ކުށްވެރިޔަކީ ފައިސާ ބަހާ މަހުޖަނު: ރައީސް ނަޝީދު

މިހާރުގެ ކުށްވެރިންނަކީ ފަނޑިޔާރުން ނޫން ކަމަށާއި ކުށްވެރިއަކީ ފަނޑިޔާރުންނަށް ރިޝްވަތުގެ ފައިސާ ބަހަމުން ހިނގާ މަހުޖަނު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝިދު މިހެން ވިދާޅުވީ ހއ. ދިއްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދުގެ ވާހަކަގައި ވިދާޅުވީ ފަނޑިޔާރުގެ އިސްލާހުކުރުމަށް އެކި ބޭފުޅުން އެކި ވާހަކަތައް ދައްކަމުންދާ ކަމަށާއި ފަނޑިޔާރުންގެ ނަޒާހަތްރެރިކަން ދެމެހެއްޓުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން ބަދަލުކުރުމުގެ ވާހަކަ ވެސް ދައްކާ ކަމަށެވެ. ނަމަވެސް އެންމެ މުހިންމު ކަންތައް އޮންނަނީ ހަނދާނުން ކައްސާލާފައި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"ފަނޑިޔާރުގެޔަކަސް ސަރުކާރުގެ މުވައްޒަފަކަސް މެންބަރަކަސް އަދި އެއްވެސް މަސައްކަތެއް ކުރާ އެއްވެސް މީހަކަސް ހަގީގަތުގައި މަގުން ކައްސާލައިގެން ދާ އެންމެ ބޮޑު ސަބަބަކީ އޭނާއަށް ފައިސާ ދޭކަން، އަޅުގަނޑަށް ފެންނަ ގޮތުގައި ރިޝްވަތުގެ ހުތުރު ފައިސާ ދޭ މީހުން އެ ފައިސާ ގުނަގުނައިން ހޯއްދަވައިގެން އެ ފައިސާ އެކިއެކި ބޭފުޅުންނަށް ދެއްވާ. ފައިސާ ވެރިން އިސްލާހުކުރުމުގެ ވާހަކަ ދެއްކޭ މިންވަރު އަޅުގަނޑުމެންނަށް މާކުޑަ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ފަނޑިޔާރުންނެ ކަމަކު މަގުން ކައްސާލަނީ އޭނާއަށް ފައިސާ ދިނުމުން ކަމަށާއި ރިޝްވަތުގެ ފައިސާ ދޭ މީހާއަކީ އެ ފައިސާ ހިފާ މީހެކޭ އެއްފަދައިން އިސްލާހުކުރަން ޖެހޭ މީހެއް ކަމަށެވެ. ފަނޑިޔާރުގެ އިސްލާހުކުރުމަށް މިހާރު ވެސް ނިޒާމަށް އެތައް ބަދަލެއް ގެނެސްފި ކަމަށާއި ނަމަވެސް އެންމެފަހުން އޮންނަނީ އިހު އޮތް ތަނަށް ރުޖޫއަވެފަ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަ މިއަދުގެ ކުށްވެރިޔާއަކީ ފަނޑިޔާރު މަނިކުފާނެއް ނޫން، މިއަދު އަޅުގަނޑަށް ފެންނަ ކުށްވެރިޔާއަކީ މަހުޖަނު، ފައިސާ ހޯއްދަވާ ބޭފުޅާ، އަޅުގަނޑުމެން ކުރިއަށްދާއިރު އިންސާފު މި ރާއްޖޭގެ ރައްޔިތުންނަށް ހޯދައިދޭން މަސައްކަތް ކުރާއިރު މި ދެންނެވި ހަގީގަތް އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވިގޮތުގައި ފަނޑިޔާރުގެ ހަމަ މަގަށް ނޭޅުވުމުގެ މައިގަނޑު ސަބަބެއް ކަމަށް ދެކިވަޑައިގަންނަވަނީ އިސްލާހު ކުރަންޖެހޭ މީހާއަކީ ރިޝްވަތުގެ ފައިސާ ބަހަމުންދާ ވިޔަފާރިވެރިޔާކަން ދަނެނުގަނެވުމެވެ. އެގޮތުން އެ ވިޔަފާރިވެރިޔާގެ އާމްދަނީއާއި އެފައިސާ ގެންގުޅޭގޮތް ދެފުށް ފެންނަންޖެހޭ ކަމަށާއި އޭނާގެ މުއްސަނދި ކަމުގެ މިންވަރު އެނގި ސާފުވާން ޖެހޭ ކަމަށް ނަޝީދު ވިދާޅުވީއެވެ.
"އަޅުގަނޑަށް ފެންނަ މީގެ ސަބަބަކީ އަޅުގަނޑުމެން އިސްލާހުކުރަންވީ މީހަކީ ވިޔަފާރިވެރިޔާކަން ރަނގަޅަށް ދެނެ ނުގަންނަކަން، އޭނާގެ އާމްދަނީ އާއި އޭނާގެ ފައިސާ އޭނާ ގެންގުޅޭ ގޮތް ދެފުށް ފެންނަން ޖެހޭ، އޭނާގެ މުއްސަނދި ކަމުގެ މިންވަރު އެނގެން ޖެހޭ، ސާފުވާން ޖެހޭ، އޭނާ ދޭ ފައިސާއިން ރާއްޖެ ހަލާކު ވަނީ، އޭނާގެ މަގުސަދަކަށް ވަނީ އިތުރު ފައިސާ ހޯދުން، އެ ހޯދުމަށްޓަކައި ނާޖައިޒު ގޮތުގައި ފައިސާ ބޭނުން ކުރަނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މި ހަމަލާތައް އަމާޒު ކުރެއްވީ ސީދާ ކޮން ބޭފުޅަކަށް ކަމެއް ވިދާޅުވެއް ނުވެ އެވެ. ނަމަވެސް ސިޔާސީ މައިދާނުގައި އުޅުއްވާ ގިނަ ވިޔަފާރިވެރިންތަކެއް އެމަނިކުފާނު ހަރަކާތްތެރިވާ އިދިކޮޅު ކޯލިޝަންގެ ތެރޭގައި ވެސް އެބަ ތިއްބެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ސިޔާސީ މައިދާނުގައި އެންމެ ބޮޑަށް ހަރަކާތްތެރިވާ ވިޔަފާރިވެރިޔާކަން ފަހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ