ފުވައްމުލަކު ސްކޫލް އެއް ދަންފަޅިއަށް ހެދުމަށް ބޭނުންވާ ކްލާސްރޫމްތަކުގެ މަސައްކަތް ފަށައިފި

ފުވައްމުލަކު ސްކޫލު އެއް ދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ކްލާސްރޫމް އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ފުވައްމުލައް ސްކޫލުގައި އަލަށް އިމާރާތްކުރާ ކްލާސްރޫމް އިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވާ ބިންގާ އަޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، ތަޢުލީމީ ދާއިރާ ކުރިއެރުވުމުގައި ސަރުކާރުގެ ވިސްނުންހުރީ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން އެއްވެސް ކުއްޖަކު ބާކީނުކޮށް އުނގެނުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުންކަމަށެވެ. އެކަމަށް މަގުފަހިކޮށްދިނުމުގެގޮތުން ރާއްޖޭގެ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ސްކޫލްތަކުގެ ޖާގައިގެ މައްސަލަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެކަމަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ފުވައްމުލައް ސިޓީގެ 4 ސްކޫލެއްގައި އެކަނިވެސް 46 ކްލާސްރޫމް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ، ފަސޭހަކަމާއެކު ރަނގަޅު މާހައުލެއްގައި އުނގެނުމުގެ ފުރުޞަތު ހުރިހާ ދަރިވަރުންނަށް ފަހިކޮށްދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ.
"އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ އިރާދަކުރެއްވިއްޔާ ހުއްޓުމެއްނެތި މަޑުޖެހުމެއްނެތި އަޅުގަނޑުމެންނަށް ބޭނުންވާ ދަތިކަންތައްތައް ހައްލުކޮށްދެއްވުމުގައި މި ސަރުކާރުން އެ މަސައްކަތް ކެނޑިނޭޅި ކުރަމުންދާނޭ. މި ރަށަށް އެކަނި ބަލާލިކަމަށްވިޔަސް ގާތްގަނޑަކަށް 46 ކްލާސްރޫމް މުޅި މި ރަށުގެ 4 އަވަށުގައި ހިމެނޭ 4 ސްކޫލެއްގައި އިތުރުވެގެން މިދަނީ" ނައިބު ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ތަޢުލީމީ ދާއިރާގައި ހުރި ގޮންޖެހުންތައް ނައްތާލާ، ވަކިން ޚާއްސަކޮށް ޓީޗަރުންގެ ހުރި ކަންބޮޑުވުންތަކަށް އެދެވޭ ހައްލުތަކެއް ހޯދުމަށް މި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި އެކަންކަމުގެ ނަތީޖާވެސް އެދެވޭގޮތެއްގައި ފެންނަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތަށްފަހު ނައިބު ރައީސްއާއި އެޑިއުކޭޝަން މިނިސްޓަރ ވަނީ ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސްކޫލްތަކުގެ ވެރިން ވަނީ އެ ފަރާތްތަކަށް ދިމާވާ ދަތިތަކާއި އިތުރަށް ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ނައިބު ރައީސްއާއި ހިއްސާކުރައްވާފައެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީއާއި ސަރުކާރާއި ގުޅިގެން އެކަންކަމަށް އެޅޭނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ނައިބު ރައީސް ވަނީ މަޝްވަރާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ