މުޅި ޤައުމު ސުޕްރީމް ކޯޓުން ހުކުމް ކުރާނެ ވަގުތެއްގެ އިންތިޒާރުގައި!

މިދިޔަ ސެޕްޓެމްބަރު މަހުގެ  23 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބު އެންމެންވެސް ފާހަގަކުރީ ވަރަށް އަމަން އޮމާންކަމާއިއެކީ ކުރިއަށްދިޔަ އިންތިޚާބެއްގެ ގޮތުގައެވެ. އިންތިޚާބު ކުރިއަށްދިޔަ ދުވަހު މާ ބޮޑެތި މައްސަލަތަކެއްވެސް ކުރިމައްޗެއްނުވެއެވެ. އެތައް ބަޔަކު އެތައް ގިނަ އިރަކު ކިޔުގައި ހުރެގެން ވޯޓުލިއިރު ވޯޓުލެވޭ މީހުންގެ ޖުމްލަ 89 އިންސައްތަ މީހުން ރިޔާސީ އިންތިޚާބުގައި ވޯޓުލާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ދުނިޔޭގެ މިންގަނޑުން ބަލާނަމަ ވަރަށް ފުރިހަމަ އަދަދެކެވެ.
 
އިންތިޚާބު ނިންމާ ނަތީޖާ އިޢުލާނުކުރިއިރު ސަރުކާރު ހިންގާ ޕީ.ޕީ.އެމުން ކުރިމަތިލެއްވި މިހާރުގެ ރައީސް، ރައީސް ޔާމީނަށް ކުރިމަތިވެވަޑައިގެންނެވީ ހީނުކުރާ ވަރަށްވުރެވެސް ބޮޑު ބައްޔަކާއެވެ. 38000 އަށްވުރެ ގިނަ ވޯޓުގެ ތަފާތު ރައީސް ޔާމީނާއި އިދިކޮޅު ކޯލިޝަނުން ނިކުމެ ވަޑައިގެންނެވި އިބްރާހިމް މުހައްމަދު ޞާލިހުއަށް ލިބުނު ވޯޓާއި ދެމެދުގައި ހުއްޓެވެ. ނަމަވެސް އިންތިކާބު ނިންމާ ޖެހިގެން އައި ދުވަހު ރައީސް ޔާމީން ދިވެހި ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްވި ޚިޠޯބުގައި ބަލި ޤަބޫލުކުރައްވާކަމަށް ވިދާޅުވެ ވެރިކަން ބަދަލުކުރެއްވުމުގެ ކަންތައް ވަރަށް އޮމާންކަމާއިއެކު ކުރިއަށް ގެންދަވާނެކަމަށްވެސް ވިދާޅުވިއެވެ.
 
މީގެ އިތުރުން، ހަމަ އެ ދުވަހު ޕީ.ޕީ.އެމްގެ ފަރާތުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލް ރަހީމް އަބްދުﷲވެސް ވަނީ ބަލި ޤަބޫލުކުރައްވާކަމަށް ވިދާޅުވެ ޕީ.ޕީ.އެމްގެ ދައުރެއްގައި 'އިންސާފުވެރި' އިންތިކާބެއް ބޭއްވުނީތީ ފަޚުރުވެރިވާކަމަށްވެސް ވިދާޅުވެ ވާހަކަދައްކަވާފައެވެ.
 
އެހެންނަމަވެސް، އިންތިޚާބު ބޭއްވިތާ ހަފްތާ އެއް ފަހުން އިލެކްޝަންސް ކޮމިޝަނުން ދާއިމީ ނަތީޖާ އިޢުލާންކުރަން ކައިރިވެފައިވަނިކޮށް ޕީ.ޕީ.އެމްގެ ރާގު ބަދަލުވެ ވޯޓުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް ބުނަން ފެށިއެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ އިސްތިއުފާއަށްވެސް ޕީ.ޕީ.އެމުން ގޮވަށް ފެށިއެވެ. ޕީ.ޕީ.އެމުން މި ހަރަކާތްތައް ފަށާފައިވަނީ ރައީސް ޔާމީންވެސް ބައިވެރިވެވަޑައިގެން ޕީ.ޕީ.އެމްގެ އޮފީސް ދޮށުގައި ބޭއްވި މުޒާހަރާއަކާއިއެކުއެވެ. އެ މުޒާހަރާގައި ރައީސްވެސް ވަނީ ސިލްސިލާކޮށް މުޅި ރާއްޖޭގައި މުޒާހަރާ ކުރިއަށް ގެންދެއްވުމަށް ގޮވާލައްވާފައެވެ.
 
ޕީ.ޕީ.އެމްގެ ފަރާތުން އިލެކްޝަންސް ކޮމިޝަންގެ ބޮލުގައި އެތަކެއް ތުހުމުތުތަކެއް އަޅުވަމުން ގެންދެވިއެވެ. އެގޮތުން ވޯޓު ކަރުދާސް ޕްރިންޓުކުރަން އެމް 7 އަށް ބޮޑު އަގުގައި ދިނުމާއި، އަނގޮޓިތަކެއްގެ ވާހަކައާއި ވޯޓު ކަރުދާހުގައި ހުރި ބައެއް މައްސަލަތަކުގެ ވާހަކަ ޕީ.ޕީ.އެމުން ފާހަގަކުރިއެވެ. އެއަށްފަހު ފެނިގެންދިޔައީ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހު ރައީސް ޔާމިންގެ ފަރާތުން އިންތިޚާބު ބާޠިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައެޅުއްވި މަންޒަރެވެ.
 
ރައީސް ޔާމީންގެ ފަރާތުން ހުށައެޅުއްވި މި މައްސަލައަށް އިދިކޮޅު ހަތަރު ލީޑަރުންވެސް ތަދައްޚުލުވެ ވަޑައިގެންނެވިއެވެ. ތިން ދުވަސް މަތިން 10 ގަޑިއިރަށްވުރެ ގިނައިރަށް މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އިރު އެ ކޮންމެ ދުވަހެއްގައިވެސް ކޯޓު ތެރޭފައި ހޫނު ބަހުސްތަކެއް ކުރެވިފައިވެއެވެ. އެންމެ ފަހުން ރައީސް ޔާމީން މި މައްސަލައިގައި ހުށައެޅުއްވި ސިއްރު ހެކި ނުނެގުމަށް ސުޕްރީމް ކޯޓުން ނިންމެވުމުން އިދިކޮޅު ފަރާތްތަކުން މި މައްސަލަ ރައީސް ޔާމީންގެ ކޮޅަށް ނުނިންމޭނެކަމަށް ބުނެ އުފާފާޅުކުރި މަންޒަރުވެސް ފެނިގެންދިޔައެވެ.
 
އެހެންނަމަވެސް އަދި ސުޕްރީމް ކޯޓުން މި މައްސަލައިގައި ހުކުމެއް ނުކުރެއެވެ. އަދި ހުކުމް ކުރާނެ ވަގުތެއްވެސް އަދި އެއްވެސް ފަރާތަކަށް ޔަޤީނެއް ނުކުރެވެއެވެ. މުޅި ގައުމު މިހާރު ހުއްޓިފައިވަނީ އެތައް ރައްޔިތުންތަކެއްގެ ހައްޤު ހިމެނޭ މި މައްސަލައިގައި ސުޕްރީމް ކޯޓުން ކުރާނެ ހުކުމަކާއިމެދުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ