މާލެ ސަރަހައްދުގައި އިތުރު 10 ސްކޫލް އަޅާނެ ކަމަކަށް ނުބުނަން: މިނިސްޓަރު

މާލެ ސަރަހައްދުގައި އިތުރު 10 ސުކޫލް އިމާރަތް ކުރުމުގެ ވާހަކަ ވިދާޅުވެފަައިނުވާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މާލެ، ވިލިމާލެ، އަދި ހުޅުމާލެ ހިމެނޭގޮތަށް އިތުރު 10 ސުކޫލް އިމާރަތް ކުރުމަށް ނިންމާފައިވާކަަމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވެފައިވާކަމަށް ނޫސްތަކުގައި ރިޕޯޓްކުރުމާއި ގުޅިގެން، މި ސަރުކާރުންވެސް މަސައްކަތް ކުރަމުންދަނީ މާލެ ސަރަހައްދު އިތުރަށް ތޮއްޖެއްސުމަށްކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވުމާއި ގުޅިގެންނެވެ.
މިނިސްޓަރު ވިދާޅުވީ މާލޭ ސަރަހައްދުގައި އިތުރު 10 ސުކޫލު އަޅަން ނިންމި ވާހަކަ ވިދާޅުވެފައިނުވާނެކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް އޮޑިޓުން ދެއްކި ވާހަކަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދިރާސާތަކުން ދައްކާގޮތުގައި ސުކޫލެއް ފުރިހަމަ ގޮތުގައި ހިންގުމަށް ސުކޫލު ސައިޒު 800 އާއި 1000ގައި ބަހައްޓަންޖެހޭކަމަށެވެ. އަދި ރާއްޖޭގެ ސުކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް ހެދި އޮޑިޓުން ދައްކާގޮތުގައި މާލެ ސަރަހައްދުގައި މިހާރު އެޅިފައިވާ ސުކޫލުެތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް އެ ސަރަހައްދަށް އިތުރު 10 ސުކޫލު ބޭނުންވާކަމަށް ދައްކާކަމަށެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ މާލޭ ސަރަހައްދުގައި 10 ސުކޫލު އަޅަން ގަސްތުކުރައްވާކަމަށާ އެ ސުކޫލުތަކުގެ ކޮންސެޕްޓް މިހާރު މިހުރި ސުކޫލުތަކާއި ވަރަށް ބޮޑަށް ތަފާތުވާނެކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެން މާލޭ ސަރަހައްދުގައި އަޅަން ގަސްތުކުރާ 10 ސުކޫލުތަކުގެ ކޮންސެޕްޓް މިހާރު މިހުރި ސުކޫލުތަކާއި ވަރަށް ބޮޑަށް ތަފާތުވާނެ. މި ސުކޫލުތައް އަޅުގަނޑުމެން މި ފަރުމާކުރަނީ މިހާރުގެ ބެސްޓް ޕްރެޓިކްސްއަށް ބަލާފަ، މިފަދަ ސިންގަލް ސެޝަން ހުންނަގޮތަށް. އެހެންވީމަ މި ސުކޫލުތަކަކީ ކުދިން ދާހިތުން ދާނެ ސުކޫލުތަކަކަށް ވެގެންދާނެ." މިނިސްޓަރު ރޭ ވިދާޅުވިއެވެ.
އަދި 62 ސުކޫލު އެއް ދަންފަޅިއަށް ބަދަލުކުރުމަށް ނިންމާފައިވަނީ 5 އަހަރަށް ބަހާލައިގެންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެޑިއުކެޝަން މިނިސްޓްރީން ކުރިއަށްގެންދިޔަ އޮޑިޓްގައި ރާއްޖޭގެ 62 ސުކޫލެއް އެއްދަންފަޅިއަށް ބަދަލުކުރުމަށް ވަނީ ރާވާފައެވެ.
އޮޑިޓްގައި ވާގޮތުން އެއްދަންފަޅިއަށް ބަދަލުކުރުމަށް ނިންމާފައިވާ 62 ސުކޫލުގެ ތެރޭގައި އެއްދަންފަޅިއަށް ބަދަލުކުރުމަށް 10 ކްލާސްރޫމަށްވުރެ އިތުރަށް ބޭނުންވާ 13 ސްކޫލް އެބަހުއްޓެވެ. އަދި 10 ކްލާސްރޫމަށްވުރެ މަދުން ބޭނުންވާ 37 ސްކޫލް ހުރިކަމަށްވެސް އެއޮޑިޓްގައި ފާހަގަ ކޮށްފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހެދި އޮޑިޓްގައިވާގޮތުން އެއްދަންފަޅިއަށް ބަދަލުނުކޮށްހުރި ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ޖުމްލަ 288 ކްލާސްރޫމް އިތުރަށް ބޭނުންވެއެވެ. 10 ސްކޫލާއި، 47 ސައިންސް ލެބާއި، 28 ލައިބްރަރީއާއި، 42 އޯޑިއޯ ވިޝުއަލް ރޫމާއި، 22 ސްޓާފް ރޫމްގެ އިތުރުން، 57 ބަދިގެ ބޭނުންވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ