ގާސިމް އަށް މަޖިލީހުގެ ރައީސް ކަމުގައި ހުންނެވޭނެ ކަމާމެދު ޝައްކެއް ނެތް - ދިޔާނާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އިންތިހާބުކޮށްފައިވާ، މާމިގިނލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަށް އެ މަގާމުގައި ހުންނެވޭނެ ކަމަށް އެއްވެސް ޝައްކެއް ނެތް ކަމަށް ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޝަރުތު ހަމަނުވާތީ ގާސިމަށް ރައްޔިތުން މަޖިލީހުގެ ރައީސް ކަން ކުރެވިދާނެތޯ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ސުވާލު އުފައްދަވާފައިވަނިކޮށެވެ.
އެގޮތުން ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އުފުލަންޖެހިއްޖެ ހާލަތެއްގައި މަޖިލީހުގެ ރައީސަށް އެކަން ކުރެެވެން ނެތްނަމަ އެކަމުގައި އަމަލުކުރާނެ ގޮތް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ގާސިމަށް މަޖިލީހުގެ ރައީސްކަމުގައި ހުންނެވޭނެ ކަމާއިމެދު އެއްވެސް ޝައްކެއް ނެތްކަމަށް ދިޔާނާ ވިދާޅުވިއެވެ.
އާޒިމާ އޭނާގެ ފޭސްބުކް ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ 124 ވަނަ މާއްދާގެ (ށ) ގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހުރިއްޔާގެ ނައިބު މަގާމުން އިސްތިއުފާދެއްވައިފި ކަމުގައިވާ ނަމަ ވެރިކަމަށް ވަޑައިގަންނަވާނީ މަޖިލީހުގެ ރައީސް ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ނެތް ހާލަތެއްގައި ރައީސް ކަމުގެ މަގާމަށް ވަޑައިގަންނަވާނީ މަޖިލީހުގެ ނައިބު ރައީސް ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ.މަޖިލީހުގެ ނައިބު ރައީސް އެމަގާމުގައި ނެތް ހާލެއްގައި ގައުމުގެ ކަންކަން ބެލުމަށް ހަވާލުކުރަންޖެހޭނީ މަޖިލީހުން ކަނޑައަޅާ މެންބަރެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
ރައީސް ކަމުގެ މަގާމަށް ވަގުތީ ހާލަތެއްގައިވެސް ހަވާލުވާ ފަރާތަކީ އެމަގާމަށް ކަނޑައެޅިފައިވާ ޝަރުތުތައް ހަމަވާންޖެހޭ ފަރާތެއް ކަމަށް އެމާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވާކަން ވެސް އާޒިމާ ވަނީ ފާހަގަ ކުރައްވާފައެވެ.
ޤާނޫނު އަސާސީގައި މިގޮތައް ބަޔާންކޮށްފައި ވާއިރު މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އައްޔަނުކޮށްފައިވާ ގާސިމް އިބްރާހިމަކީ 65 އަހަރުން މަތީގެ މީހެއް ކަމަށާއި އެހެން ކަމުން ގާސިމްގެ ކިބައިގައި ރައީސް ކަމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް އާޒިމާ ވިދާޅުވިއެވެ.
ގާނޫނީ ގޮތުން އުފެދޭ މިސުވާލަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ޖަވާބު ދެއްވަން ޖެހިވަޑައިގަންނަވަންވާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ. ގާނޫނު އަސާސީގެ 123 ވަނަ މާއްދާއާއި 124 ވަނަ މާއްދާގެ ތެރެއިން އަމަލު ކުރަންޖެހޭނެ ގޮތްތަކާމެދު ގިނަ ސުވާލުތަކެއް އުފެދިފައިވާ ކަމަށް އާޒިމާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ