މިލަންދޫ ކައުންސިލް އިދާރާގެ ދޮރު މައްޗަށް މަހު ލޭ އަޅައިފި

ށ. މިލަންދޫ ކައުންސިލުގެ އިދާރާގެ ދޮރު މައްޗަށް މަހު ލޭ އެޅި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. މިއަދު ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ރޭގެ ވަގުތެއްގައި މިލަންދޫ ކައުންސިލު އިދާރާގެ ދޮރު މައްޗަށް މަހު ލޭ އެޅި މައްސަލަ މިއަދު ހެނދުނު 7:00ގައި ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ. ށ. މިލަންދޫ ކައުންސިލް އިދާރާގެ ދޮރު މައްޗަށް މަހު ލޭ އަޅާފައި --- މިލަންދޫ ކައުންސިލުގެ ރައީސް އަބްދުﷲ ފާއިޒް "ސަން"އަށް ވިދާޅުވީ، ކައުންސިލުގެ އިދާރާގެ ކުރިމައްޗަށް ލޭ އަޅާފައި ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށެވެ. އެކަން ކުރި ބަޔަކު އެކަން ކުރީ ކީއްވެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފާއިޒް ވިދާޅުވީ، ކައުންސިލުގެ އިދާރާގެ ތެރެއަށް ރޭގަނޑު ވަދެވެން ނުހުންނާނެ ކަމަށެވެ. އެހެން ނަމަވެސް، ކައުންސިލުގެ އިދާރާ ހުންނަ ގޯތީގެ ގޭޓު ހުންނާނީ ހުޅުވާފައި ކަމަށާއި އެހެން ކަމުން އިދާރާގެ ދޮރާ ހަމައަށް ކޮންމެ މީހަކަށް ވެސް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ