މީރާއިން ފައިސާ ހޯދާ އުސޫލުތަކެއް ލުއިކޮށްފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުދައްކައި ހުންނަ ފައިސާ ހޯދުމުގެ ބައެއް އުސޫލުތަކަށް މިއަދު ލުއިތަކެއް ގެނެސްފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާގެ އެންފޯސްމަންޓް ޕޮލިސީއަށް ބަދަލުގެނެސް ގެޒެޓް ކޮށްފައިވާ ގަވައިދަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ލުއި ދީފައިވަނީ ދެ ކަމަކަށެވެ. އެއީ ކުންފުނިތަކުގެ އެކައުންޓް ފްރީޒް ކުރުމާއި ކުދި ވިޔަފާރިތަކުން ދައްކަން ޖެހޭ ފައިސާ ބަހާލައިގެން ދައްކާ އުސޫލެވެ.
ކުރިން އަމަލު ކުރަމުން އައި ގޮތުން މީރާއަށް ފައިސާ ނުދައްކައިގެން ފްރީޒް ކުރާ އެކައުންޓްތައް ދޫކޮށްދެނީ އެ ފައިސާ ދައްކައި ހަލާސް ކުރުމުންނެވެ.
ނަމަވެސް، މިއަދު ގެޒެޓްކުރި ގަވައިދުގައިވާ ގޮތުން ފައިސާ ނުދައްކައިގެން އެ ކައުންޓް ފްރީޒްކޮށްފައިވާ ކުންފުންޏެއްގެ މައްސަލަ ކޯޓުގައި ރަޖިސްޓަރީ ކުރުމާ އެކު އެ އެކައުންޓް ދޫކޮށްލާނެ އެވެ. އަދި މައްސަލައަށް ވަކި ގޮތެއް ނުނިމުނު ކަމުގައި ވިޔަސް އެކައުންޓް ފްރީޒް ކުރާތާ 90 ދުވަހުގެ ތެރޭގައި އެކައުންޓް ދޫކޮށްލުމަށް މީރާއިން ވަނީ ނިންމައިފަ އެވެ. އަދި ފްރީޒް ކޮށްފައިވާ މައްސަލަ އިސްތިއުނާފަށް ހުށަހަޅާ ހިސާބުން ވެސް މީރާއިން އެކައުންޓް ދޫކޮށްދެ އެވެ.
އެ ކައުންޓް ފްރީޒް ކުރާ އުސޫލަށް ލުއި ގެނައި ނަމަވެސް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށް ފިޔަވަޅު އަޅާ އުސޫލަކަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
އަލަށް ގެނައި ބަދަލާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދައްކަން ޖެހޭ ފައިސާ ބަހާލައިގެން ދެއްކުމަށް ވެސް ވަނީ ލުޔެއް ގެނެސްފަ އެވެ. ކުރިން އަމަލުކުރާ ގޮތުން، ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދެނީ ދައްކަންޖެހޭ ފައިސާގެ އަދަދު 20،000ރ. އަށް ވުރެ މަތި ނަމަ އެވެ. އެކަމަކު، މިހާރު ވަނީ އެ އަދަދަކީ 10،000ރ. ކަމަށް ކަނޑައަޅައިފަ އެވެ.
ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން ބޮޑެތި ބާރުތަކެއް ލިބިފައިވާ މީރާއިން ފައިސާ ދައްކަން އަންގާ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ އެ ފަރާތެއް ބްލެކް ލިސްޓްކޮށް، ކަމާ ބެހޭ ފަރާތްތަކަށް އެކަން މީރާއިން އަންގާނެ އެވެ. އަދި ޓެކްސްގެ ގޮތުގައި މީރާ އިން ކަނޑައަޅާ އަދަދަކާ މެދު ހިތްހަމަނުޖެހިގެން އެ މައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅޭނީ ވެސް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދެއްކުމުން ކަމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައިވެ އެވެ.
މީރާއިން ވިޔަފާރިތަކަށް ލުއިތަކެއް ގެނެސްދީފައިވާއިރު، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ކެމްޕެއިންގައި، މީރާ އިސްލާހު ކުރައްވާނެ ކަމުގެ ވައުދު ވަނީ ވެވަޑައިގެންފަ އެވެ. މީރާއިން މިހާރު އަމަލު ކުރާ ގޮތުން ވިޔަފާރިތަކަށް ގެއްލުންވާކަން ފާހަގަ ކުރައްވައި އެ ކަންކަން އިސްލާހު ކުރުމަކީ އިބޫގެ ކެމްޕެއިން ވައުދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ