ޖިންސީ ގޯނާގެ މައްސަލަތަކާމެދު އިންސާފަށް ލޯބިކުރާ އެންމެން ކަންބޮޑުވާންޖެހޭ ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މި ސަރުކާރު ކޯލިޝަނުގެ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެމްއާރުއެމްގެ ރައީސް، ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިފަދައިން ވިދާޅުވެފައިވާއިރު، ޓުއަރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނަވައި އެ މިނިސްޓްރީގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާކޮށް ބައެއް މުވައްޒަފުން ރޭޕުކުރަން އުޅުނު ކަމުގައި ތުހުމަތުވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކޮށްލަން ކޯޓުން ނިންމުމާ ގުޅިގެން އޭނާ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފައި ވަނިކޮށެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް މައުމޫނު ވިދާޅުވީ އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ކަންބޮޑުވާންޖެހެނީ ހަމައެކަނި އަންހެނުން ނޫން ކަމަށެވެ. އަދި އެއީ އިސްލާމްދީނުގެ މާތް އުޞޫލުތަކަށް ލޯބިކުރާ އަދި އިންސާނީ ޙައްޤުތަކާ އިންސާފަށް ލޯބިކުރާ އެންމެހާ ފަރާތްތަކުން ކަންބޮޑުވާންޖެހޭ ނުބައި ޢަމަލުތަކެއް ކަމުގައިވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
ގިނަ ޢަދަދެއްގެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރި ކަމުގައި ތުހުމަތުވާ ޢަލީ ވަޙީދަކީ ކެބިނެޓު މިނިސްޓަރެއްގެ މަޤާމުގައި ހުރެ، ވަޒީރުންގެ މަޖިލިހުގައި ހިމެނިވަޑައިގަންނަވާ އަންހެން ވަޒީރަކަށް ފޯނުން ގުޅުއްވައިގެން މައްލަވަކުރި މައްސަލައެއްވެސް ފެންމަތިވެފައިވާ ފަރާތެކެވެ. އޭނާގެ އޯޑިއޯތައް މީސްމީޑިޔާއަށް ތިލަވެގެން އައި ނަމަވެސް އެއިރު ސަރުކާރުން އެކަމުގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވެއެވެ.
ޢަލީ ވަޙީދު އިނގިރޭސިވިލާތަށް ވަޑައިގަތުމާ ގުޅިގެން 4 މަސް ތެރޭގައި އަނބުރާ އޭނާ ރާއްޖެއަށް ވަޑައިނުގެންފިނަމަ އޭނާއާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފައިވެއެވެ.
ޖިންސީ ގޯނާގެ މައްސަލަތަކާމެދު އިންސާފަށް ލޯބިކުރާ އެންމެން ކަންބޮޑުވާންޖެހޭ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ