ކޮލަމާފުށީގެ ބަނދަރުގެ ބޭރު ތޮށީގެ މަސައްކަތް ރިވައިސް ކުރުމަށް މެމްބަރު އެދިއްޖެ

ކޮލަމާފުށީގެ ބަނދަރުގެ ބޭރު ތޮށީގެ މަސައްކަތް ފެށުމުގެ ކުރިން ސަރުކާރުން އެ މަސައްކަތުގެ ޑިޒައިން ރިވައިސްކޮށް ރައްޔިތުން އެދޭގޮތަށް ބަނދަރު ނިމޭއިރު އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިލިގިނލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ބަހުސްކުރައްވަމުންނެވެ.
ބަޖެޓުން ދާއިރާއަށް ގިނަ މަޝްރޫޢުތަކެއް ހުރިކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން ކޮލަމާފުށީގެ ބަނދަރު ފުންކުރުމުގެ މަޝްރޫޢު އޮފިޑް ފަންޑު ލޯނުގެ ދަށުން ކުރިއަށްދާ ކަމަށާއި އެ ރަށުގެ ބަނދަރަކީ 1992 ވަނަ އަހަރުން ފެށިގެން ނުހެދި އޮތް ބަނދަރެއް ކަމަށެވެ.
މެމްބަރު ވިދާޅުވީ ބަނދަރުގެ ޑިޒައިނިންގ މަރުހަލާގައި އުފެދިފަ އޮތް ޚިޔާލުތަފާތުވުންތަކެއް އެ ރަށުގެ ރައްޔިތުންގެ ފަރާތުން އަންނަ ކަމަށާއި ކޮލަމާފުށީ ބަނދަރުގެ ބޭރު ތޮށި ރައްޔިތުންނަށް ފަސޭހަކަމާއެކީ އަރާ ފައިބާ އަދި ކުދި އުޅަނދުފަހަރު އެޅޭނެ ގޮތަށް އެ ސަރަހައްދު ބޭނުންކުރޭނެ ހިތްފަސޭހަ ނިޒާމަކަށް އެ ބަނދަރުގެ ބޭރު ތޮށި ޑިޒައިން ކުރުމަށް ރައްޔިތުން އެދޭ ކަމަށެވެ.
ގއ. އަތޮޅުގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ ވިލިގިއްޔާ ކޫއްޑު އަދި މާމެންދޫއާ ކޫއްޑޫ އަދި ބްރިޖް ކަނެކްޝަނުން އެއްފަސް ކުރެވެން ހުރި ރަށްތައް ވީހާވެސް އަވަހަށް ގުޅާ ވިލިގިނލި ކޫއްޑު ބްރިޖްގެ އަމަލީ މަސައްކަތް ފެށިގެން ދިޔުން ކަމަށްވެސް މެމްބަރު ފާހަގަކުރެއްވިއެވެ.
ކޮވިޑުގެ ހާލަތުން އަރައިގަނެ ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި އެކުލަވާލާފައިވާ ޕްރޮގްރާމްތަކަކީ ވަރަށް ރަނގަޅު ޕްރޮގްރާމުތަކެއް ކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ އަންނަން އަހަރުގެ ބަޖެޓަކީ އުންމީދީ ބަޖެޓެއް ކަމަށެވެ.
އާމްދަނީގެ ގޮތުގައި 24.02 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށާއި ސަރުކާރުން ޚަރަދު ކުރެވޭނެ ކަމަށް 36.09 ބިލިއަން ރުފިޔާ އަންދާޒާ ކުރިނަމަވެސް މިނިމަމް ވޭޖް ކަނޑައަޅާ އެކަން ފޫބެއްދުމަށްޓަކައިވެސް މަސައްކަތްކޮށްފައިވާ ކަން ބަޖެޓުން ފެންނަން އެބައޮތް ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ