ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ މުއްދަތެއް މައުމޫން ކަނޑައަޅުއްވައިފި

ޕީޕީއެމްގެ ފަރާތުން އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލާނެ ބޭފުޅަކު ކަނޑައެޅުމަށް ޕްރައިމަރީއެއް ބޭއްވުމާ މެދު ގޮތެއް ނިންމުމަށް، އަންނަ އަހަރުގެ ނޮވެމްބަރު މަހު ގައުމީ ޖަލްސާއެއް ބޭއްވުމަށް ރައީސް މައުމޫން އަބްދުﷲ ގައްޔޫމްގެ އިއުލާން ކުރެއްވި އިސްލާހީ އެޖެންޑާގެ ތާވަލްގައި ހިމަނައިފި އެވެ. ޕީޕީއެމްގެ އޮފީހުން މިއަދު އާންމު ކުރި އެ އިސްލާހީ އެޖެންޑާ ވަނީ ފަސް ފިޔަވައްސަކަށް ބަހާލައިފަ އެވެ.
ޕީޕީއެމްގެ އޮފީހުން މިއަދު އާންމު ކުރި، އިސްލާހީ އެޖެންޑާގެ ޓައިމްލައިންގައިވާ ގޮތުން، ޕާޓީގެ ރިޔާސީ ޓިކެޓް ދިނުމަށް ޕްރައިމަރީއެއް ބޭއްޥުމާ މެދު ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވާ ގޮތެއް ނިންމުމާއި ޕްރައިމަރީއެއް ބާއްވާ ނަމަ އެކަން ކުރުން އޮންނާނީ ހަތަރު ވަނަ ފިޔަވަހީގެ މަސައްކަތްތަކުގެ ތެރޭގަ އެވެ. އެ ފިޔަވަހީގެ މަގުސަދަކީ، "ޕާޓީގެ ޓިކެޓްގައި އިންތިހާބުވެފައިވާ ފަރާތްތައް އެ ފަރާތްތަކުގެ ގައުމީ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުން ކަށަވަރުކުރުން" ކަމަށް ބުނާ އިރު ގައުމީ މަޖިލިސް ބާއްވަން ޖެހެނީ، ނޮވެމްބަރު 2017ގަ އެވެ. ރިޔާސީ ޕްރައިމަރީއެއް ބޭއްވުމާ މެދު ގޮތެއް ނިންމުމުގެ އިތުރަށް، މަގުޗާޓްގައިވާ ގޮތުން އެ ޖަލްސާގައި ޕާޓީގެ ޑިމޮކްރަސީގެ ޑެފިސިޓް ނައްތާލުމަށް އަސާސީ ގަވާއިދަށް ބަދަލުތައް ގެންނާނެ އެވެ.
ހަތަރު ވަނަ ފިޔަވަހީގައި ދެން ކުރަން ނިންމާފައިވާ ކަންތައްތަކަކީ، ގައުމީ މަޖިލީހުން ރިޔާސީ ޕްރައިމަރީއެއް ބާއްވަން ފާސްކޮށްފި ނަމަ، ފެބުރުއަރީ 2018 ގައި ރިޔާސީ ޕްރައިމަރީ ބޭއްވުމެވެ. ޕީޕީއެމްގެ ރިޔާސީ ކެމްޕޭން ފަށާނީ މާޗް 2018ގައި ކަމަށް ވެސް އިސްލާހީ އެޖެންޑާގައި ވަނީ ހިމަނައިފަ އެވެ.
އެ މުއްދަތުގެ ތެރޭގައި ދެން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކަކީ އިންތިހާބުވެފައިވާ މެންބަރުން، ގައުމީ މަސްލަހަތު ހުރި ކަންކަމުގައި ވޯޓު ދެއްވާފައި ވަނީ އާންމު މެންބަރުންގެ ހިޔާލާ އެއްގޮތަށްތޯ ބެލުމާއި އިންތިހާބު ކުރެވިފައިވާ މެންބަރުން އާންމުންގެ ހިޔާލު ހޯދަނީ ކިހާވަރަކަށްތޯ ބެލުން އަދި މެންބަރާ މެދު ކުރެވޭ އެކި އެކި ޝަކުވާތައް ބެލިފައި ހުރި ކިހާ ވަރަކަށްތޯ ބެލުމެވެ. މި ފިޔަވަހީގެ މަސައްކަތްތައް މި މަހުގެ އެއްވަނަ ދުވަހު ފެށިފައިވާ އިރު ނިމޭނެ ތާރީހަކީ 31 މޭ 2017 ކަމަށް އެޖެންޑާގެ މަގު ޗާޓްގައިވެ އެވެ.
މިއަދުން ފެށިގެން އިސްލާހީ އެޖެންޑާގެ ފުރަތަމަ ފިޔަވަހި ވަނީ ފެށިފަ އެވެ. ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދާ އިރު، ޕާޓީގެ ސައްހަ މެންބަރުން ދެނެގަތުމާއި ޕާޓީގެ ސައްހަ ގޮފިތަކާއި މަގާމުތައް ކަށަވަރު ކުރުމާއި ޕާޓީގެ ގުނަވަންތަކާއި ކޮމިޓީތަކުގެ ހާލަތާއި އެ ތަންތަނަށް ހުރި ފިއްތުންތައް ދެނެގަތުން ހިމެނެ އެވެ.
ދެވަނަ ފިޔަވަހީގައިވާ ގޮތުގައި، އަބްދުﷲ ޔާމީންގެ ރިޔާސީ މެނިފެސްޓޯ އިން ހާސިލް ކުރެވުނު ކަންކަން ދެނެގަތުމާއި ރައްޔިތުން މަޖިލީހުގައި ޕާޓީ ތަމްސީލް ކުރި ގޮތް މުރާޖައާ ކުރުން އަދި ސަރުކާރުގެ އިދާރާތަކުން އަމަލުކޮށްފައިވާ ގޮތް މުރާޖައާ ކުރުން ހިމެނެ އެވެ. މީގެ އިތުރަށް އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުން ކަނޑައަޅަން ޕްރައިމަރީ ބޭއްވުމާއި އެ އިންތިހާބުގެ ކެމްޕޭން ކުރިއަށް ގެންދިޔުން ހިމެނެ އެވެ. އެ ފިޔަވަހީގެ މަސައްކަތްތައް ކުރާނީ މިއަދުން ފެށިގެން މި އަހަރުގެ ޑިސެމްބަރު މަހުގެ 15 ދުވަހުގެ ނިޔަލަށެވެ.
އަންނަ އަހަރުގެ ޖެނުއަރީން ފެބުރުއަރީއަށް މަސައްކަތްތައް ކުރަން ނިންމާފައިވާ ޕާޓީގެ ތިން ވަނަ ފިޔަވަހީގައި، ދަށުން އަށް ދާއިރާއެއްގެ މައްޗަށް އެކުލެވޭ ފޯކަސް ގްރޫޕްތަކެއް އެކުލަވާލާނެ އެވެ. މި ފޯކަސް ގްރޫޕްތައް އެކުލަވާލަން ޖެހޭނީ އިންތިހާބީ ދާއިރާތައް ތަމްސީލްވާނެ ގޮތަށް، ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުންނެވެ.
އިސްލާހީ އެޖެންޑާގެ އެންމެ ފަހު ފިޔަވަހި، ފަސް ވަނަ ފިޔަވަހީގެ ދަށުން ކުރާނެ މަސައްކަތްތަކަކީ ގޮފިތައް އިތުރަށް ހަރަކާތްތެރި ކުރުވުމާއި ސައްހަ ގޮފިތައް ދެނެގަތުން އަދި ގައުމީ ޖަލްސާގައި ބައިވެރިވާނެ މަންދޫބުން ކަނޑައަޅަން ގޮފިތަކުގެ އިންތިހާބު ބޭއްވުމެވެ. އެ ފިޔަވަހީގެ މަސައްކަތްތައް ހިންގުމަށް ތާވަލްކޮށްފައި ވަނީ، އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން، 30 ސެޕްޓަމްބަރު 2017ގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ