އަބްދުﷲ ސައީދާއި އަލީ ހަމީދު ޖަލަށް ލާފައިވަނީ އިންސާފުން ނޫން: ރައީސް ނަޝީދު

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ޖަލަށް ލާފައިވަނީ އިންސާފުން ނޫން ކަމަށާއި، އެހެންކަމުން އެދެބޭފުޅުން މިނިވަން ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ބުދަދުވަހު އެއަތޮޅު ހުޅުމީދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަދައްކަވަމުންނެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އުފަން ރަށަކީ ހުޅުމީދޫ އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެއްވެސް މީހަކަށް ނުހައްގުން އަނިޔާއެއް ލިބެން ބޭނުން ނުވާކަމަށެވެ. އަދި އަބްދުﷲ ސައީދާއި އަލީ ހަމީދުވެސް ޖަލަށް ލާފައިވަނީ ބޭއިންސާފުން ހިންގި ޝަރީއަތަކުން ކަމަށާއި، އެހެންކަމުން އެދެބޭފުޅުންނަށްވެސް މިނިވަންކަމާއެކު އާއިލާއާއި އެކު އުޅެވޭނެ ގޮތް ހައްދަވައި ދެއްވުމަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަދުވަހު  ސްޕްރީމްކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީންއަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ