ޔޫޓީއެފް އެއްބަސްވުމުގެ ބައެއް ހާމަކުރުމަށް އަންގައިފި

އުތުރުތިލަފުޅު (ޔޫޓީއެފް) ތަރައްގީ ކުރަން އިންޑިއާގެ އަސްކަރިއްޔާ އާއި ދިވެހި އަސްކަރިއްޔާއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ބައެއް ކަންތައްތައް ހާމަ ކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެމްއެންޑީއެފަށް އަންގައިފިއެވެ. ޔޫޓީއެފް އެއްބަސްވުމުގައިވާ މައިގަނޑު ހަ ކަމެއްގެ ތަފްސީލް ހޯދުމަށް އެމްއެންޑީއެފްގައި ސިޓީއަކުން އެދުމުން އެކަމަށް ޖަވާބެއް ދީފައި ނުވާތީ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅީ ނޫސްވެރިއެކެވެ. އެ މައްސަލަގައި ގޮތެއް ނިންމުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މިއަދު ބޭއްވި އަޑުއެހުމުގައި، އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ، އެ މައުލޫމާތުތައް ހާމަކޮށްފައި ނުވަނީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ ކަމަށާއި އެހެން ނަމަވެސް ހޯދަން އެދުނު މައުލޫމާތުތަކުގެ ތެރޭގައި ގައުމީ ސަލާމަތައް ނުރައްކާވާނެ ފަދަ މައުލޫމާތެއް ނެތް ކަމަށެވެ. "އެމްއެންޑީއެފްގެ ޕްރެސް ބްރީފިންއެއްގެ ތެރޭގައި ވެސް އެބަހުރި މީގެ ތެރެއިން ބައެއް މައުލޫމާތުތައް ހާމަކުރައްވާފައި،" އާހިދު ވިދާޅުވިއެވެ. އެގޮތުން ޔޫޓީއެފް އެއްބަސްވުމުގެ ދަށުން ބައިތިއްބަނީ އަސްކަރީ ބައެއް ނޫން ކަމަށާއި އެތަނުގައި ތިބޭނީ ޓެކިނަކަލް މީހުން ކަމަށް ބުނެފައިވާ ކަމަށް އާހިދު ވިދާޅުވިއެވެ. އަދި މަސައްކަތަށް ތިން އަހަރު ހޭދަވާއިރު އޭގެ ފަހުން 15 އަހަރު އެތަނުގައި އެ މީހުން ތިބޭނެ ކަން މީގެ ކުރިން އެމްއެންޑީއެފުން ހާމަކޮށްފައިވާކަމަށް އާހިދު ވިދާޅުވިއެވެ. ހޯދަން އެދުނު މައުލޫމާތުތައް: ޓެކްނިކަލް މީހުން ނިސްބަތްވާ މުއައްސަސާ އެ މީހުން ރާއްޖޭގައި ތިބޭނެ މުއްދަތު މީހުން ތިބޭނެ އަދަދު އެތަނުގައި ތިބޭ މީހުންނަށް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބޭ ނަމަ އެކަމުގެ ތަފްސީލް އެކޮމެޑޭޝަނާއި އެހެނިހެން ހަރަދުތަކުގެ ތަފްސީލް އެއްބަސްވުމުގެ ދަށުން ދީފައިވާ 50 މިލިއަން ޑޮލަރުގެ ލޯނުގެ ތަފްސީލް "އެހެން ކަމުން މައްސަލަ ހުށަހެޅި ފަރާތުން ހޯދަން އެދުނު މައުލޫމާތުތައް ހަތް ދުވަސް ތެރޭގައި ދޫކުރުމަށްފަހު މި އޮފީހަށް އެންގުމަށް ކަނޑައަޅަން،" އާހިދު ވިދާޅުވިއެވެ. އުތުރުތިލަފަޅުގައި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރުމަށް އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެތަނުގައި ޒަމާނީ، ނޭވަލް ބަނދަރަކާއިި އެތަނަށް ބޭނުންވާ އެހެނިހެން އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރާނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އެތަނުގައި ގާއިމްކުރާ ފެސިލިޓި އަކީ 100 ޕަސެންޓު ދިވެހި ދައުލަތުގެ މިލްކެއް ކަމަށާއި އެތަން އޮޕަރޭޓު ކުރާނީ ވެސް ގައުމީ ދިފާއީ ބާރުން ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ