް ފަރުމާކުރުމަކީ މުހިއްމުކަމެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ކުދިން ބޮޑެތިވެ މުޖުތަމައުއަށް މަންފާކުރުވަނިވި ބައެއްކަމުގައި ވެގެންދާނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.އިންޑިއާއިން ދިން 1.6 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން "އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް" ޤާއިމްކުރީ ހދ.ކުޅުދުއްފުށީ ޢަފީފުއްދީން ސްކޫލާއި ފުވައްމުލަކު ޙާފިޟް އަޙްމަދު ސްކޫލުގައި އެވެ.މިނިސްޓަރ ޝާހިދު ވިދާޅުވީ ދަރިވަރުންގެ ލޯބިކުރާ އަދި އަހުލުވެރި ތަަންތަނުގެ ގޮތުގައި ސްކޫލުތައް ފަރުމާކޮށް ބިނާކުރުމަކީ މުހިންމުކަމެއްކަމަށެވެ. އެއީ ދަރިވަރުން ތަރުބިއްޔަތުކޮށް ބިނާކުރުމުގައި މިހިންމުކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މި މަޝްރޫގެ ދަށުން "އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓު ޔުނިޓް"ތައް ޤާޢިމްކުރުމުގައި އެހީތެރިކަން ފޯރުކޮށް، މި ޔުނިޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމުތައް ހިންގައި، މި ޔުނިޓުތަކަށް ބޭނުންވާ ހާއްސަ މެޓީރިއަލް ފޯރުކޮށްދީފައިވެއެވެ. މި ޔުނިޓުތައް ފަރުމާކުރެވިފައި ހުންނާނީ އުނގެނިގަތުމަށާއި އުނގަންނައިދިނުމަށް ފަސޭހަވާނެ ގޮތަށެވެ. މި މަޝްރޫއު ހިންގުނީ ހިލޭ އެހީގެ ގޮތުގައި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް މާޗް 2019 ގައި ދިން 6.9 މިލިއަން ޑޮލަރު (106 މިލިއަން ރުފިޔާ)ގެ އެހީގެދަށުންނެވެ. އިންޑިއާ ސަރުކާރުގެ މި އެހީގެ ބޭނުމަކީ އިޖްތިމާއީ-އިގްތިސާދީ ކުރިއެރުންތަކަށް ދިވެހިރާއްޖޭގައި ހިންގޭ މަޝްރޫތަކަށް ހަރަދުކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ