އާ އަހަރުގެ އަމާޒަކީ މަޖިލިސް މިނިވަންކުރުން: މައުމޫން

މި ފެށުނު އައު އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުންގެ މަޖިލިސް މިނިވަން ކުރުމަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. އާ އަހަރުގެ ތަހުނިޔާއާއެކު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ރައީސް މައުމޫން މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، ދިވެހި ގައުމު މިއަދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގެ މަތީގައި ކަމަށެވެ. އެގޮތުން ނިމިގެންދިޔަ އަހަރަކީ ދިވެހި ރައްޔިތުން ވަރަށް ގިނަ ދަތިތަކާއި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު އަދި އަދަދު ނުކުރެވޭހާ ގިނަ ފަރުދުންނާއި މުޅި ގަައުމު ހިތްދަތި ދުވަސްތަކެއް ވޭތުކުރަން ޖެހުނު އަހަރެއް ކަމަށް ވިދާޅުވިއެވެ. "ގާނޫނު އަސާސީއާއި ގާނޫނުތައް މުގުރާލެވި ރައްޔިތުންގެ ހުރުމަތްތެރިކަން ލިބިގެންވާ ރައްޔިތުންގެ މަޖިލިސް ހިސާރުކުރެވި، ސަލާމަތީ ބާރުތަކުގެ ޝިކާރައަކަށްވެ، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންތަކެއްގެ ގާނޫނީ ހިމާޔަތް އުވާލެވި، އަނިޔާވެރިކަމާއެކު ދައުލަތުގެ އެކި މުއައްސަސާތަކަށް ދަމާކޫއްތާފައި ގެންދެވުނު ހިތާމަވެރި މަންޒަރުތައް ފެނިގެންދިޔަ އަހަރެކެވެ،" މިދިޔަ އަހަރު ސިފަ ކުރައްވާ މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ. ވޭތުވެދިޔަ ދެތިން އަހަރު ދިވެހި ވެރިކަން ވަނީ ޑިމޮކްރަސީގެ މަގުގައި އެތައް ފިޔަވަޅެއް ފަހަތަށް އަޅާފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނުގެ ބަޔާނުގައި ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި ޑިމޮކްރަސީގެ ރީތި ހަމަތަކާ ހިލާފަށް، ވެރިކަމުގެ ނިޒާމު ހުދުމުހުތާރު ވެރިކަމަކަށް ބަދަލުވެގެންދާތަން ބެލުމަށް ދިވެހި ލޯތައް ނުކުޅެދިގެންދިޔަ މަންޒަރުވެސް މިދިޔަ އަހަރު ފެނިގެންދިޔަ ކަމަށެވެ. މައުމޫން ވިދާޅުވީ، އެ ހުރިހާ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުމަކަށް ގެނެސް، ރާއްޖޭގެ ސިޔާސީ މަސްރަހު ހަމަމަގަށް އަޅުވައި، ގާނޫނުގެ ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތާ ހެޔޮވެރިކަމެއް ގާއިމް ކުރުމަކީ މިއަދު ދިވެހިންގެ މައްޗަށް ވާޖިބު ވެފައިވާ ކަމެއް ކަމަށެވެ. "މިގޮތުން މި ފެށުނު 2018 ވަނަ އަހަރު އަޅުގަނޑުމެން އެންމެ އިސްކަންދޭ ކަމަކަށްވާނީ، މާތް ﷲ ގެ ވާގިފުޅާއެކު ރައްޔިތުންގެ މަޖިލިސް މިނިވަން ކުރުމެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ އެންމެހައި އިއްޒަތްތެރި މެންބަރުންގެ މެންބަރުކަން ކަށަވަރުކޮށްދީ، އެބޭފުޅުންގެ ގޮނޑިކޮޅުތައް ހިިމާޔަތްކުރުމެވެ.،" މައުމޫން ވިދާޅުވި އެވެ. މައުމޫން އެހެން ވިދާޅުވެފައިވާއިރު އެމީހަކު އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމާ ގުޅިގެން ޕީޕީއެމުން އިދިކޮޅާ ގުޅި، އެޕާޓީން ވަކިވާން އޭރު ސިޓީ ލާފައިތިބި 12 ދާއިރާއެއްގެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން ވަނީ ކަނޑައަޅާފައެވެ. މައުމޫން ވިދާޅުވީ، ގާނޫނާ އެއްގޮތްވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވައި، ގާނޫނާއި ގަވާއިދުގައިވާ ގޮތުގެމަތިން ކަންކަން ނިންމުމުގެ ފުރިހަމަ އިހްތިޔާރު ރައްޔިތުންގެ މަޖިލީހަށް ހޯދައިދީ ރާއްޖޭގެ ވެރިކަން މިނިވަން ޑިމޮކްރެޓިކް ގާނޫނީ ވެރިކަމަކަށް ބަދަލު ކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ