މިދުވަސްވަރު ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރުކަން ބެހެއްޓުން މުހިންމު: ރައީސް މައުމޫން

ކޮވިޑް-19 ފެތުރެމުންދާ މި ހާލަތުގައި ޖަމާޢަތުގައި ނަމާދު ކުރާއިރު ގައިދުރުކަން ބެހެއްޓުން މުހިއްމު ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތިމާގެ ފުރާނަ އާއި ނަފުސު ރައްކާތެރިކުރުމަކީ އިސްލާމްދީން އެންމެހާ މުސްލިމުންގެ މައްޗަށް ލާޒިމް ކުރާ ކަމަކަށްވާތީ ކޯވިޑް ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ކަމަށް ޞިއްޙީ މާހިރުން ލަފާދޭ ކަންތައްތައް ކުރުން ލާޒިމު ކަމަށެވެ. އެހެންކަމުން ޖަމާޢަތުގައި ނަމާދުކުރާއިރު ގައިދުރުކަން ބެހެއްޓުން މުހިންމު ކަމަށްވެސް މައުމޫން ވިދާޅުވެފައިވެއެވެ.
"ތިމާގެ ފުރާނަ އާއި ނަފުސު ރައްކާތެރިކުރުމަކީ އިސްލާމްދީން އެންމެހައި މުސްލިމުންގެ މައްޗަށް ލާޒިމްކަމަކަށްވާތީ ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅަންޖެހޭކަމަށް ސިއްްހީ މާހިރުން ލަފާދޭ ކަންތައްތައް ކުރުން ލާޒިމް. ވީމާ މިވަގުތު ޖަމާޢަތުގައި ނަމާދުކުރާއިރު ގައިދުރުކަން މުހިންމު" މައުމޫން ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމާއެކުވެސް މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރެއެވެ. ނަމަވެސް ޖަމާޢަތުގައި ނަމާދުކުރާއިރު ގައިދުރުކޮށްގެން ނަމާދުކުރަން ނުޖެހޭކަމަށް އިސްލާމިކް މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ