ނުފޫޒުގަދަ މެމްބަރުން ވަނީ މަޖިލިސް "ހިސޯރުކޮށްފައި"، ދާއިރާގެ ބޭނުންތަކަށް ޖެހެނީ އާދޭސްކުރަން

ނުފޫޒުގަދަ މެމްބަރުން ރައްޔިތުންގެ މަޖިލިސް "ހިސޯރު ކޮށްފައި"ވާކަމަށާއި، ދާއިރާއަށް ބޭނުންވާކަންކަން ބަޖެޓްގައި ހިމެނުމަށް ޖެހެނީ އެ މެމްބަރުން ކައިރީ އާދޭސް ކުރަންކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމަށް ލިބުނު ފުރުސަތުގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ބަޖެޓުގައި ނޮޅިވަރަމު ދާއިރާއަށް ހުރި އަދަދުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެއް ދާއިރާގެ ރައްޔިތުން ނަޖިސް ފެނުން ފެން ވަރާއިރު، އަނެއް ދާއިރާގެ ރައްޔިތުން ތާރު މަގުގައި ދުއްވުމަކީ ތަރައްޤީ ނޫންކަމަށެވެ.
"އެއް އަތޮޅެއްގަ އެއް ދާއިރާއެއްގަ ނަޖިސް ފެނުން މި ފެންވަރަނީ، އެއް ދާއިރާގަ ފާހަނާ ކުރަން ދާން މިޖެހެނީ އަތިރިމައްޗަށް، އަނެއް ދާއިރާގަ ތާރުމަތީގަ ދުއްވާފަ އަމިއްލަ ރަށަށް އެއާޕޯޓަށް އައިއްސަ، މިއެއް ނޫން އަޅުގަނޑުމެން ބޭނުންވާ ތަރައްގީއަކީ." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އޭނާގެ ދާއިރާގައި އޭޓީއެމްއެއް ނެތްކަމަށާއި، ދާއިރާގެ ރައްޔިތަކު "100 ރުފިޔާ ނެގުމަށް 700 ރުފިޔާ ހަރަދު ކުރަން ޖެހުމަކީ" ތަރައްޤީއެއް ނޫންކަމަށެވެ. އަދި އޭޓީއެމްގެ ކަންކަމުގައިވެސް ސަރުކާރުގެ އިދާރާތަކާ ވާހަކަދެއްކޭ ކަމަށާއި، އެހެންނަމަވެސް އެކަން ވެސް ނުވާކަމަށެވެ.
މަޖިލިސް "ހިސޯރު ކޮށްފައިވަނީ" ނުފޫޒުގަދަ މެމްބަރުންތަކެއް ކަމަށާއި، ބަޖެޓް ކޮމިޓީވެސް ކޮންޓްރޯލް ކުރަނީ އެ މެމްބަރުން ކަމަށެވެ. އަދި ދައިރާއަށް ކަމެއް ބޭނުންވެ އެކަމަށް ބަޖެޓުން ޖާގަ ހޯދުމަށް ޖެހެނީ ވަކި މެމްބަރުންތަކެއް ކައިރީ އާދޭސް ކުރަންކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"މާލެ ސަރަހައްދުގަ ކަމެއް ކުރަން ނުވަތަ މިތާ ބަސް ވިކޭ މެންބަރެއްގެ ދާއިރާއަށް ކަމެއް ކުރަން ވެއްޖެއްޔާ ބަޖެޓަށްވެސް ވަރަށް ފަސޭހައިން އިތުރުކުރެވޭ. ފެށުނީއްސުރެ ދާއިމިކޮށް، މަޖިލީސް އޮންނަނީ ބަކި ބަޔަކު ހިސޯރުކޮށްފައޭ ބުންޏަސް ރަނގަޅުވާނެ. ވަކި މި ދައުރަކު ނޫން، އަބަދުވެސް ތިބޭނީ ނުފޫޒުގަދަ ބައެއް ބަޖެޓު ކޮމިޓީގައި. އެމީހުން ބޭނުންވާ ކަންތައްތައްކަންނޭގެ ބަޖެޓަށް އިސްކަންދީގެން މިއަންނަނީ. އަޅުގަނޑުމެންވީ އެ މެމްބަރުން ކައިރީގަ އާދޭސް ކުރަން." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެ ދާއިރާވެސް ރާއްޖޭގެ އެހެން ތަންތަނާ އެއްވަރަށް ތަރައްގީ ވެގެންދާން ބޭނުންވާކަމަށެވެ. އަދި އެހެން ރައްޔިތުންނަށް ލިބޭ އަސާސީ ހައްޤުތައްވެސް ނޮޅިވަރަމު ދާއިރާގެ ރައްޔިތުންވެސް ބޭނުންވާކަމަށް ވިދާޅުވިއެވެ.
ބަޖެޓަށް ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ބަޖެޓްގައި އެ ދާއިރާއަށް ހުރި އަދަދުތަކާމެދު ހިތްހަމަ ނުޖެހޭކަން ފާޅުކޮށް ބަޖެޓަށް ތާއީދު ނުކުރެވޭކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ