އުމަރު ކުރާ މުޒާހަރާގައި ބައިވެރިވާނެ ބަޔަކު ހޯދަނީ

ދިވެހި ރާއްޖޭގައި ގާއިމުވެފައި ތިބި އިންޑިޔާ އަސްކަރީ ސިފައިންނަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ބުނެ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ފައްޓާފައިވާ ކެމްޕޭނުގައި، ބޮޑު މުޒާހަރާއެއް ރާވައި މުޒާހަރާގައި ބައިވެރިވާނެ އަދި އިންތިޒާމް ކުރާނެ މީހުން ހޯދުމުގެ މަސައްކަތް އޭނާ ފަށައިފިއެވެ.
އުމަރުގެ މި ކެމްޕޭނަށް ދީފައިވާ ނަމަކީ، 'އިންޑިޔާ ސިފައިން ފައިބާ!' އެވެ. މި ކެމްޕޭނުގައި ބައިވެރިވުމަށް ފޯމެއްވެސް ފުރަން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. އުމަރުގެ ފޭސްބުކުގައި ވަނީ މިހާރު އެ ފޯމު އަޕްލޯޑު ކޮށްފައެވެ.އުމަރު ނަސީރުގެ "އިންޑިޔާ ސިފައިން ފައިބާ" ގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފުރަން ޖެހޭ ފޯމު
އިންޑިޔާ އިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރުތައް ދުއްވަނީ ދިއްލީ އިން އަންނަ އޯޑަރުތަކެއްގެ މައްޗަށް ކަމަށް ބުނެ އުމަރު ވަނީ އެ ހެލިކޮޕްޓަރުތައް ރާއްޖޭގައި ނުބޭތިއްބޭނެ ކަމަށް ބުނެފައެވެ.
ނަމަވެސް އެމްއެންޑީއެފުން ބުނެފައިވަނީ ހެލިކޮޕްޓަރު އިންޑިޔާ ސިފައިން ދުއްވި ނަމަވެސް ކޮމާންޑު ދޭނީ ދިވެހި ސިފައިން ކަމަށެވެ. ދިވެހި ސިފައިން ދާން ބުނާ ތަނަކަށް ނޫނީ އެ ހެލިކޮޕްޓަރުން ދަތުރުނުކުރާނެ ކަމަށް ކޯސްޓު ގާޑުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ