ދިވެހިންގެ މަސައްކަތްތައް ކުރަން ޖެހޭނީ ދިވެހިން ކަމަށާއި ކަމެއް ލައިގަންނަ އިރަށް އެހީ ހޯދުމުގެ ގޮތުން ބޭރު ގައުމުތަކަށް ނާށި ގަނޑު ދިއްކުރާ ބަޔަކަށް ދިވެހިން ވެގެން ނުވާނެ ކަމަށް ދާޚިލީ ވަޒީރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަހާއި، ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ ގައުމެއް ބީނާ ކުރެވޭނީ އެގައުމުގެއްގައި މަސައްކަތްތެރި، އުފެއްދުންތެރި ރައްޔިތެއް ތިބެގެން ކަމަށެވެ. އަދި ގައުމު ބިނާ ކުރުމުގައި އެގައުމެއްގެ ހުރިހާ ރައްޔިތުން ޝާމިލް ވެގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވި ގޮތުގައި ދިވެހި ގައުމަށް މިނިވަން ކަން ލިބި މިއަދާ ހަމައަށް މިނިވަން ކަންމަތީގައި ގައުމު އޮތީ ދިވެހިންގެ ބުރަ މަސައްކަތުންނެވެ. އަދި ގައުމަކަށް ދެމި އޮވެވޭނީވެސް އެގައުމެއްގެ ރައްޔިތުންގެ ހިއްމަތާއި މިންނަތުން ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކޮންމެ ދިވެއްސަކު އަމިއްލަ ބަތްސުވާ އަމިއްލަ މަސައްކަތާ މިންނަތުން ހޯދަން ޖެހޭ. އަޅުގަނޑުމެންނަކީ އަބަދު މީހުންނާ ދިމާއަށް އަތް ދިއްކުރަންޖެހޭ، ނުވަތަ އެހެން ގައުމުތަކާ ދިމާއަށް ނާށިގަނޑު ދިއްކުރަންޖެހޭ ބަޔަކު ކަމުގައި ވެގެންނެއް ނުވާނެ. ބަނޑުހައިވެ ހާލުގައި ޖެހޭ ކޮންމެ ފަހަރަކު އެހެން ބަޔެއްގެ ދޮލަނގަށް ވެއްޓިގަންނަން ޖެހޭ ފަދަ މީހަކު ނުވަތަ ގައުމެއް އޮންނާނީ ނެތި ދިއުމުގެ މަގުމަތީގަ،" އުމަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބައިނަލް އަގުވާމީ ދުނިޔޭގައި އިސް އުފުލައިގެން އަމިއްލަ ފައިމަތީގައި ހިނގާ ގައުމަކަށް ވެވޭނީ އަޅުގަނޑުމެން ހީވާގިވެ އަމިއްލަ މަސައްކަތުން ދިރިއުޅުން ހަމަޖައްސާ ބަޔަކަށް ވެގެން ކަމަށެވެ. އަދި ގައުމުގެ އިއްޒަތާއި އަބުރުވެސް ބައިނަލް އަގުވާމީ މުޖުތަމައުގައި އޮންނާނީވެސް އެގޮތަށް މަސައްކަތް ކޮށްގެން ކަމަށް އުމަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެނޫން ގޮތަކަށް ރައްޔިތުންގެ އަމަލު ހިނގާ ނަމަ ރާއްޖޭގެ އަބުރު ގެއްލޭނެ އެވެ.
"އަޅުގަނޑުމެންގެ އަތްފައި ހަރަކާތްތެރި ނުވެވޭނަމަ އެއީ ހިތާމަ ހުރި ކަމެއް. ލަދުވެތި ކަމެއް، ދެރަ ކަމެއް. ކުރި އެރި ގައުމުތައް ކުރިއެރީ އަމިއްލަ ފައި މައްޗަށް ތެދުވެގެން. މަސައްކަތުގެ އަޚުލާގާއި އުޅުންތެރިކަން ހުރެގެން. ކުރިއެރުން އެދޭ ގައުމެއްގެ ރައްޔިތުންގެ ހުރުން ލާޒިމް ސިފަތަކަކީ ވަގުތަށް ފަރުވާތެރިވުމާއި މަސައްކަތުގައި ހީވާގި ވުމާއި ހުނަރުވެރިވުން،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު އުމަރު ވިދާޅުވީ ދިވެހި ކާބަފައިންނަކީ މަސައްކަތަށް މުރާލި އަދި ހީވާގި ބައެއް ކަމަށެވެ. އަދި އެކަމުން ނަމޫނާ ނަގައިގެން ކުރިއަށްދާން ޖެހޭ ކަމަށާއި ވަގުތަށް ކަމޭ ހިތައިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އަޅުގަނޑުމެންނަކީ އެހެން ގައުމުތަކާ ދިމާއަށް ނާށިގަނޑު ދިއްކުރާ ބަޔަކަށް ވެގެން ނުވާނެ - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ