މޭޑޭގެ މުޒާހަރާއާއި ގުޅިގެން ޖަލަށްލާފައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދުގެ އާއިލާއާ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ބައްދަލުކުރައްވައިފި އެވެ.
މިއީ މޭޑޭގެ މުޒާހަރާއާއި ގުޅިގެން ޝައިހް އިމްރާން ޖަލުން މިނިވަންވެ ވަޑައިގަތުމަށްފަހު އާއިލާއަކާ އިމްރާން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
އަބްދުﷲ ރަޝީދުގެ ގެއަށް މިއަދު ހެނދުނު ޝައިހް އިމްރާން، އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް ރީމްއާ އެކު ވަޑައިގަތުމުން ޝައިހް އިމްރާނަށް މަރުހަބާ ދެންނެވީ އަބްދުﷲ ރަޝީދުގެ އަނބިކަނބަލުން ޝެހެނާޒް އަބްދުއްރަހީމް އެވެ.
ޝައިހް އިމްރާންގެ މިބައްދަލުވުމުގައި އެމަނިކުފާނު ވަނީ އަބްދުﷲ ރަޝީދުގެ ކުދިންނާއެކު ވަގުތުތަކެއް ހޭދަކުރައްވާ، އާއިލާ އަށް ހިތްވަރު ދެއްވާފަ އެވެ.
ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދަނިކޮށް އުމުރުން 51 އަހަރުގެ އަބްދުﷲ ރަޝީދު ނިޔާވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ އަހަރުގެ އޮކްޓޫބަރު 10 ވަނަ ދުވަހު އެވެ.
އަބްދުﷲ ރަޝީދުގެ އާއިލާ އިން ބުނީ އޭނާ ނިޔާވީ ފަރުވާއަށް އެދި އާދޭސް ކުރާތާ އެތައް ދުވަހެއް ވީއިރުވެސް އަބްދުﷲ ރަޝީދަށް ފަރުވާ ނުދީ ހިފެހެއްޓުމުން ކަމަށް ގަބޫލުކުރާ ކަމަށާއި މިކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިހްމާލު އޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.
މޭޑޭގެ މުޒާހަރާއާއި ގުޅިގެން ޓެރަރިޒަމުގެ ދައުވާކޮށް ޝައިހް އިމްރާން 12 އަހަރަށް ޖަލަށްލިތާ ގާތްގަނޑަކަށް ތިން އަަހަރު ފަހުން އެމަނިކުފާނު މިނިވަންކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރީ އިއްޔެގެ ވަގުތެއްގަ އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް އަމުރުކުރީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމް އަލުން މުރާޖައާ ކޮށްދިނުމަށް ޝައިހް އިމްރާން އެދިވަޑައިގަތުމާ ގުޅިގެންނެވެ.
އަބްދުﷲ ރަޝީދުގެ އާއިލާއާ ޝައިހް އިމްރާން ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ