އަބަދުވެސް ފެނިގެންދަނީ މި ރާއްޖޭގައި ސިޔާސީވެރިންތައް އެކަކު އަނެކަކަށް ޖޯޑުވެ އުޅޭތަނެވެ. އެވެރިން މިއަދު ފެނިގެންދަނީ ހަތުރުންގެ ގޮތުގައި ވިއްޔާ މާދަން ފެނިގެންދާނީ މިތުރުންގެ ގޮތުގައި އެއްކޮށް މަސައްކަތް ކުރަމުން އަންނަ ތަނެވެ.
އެގޮތުން ބަލާއިރު، 2008 ވަނަ އަހަރު އަހަރެމެންނަށް ފެނިގެންދިޔައީ އެއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބައިވެރިވި ކޮންމެ ކެންޑިޑޭޓެއްވެސް އެއްވެސް ފަރާތަކާއި ކޯލިޝަން ނަހަދައި އިންތިހާބުގައި ބައިވެރިވިތަނެވެ. ނަމަވެސް އޭގެ ދެވަނަ ބުރުގައި ފެނިގެންދިޔައީ ބަދަލަކަށް ކަމަށް ބުނެ ޖުމްހުރީ ޕާޓީއާއި އަދާލަތް ޕާޓީ، އެމްޑީޕީއާއި އެއްކޮށް ކޯލިޝަން ހަދައި އެކުގަ ނުކުމެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބަލިކޮށް ވެރިކަމާއި ހަވާލުވި މަންޒަރެވެ.
އޭރު ކޯލިޝަން ސަރުކާރުގައި ހިމެނޭ ހުރިހާ ފަރާތްތައްވެސް ބުނަމުން ގެންދިޔައީ އޭރުގެ ރައީސް ނަޝީދުގެ ވެރިކަން ދަމަހައްޓައި ކުރިއަރުވަން ކޯލިޝަންގައި ހިމެނޭ ހުރިހާ ފަރާތްތައްވެސް އެންމެން އެކުގައި އެކުވެރިކަމާއި އެކު މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް ފެނިގެން ދިޔައީ އެކާވީސް ދުވަސް ނުވަނީސް ޖުމްހުރީ ޕާޓިގެ ލީޑަރ ޤާސިމް އިބްރާހިމް ކޯލިޝަން ދޫކޮށްލާފައި ދިޔަތަނެވެ. އަދި އޭގެ ދުވަސް ކޮޅެއް ފަހުން އަދާލަތް ޕާޓީވެސް އެމްޑީޕީ އެކަނިކޮށްލާފައި ދިޔަތަނެވެ.
އަނެއްކާވެސް އެއްކަލަ މިތުރުންތައް ހަތުރުންނަށް ވީއެވެ. އެކުގައި ގެނައި ވެރިކަމާއި ދެކޮޅަށް ފާޅުގައި ނިކުމެ މަސައްކަތް ކުރީ އަދާލަތު ޕާޓީއާއި، ޖުމްހޫރީޕާޓީ އަދި ޑީއާރުޕީ ގުޅިގެންނެވެ. ދެން ފެނިގެންދިޔައީ 7 ފެބްރުވަރީ 2012 ގައި އެއްކަލަ މިތުރުންނާއި ކުރީީގެ ރައިސް މައުމޫން އަދި ކުރީގެ ރައިސް ޔާމީން އާއި ބައިއަތު ހިފައި ރައިސް ނަޝީދުގެ ވެރިކަން ވައްޓާލިތަނެވެ.
ނަމަވެސް މީގެއިން އެއްވެސް ކަމަކުން އޭގެ އެއްވެސް ސިޔާސީ ފަރާތަކަށް ގެއްލުމެއް ނޫނީ ދެރައެއް ލިބިގެނެއް ނުދެއެވެ. އޭގެ ބަދަލުގައި ފެނިގެންދިޔައީ އެމްޑީޕީގެ ސަޕޯޓަރުން މަގުމަތިވެގެން ދިޔަތަނެވެ. އޭރު އެމްޑީޕީ ގެ ސަޕޯޓަރުން މަގުމަތީގައި މުޒާހަރާ ކުރަމުން ދިޔައީ އިންސާފް ހޯދުމަށް ކަމަށް ބުނެއެވެ.
އޭރުގައި އެމްޑީޕީއާއި ދެކޮޅަށް މަސައްކަތް ކުރި އެންމެންގެ ލަޤަބެއްގެ ގޮތުގައި ދީފައިވަނީ ބާޤީއިންނެވެ. އޭގެ ތެރޭގައި ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް، އަބްދުﷲ ރިޔާޒް، އަދި މިހާރުގެ ހޯމް މިނިސްޓަރ އަދި އަދާލަތް ޕާޓީގެ ލީޑަރ އިމްރާން އަބްދުﷲމެން ފަދަ ބޭފުޅުން ފާހަގަކޮށްލެވެއެވެ.
ދުވަސްތައް އެގޮތުގައި ގޮސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބްއާއި ކުރިމަތިލިއިރު އޭރު އެމްޑީޕީއާއި ދެކޮޅު ބައެއް ފަރާތައް ފެނިގެންދިޔައީ އެމްޑީޕީއާއި އެއް ސަފެއްގައި މަސައްކަތް ކުރަމުން ދިޔަތަނެވެ. އެ ގޮތުން ތަސްނީމް، އަބްދުﷲ ޝާހިދު އަދި ރޮޒައިނާ ފާހަގަކޮށްލެވެއެވެ.
2008 ގެ ރިޔާސީ އިންތިހާބާއި ހިލާފަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައިސް ނަޝީދު އިންތިހާބާއި ކުރިމަތިލީ ގިނިކަންޏާއެވެ. އޭގެ ބަދަލުގައި ޕީޕީއެމް ގެ ފަރާތުން އިންތިހާބާއި ކުރިމަތިލި ކުރީގެ ރައިސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެ ފަހަތުގައި ގާސިމް އިބްރާހިމް، އިމްރާން އަބްދުﷲ މެން ތިއްބެވެ.
ދެން ފެނިގެންދިޔައީ ގާތްގަޑަކަށް ހަމަ ކުރީގެ މާޒީ ތަކުރާރު ވެގެން ދިޔަތަނެވެ. ކޯލިޝަން ރޫޅި ބައިބައިވެގެން ދިޔަތަނެވެ. އަދި އެމްޑީޕީއާއި ގުޅިގެން 2018ގެ އިންތިހާބް ކާމިޔާބު ކުރިއެވެ.
މި ހުރިހާ ދެބަސްވުންތަކާއި ސަކަރާތުގައި ތާށިވެގެންދަނީ ހަމަ އެއްބަޔެކެވެ. އެއި ރައްޔިތުންނެވެ. މިސާލަކަށް ބަލާނަމަ އެމްޑީޕީގެ ލިޑަރ ރައިސް ނަޝީދު އެބުރޭހާ ގޮތަކަށް އެ ޕާޓީގެ އާންމު މެމްބަރުން އެބުރެން ޖެހެއެވެ. ގާސިމް އިބްރާހިމް ޖަހާހާ ބެރަކަށް ޖުމްހުރީ ޕާޓީގެ އާންމު މެމްބަރުން ނަށަން ޖެހެއެވެ. ޖުމްލަ ގޮތެއްގައި ބުނާނަމަ ރާއްޖޭގެ އާންމު ހުރިހާ ޕާޓީ ތަކެއްގެ ހާލަތަކީ މިއީއެވެ.
އެބަޔަކު ތާއިދުކުރާ ޕާޓީގެ ލީޑަރ ކިތަންމެ ބޮޑު ދޮގެއް ހެދިޔަސް ނޫނީ ކިތަންމެ ބޮޑު އޮޅުވާލުމެއް އޮޅުވާލިޔަސް އެ އާންމު މެމްބަރުން ޖެހެނީ އެ ބުނާ ވާހަކައަކާއި އެއްގޮތަށް އަމަލުތައް ބަހައްޓާށެވެ. އެގޮތުން ތިމާ ހިތްއެދޭ ލީޑަރުންނަށް އެކި ލަަގަބުތައްދީ ހެދުންވެސް އެއީ އާންމު ކަމެކެވެ.
އެގޮތުން ބަލާއިރު 7 ފެބްރުވަރީ 2012 ގައި އެމްޑީޕީ މީހުނަށް ގާސިމް އިބްރާހިމްއަކީ ބާޤީއެކެވެ. އަދި ޕީޕީއެމް މީހުނަށް ގާސިމް އިބްރާހިމްއަކީ ގާޒީއެކެވެ. 2018 ވަަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީ މީހުނަށް ގާސިމް އިބަރާހިމް ވީ ގާޒީއަކަށެވެ. ޕީޕީއެމް މީހުނަށް އޭރު ޤާސިމް ވީ ގައްދާރަކަށެވެ. ހަމަ އެހެންމެ މިއަދު އެއްކަލަ ޕީޕީއެމް މީހުނަށް ޤައްދާރަކަށްވި ގާސިމް އިބްރާހިމް މިވަނީ ޤައުމީ ބަޠަލަކަށްވެފައެވެ. އަދި އެމްޑީޕީ މީހުނަށް ގާސިމް އިބްރާހިމް ހާ ނުލަފާ މީހެއް ނެތެވެ.
އެހެންނަމަވެސް ފާހަގަކޮށްލަން ޖެހެނީ މި ހުރިހާ ކަމެއް ސިޔާސީ ފަރާތްތައް ކުރުވަމުން ގެންދަނީ އެއްކަލަ އެމީހުުނަށް ތާއިދުކުރާ ޕާޓީގެ އާންމު މެމްބަރުންލައްވާ ކަމެވެ. ކުރުގޮތަކަށް ބުނާ ނަމަ ސިޔާސީ ފަރާތްތައް ރައްޔިތުން ގެންގުޅެނީ އެމީހުންގެ އަމިއްލަ އެދުންތައް ފުއްދައި، ބޭނުންވާ ކަންތަކާއި ހިސާބަށް ދިޔުމަށް މަގުކޮށައި ދިނުމަށެވެ.
ސިޔާސީ ހަތުރުންނާއި މިތުރުން, ރައްޔިތުން ގެންގުޅެނީ ކުޅޭ ކުޅޭ އެއްޗެއްގެ ގޮތުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ