ރައީސް އަބްދުﷲ ޔާމީން އާއި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވެ ވަޑައިގެންނެވި ހިސާބުން ޕާޓީންވެސް ބޭރުކޮށް ދޮޅު އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޭބަންދަށް ބަދަލުކުރުމަށް ކަރެކްޝަނަލް ސާވިސް އިން ނިންމައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
'އައްޑޫލައިވް' ރިޕޯޓުކޮށްފައިވާ ގޮތުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން މިހާރު ވަނީ ރައީސް މައުމޫން ގޭބަންދަށް ބަދަލުކުރާ ގޮތަށް ނިންމާފައެވެ. އެކަން ކުރައްވަނީ ކޮން އިރަކުކަމަށް އެނގިފައި ނުވާކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.
ރާއްޖޭގައި 30 އަހަރުވަންދެން ވެރިކަން ކުރެއްވި މިހާރު އުމުރުފުޅުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ ރައީސް މައުމޫން ގެންދަވަނީ، ކުއްލިއަކަށް ބޯއަނބުރައި ކޮއްޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ހާލަތަށް ދާ ބައްޔެއްކަމަށްވާ ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ.
ވާޓިގޯ ބަލީގައި ރައީސް މައުމޫނަށް ފަރުވާދެމުން އަންނައިރު، ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން މާފުށީ ޖަލަށް ޑޮކްޓަރަކު ގެންގޮސްގެން ވެސް މީގެ ކުރިން ވަނީ ފަރުވާ ދީފައެވެ. އަދި އަމިއްލަފުޅަށް ތެދުވެވަޑައިގެން، ޒަރޫރީ ބައެއް ކަންކަން ކުރެއްވުމުގައި އެމަނިކުފާނަށް ދަތިތަކެއް ކުރިމަތިވެވަޑައިގެންފައިވާތީ، ޑޮކްޓަރު ލަފާ ދެއްވާފައިވަނީވެސް އެމަނިކުފާނު އާއިލާއާއެކު ބެހެއްޓުމަށެވެ. އެހެން ނަމަވެސް އެކަމަށް މިހާތަނަށް ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން ވަނީ ދެކޮޅު ހަދާފައެވެ.
މައުމޫނު ގޭބަންދަށް ބަދަލުކުރަން ކަރެކްޝަންސްގެ މެޑިކަލް ބޯޑުން އެންމެ ފަހުން ނިންމާފައި މިވަނީ، ރައީސް ޔާމީންގެ އަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވެ ކޯޓުތަކުން ވެސް ސިޔާސީ ފަރާތްތައް ބަންދުން މިނިވަން ކުރަންފަށާފައިވާ ދަނޑިވަޅުގައެވެ.
މިބަދަލަކީ ކުރިއަށް އޮތް ދައުރަށް ރައީސްކަމަށް އިންތިހާބުވި އިދިކޮޅު ކެންޑިޑޭޓް މިހާރުގެ އިންތިހާބީ ރައީސް އިންރާހީމް މުހައްމަދު ޞާލިހް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެ ނަމަ އެންމެ ފުރަތަމަ ކުރައްވާނެ ކަންކަމުގެ ތެރޭގައި ސިޔާސީ ލީޑަރުންނާއި އަދި ސީޔާސީ ހައްޔަރީން މިނިވަން ކުރައްވާނެ ކަމަށް އެމަނިކުފާނުގެ ކެމްޕޭންގައި ވައުދުވެވަޑައިގެން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ގެންދެވުމާގުޅިގެން އައި ބަލަކަށް ވުމަކީ އެކަށީގެންވާކަމެކެވެ.
ރައްޔިތުުންގެ ތެރެއިން ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި މީގެ ކުރިން ރައީސް މައުމޫން ގޭބަންދަށް ދޫނުކޮށް ހުރީ، ރައީސް ޔާމީންގެ ނުފޫޒުންނެވެ. މިއީ ރައީސް ޔާމީނަށް އިންތިހާބު ނާކާމީޔާބާ ކުރިމަތި ލާންޖެހުނު މައިގަނޑު އެއްސަބަބު ކަމަށް ސިޔާސީ ގިނަ ފަރާތްތަކުން ބުނެއެވެ.
ރައީސް މައުމޫން ގޭބަންދަށް ބަދަލުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ