ރާއްޖޭގައި ހުރި އެންމެ ވަރުގަދަ ސިޔާސީ ބޭފުޅަކީ ޝާހިދު: އާދަމް ޝަރީފް އުމަރު

ރާއްޖޭގައި މިވަގުތު ހުރި އެންމެ ވަރުގަދަ ސިޔާސީ ބޭފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށް އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ބިލު ދިރާސާކުރުމަށްފަހު، ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފޮނުވި ރިޕޯޓަށް ބަހުސް ކުރައްވަމުން އާދަމް ޝަރީފް ވަނީ ޝާހިދަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވައިފައެވެ. "ރާއްޖޭގެ ހަމަ ބޮޑު ޕާޓީއެއްގެ ގޮތުގައި ބެލެވޭ އެމްޑީޕީގައި ގިނަ މެންބަރުން ތިބި ނަމަވެސް، ފޮރިން މިނިސްޓަރެއްގެ ގޮތުގައި ކުރިން ހުންނެވި އަބްދުﷲ ޝާހިދަށް ވުރެ ވަކި ނުފޫޒުގަދަ، ބާރުގަދަ އަދި ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވައިގެން ވެސް ކަންކަން ހާސިލުކުރަން އެވަރުގެ ބޭފުޅެއް ހުރި ކަމަކަށް މިއަދަކު ފެންނާކަށް ނެތް،" އާދަމް ޝރަީފް ވިދާޅުވިއެވެ. އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ޝާހިދު އެމްޑީޕީއަށް ވަޑައިގެން ބޮޑެތި ކާމިޔާބީތައް ހޯއްދަވަމުން ގެންދަވާ ކަމަށެވެ. އެކަމަށް ޓަކައި އާދަމް ޝަރީފް ވަނީ ޝާހިދަށް މަރުހަބާ ވެސް ވިދާޅުވެފައެވެ. އަދި އދ.ގެ ރައީސަކަށް އެ މަނިކުފާނު އިންތިހާބު ވެވަޑައިގަތީ ޝާހިދުގެ ގާބިލުކަމާއި ކުޅަދާނަކަމުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. "ހަމަ ޔަގީނުން ވެސް އަޅުގަނޑަށް ފެންނަން އޮތް މަންޒަރަކީ މިއަދު މި ރާއްޖޭގައި ހުރި އެންމެ ވަރުގަދަ ސިޔާސީ ބޭފުޅަކީ އަބްދުﷲ ޝާހިދު ކަމަށް، އަޅުގަނޑަށް ފެންނަ މަންޒަރު، މިހާރު ފެންނަ ގޮތުގައި 2023 ގައި އެމްޑީޕީ ކެންޑިޑޭޓަށް އެމަނިކުފާނު ވުމަކީ ވެސް އެކަށީގެންވާ ކަމެއް،" އާދަމް ޝަރީފް ވިދާޅުވިއެވެ. މި ކަންކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ ދާދި ފަހުން އޮސްޓްރޭލިއާގެ މިނިސްޓަރަކު ރާއްޖެ ވަޑައިގަތުމުން އެ ބޭފުޅާއަށް މަރުހަބާ ދަންނަވަން ވަޑައިގަތީ ވަގުތީ ގޮތުން ފޮރިން މިނިސްޓްރީއާ ހަވާލުވެ ހުންނެވި ބޭފުޅެއް ކަމަށެވެ. މިއީ ކަންކަން ހިނގަން ވާނޭ ގޮތް ނޫން ކަމަށާއި މީގެ ކުރިން ވެސް މިނިސްޓަރެއް ނެތް ނަމަ ވަގުތީ ގޮތުން އެހެން މިނިސްޓަރަކާ ޒިންމާތައް ހަވާލުކުރައްވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ