ސައުދީ ކޯލީޝަނުން ޔަމަނުގެ ސްކޫލް ބަހަކަށް ދިން ހަމަލާގައި 29 ކުދިން މަރު

ސަންއާ (އޮގަސްޓް 9) - ސައުދީ ކޯލީޝަނުން ޔަމަނުގެ ސްކޫލް ބަހަކަށް މިއަދު ދިން ވައިގެ ހަމަލާގައި 29 ކުދިން މަރުވެ 30 އަށް ވުރެ ގިނަ ކުދިން ޒަޚަމްވެފައިވާ ކަމަށް ރެޑް ކްރޮސް އިން ބުނެފި އެވެ.
ސްކޫލް ކުދިން ދަތުރުކޮށްފައި ދިޔަ ބަހަށް ހަމަލާ އެރީ ޔަމަނުގެ އުތުރުގެ ސާދާ ޕްރޮވިންސްގެ މާރުކޭޓެއްގެ ކައިރިންނެވެ. ބަސް ދަތުރުކޮށްފައި ދިޔައީ ޕިކްނިކް ދަތުރެއް ނިންމާފައި ކުދިން ގޮވައިގެން ސްކޫލަށް ކަމަށް ސޭވް ދަ ޗިލްރަން އިން ބުނެ އެވެ. ބަހަށް ވައިގެ ހަމަލާ ދިނީ މާރުކޭޓްގެ ކައިރީގައި ބަސް މަޑުކޮށް ލުއި ބުއިމެއް ގަތުމަށް ޑްރައިވަރު ފިހާރަ އަށް ވަތް ވަގުތު ކަމަށްވެ އެވެ. ބަހުގައި ތިބީ 15 އަހަރުން ދަށުގެ ކުދިންނެވެ.
ވައިގެ ހަމަލާގައި ޒަޚަމްވި ދެ ކުއްޖަކަށް ދެނީ. --ފޮޓޯ:ރޮއިޓާސް
ޔަމަނުގެ ހޫތީން ހިންގާ ހެލްތު މިނިސްޓްރީން ބުނީ ވައިގެ ހަމަލާގައި 43 ކުދިން މަރުވެ 61 ކުދިން ޒަޚަމްވެފައިވާ ކަމަށެވެ.
ޔޫއޭއީ އާއި ސައުދީ ހިމެނޭ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ސައުދީ ބޯޑަރު ކައިރީގައި އޮންނަ ސާދާ އަށް ވައިގެ ހަމަލާ ދިން ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް ހަމަލާ ދިނީ ހޫތީން މިސައިލް ހަމަލާ ދިނުމަށް ބޭނުން ކުރާ ތަނަކަށް ކަމަށް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ