ދައުލަތުގެ މުއައްސަސާތަކަށް ފަނޑިޔާރުން އައްޔަން ކުރެވޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން

ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގައި މަސައްކަތް ކުރަމުން ގެންދާ މުއައްޒަފުން ސަރުކާރުގެ އެކި އެކި މުއައްސަސާތަކުގެ ކޮމިޓީތަކަށް އައްޔަން ކުރެވޭނީ ސުޕްރީމް ކޯޓުގެ ހުއްދައެއް ލިބިގެން ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ ސާކިއުލަރ އެއްގައި ބުނެފައިވަނީ ރާއްޖޭގައި އަދުލު އިންސާފު ގާއިމް ކުރުމާ ބެހޭ ޖުޑީޝަލް ޕޮލިސީ ކަނޑައެޅުމަކީ އެކޯޓުގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެހެން ކަމުން 2013 ވަނަ އަހަރު އެ ކޯޓުން ނެރެފައިވާ ސާކިއުލާގައި ވާ ގޮތުގެ މަތިން ޝަރުއީ ދާއިރާއާ ގުޅުން ހުރި ކަންކަމުގައި ދައުލަތުގެ މުއައްސަސާތަކާއި އޮފީސްތަކުން، ކޯޓުތަކާއި ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މުއައްޒަފުންނާއި ވަކި ވަކި ފަރާތްތަކާއި މުއާމަލާތް ކުރުމުގެ ބަދަލުގައި މުއާމަލާތް ކުރަން ޖެހޭނީ ސުޕްރީމް ކޯޓާ ކަމަށް އެ ސާކިއުލަރގައި ވެއެވެ.
އަދި ހަމަ އެ ސަރކިއުލަރގައިވާ ގޮތުގެ މަތިން ދައުލަތުގެ މުއައްސަސާތަކުގެ ކޮމިޓީތަކަށް ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މުއައްޒަފުން އައްޔަނު ކުރެވޭނީވެސް ސުޕްރީމް ކޯޓުގެ ހުއްދައެއް ލިޔުމުން ލިބިގެން ކަމަށް ސުޕްރީމް ކޯޓުން މިއަދު އާންމުކޮށްފައިވާ ސަރކިއުލާގައިވެއެވެ. އެފަދަ ކޮމިޓީއެއްގައި މިހާރު ހިމެނިފައިވާ ފަރާތްތަކަށް ސުޕްރީމް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަކެއް ދީފައެވެ. އަދި އެމުއްދަތުގެ ތެރޭގައި އެފަދަ މަގާމެއްގައި ހުރުމަށް އެދި ސުޕްރީމްކޯޓުގެ ފަރާތުން ހުއްދަ އަށް އެދުމަށްވެސް ސުޕްރީމް ކޯޓުން އެ ސަރކިއުލަރގައި އަންގާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ