ނިއު ރޭޑިއަންޓަށް 125،000 ޔޫރޯގެ އަގުހުރި ބްރެޒިލް ފޯވާޑެއް
އައު ސީޒަނަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ވަރުގަދަކުރުމުގެ ގޮތުން، 125,000 ޔޫރޯގެ އަގުހުރި ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯ އެ ކުލަބަށް ސޮއިކޮށްފިއެވެ. ބަންގްލަދޭޝް ލީގުގައި މޮޅު ކުޅުމެއް ދައްކައި، ބަޝުންދަރާ ކިންގްސްއަށް ކުޅެދިން 71 މެޗުން 69 ލަނޑު ކާމިޔާބުކޮށްދީފައިވާ އުމުރުން 36 އަހަރުގެ ޑޮރިއެލްޓަން ނިއުއާ ގުޅުނީ އެ ކުލަބު އަންނަ ސީޒަނަށް ކުލަބު ވަރުގަދަކުރުމުގެ ގޮތުންނެވެ. ކުޅުންތެރިންގެ އަގުތަކުގެ މައުލޫމާތު ގެނެސްދޭ މަޝްހޫރު ޓްރާންސްފާ މާކެޓު ވެބްސައިޓުގައި ވާގޮތުން ޑޮރިއެލްޓަންގެ އަގު އުޅެނީ 125000 ޔޫރޯގައެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާގެ އަގަކީ މަހަކު 350،000 ރުފިޔާއެވެ. ނަމަވެސް އޭނާގެ ނިއުއާ ގުޅުނު އަގެއް އެ ކުލަބުން އަދި މީޑިއާތަކަށް ރަސްމީކޮށް ހާމައެއްނުކުރެއެވެ. ބްރެޒިލްގެ އެންމެ މަތީ ޑިވިޝަންގެ ފްލުމިނެންސްއިން 2008 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި ޑޮރިއެލްޓަން ވަނީ އޭގެ ފަހުން ޗައިނާގެ ކުލަބުތަކުގެ އިތުރުން އިންޑިއާގެ ފޯސާ ކޮޗީ އަދި އޮޑިޝާ އެފްސީއަށްވެސް ކުޅެފައެވެ. ޑޮރިއެލްޓަންގެ އިތުރުން ނިއުރޭޑިއަންޓުން ވަނީ ޓީމު ވަރުގަދަކުރުމަށްޓަކައި އެހެން ބައެއް ކުޅުންތެރިންވެސް ހޯދައި، އެ ކުޅުންތެރިންނާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ބަދަލުތަކާއެކު އައު ސީޒަނުގައި ނިއުރޭޑިއަންޓުގެ ސްކޮޑުގައި ބިދޭސީ ހަތަރު ކުޅުންތެރިން ތިބޭނެއެވެ. އެއީ އަލަށް ގުޅުނު ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަންގެ އިތުރުން ލައިބީރިއާގެ އަލްބާޓް ކޭ ސްވަން އާއި، މިދިޔަ ސީޒަނުގައިވެސް އެ ކުލަބަށް ކުޅުނު ބްރެޒިލްގެ ގިލެރްމޯ ޑަސިލްވާ އަދި ލައިބީރިއާގެ އަބްދުﷲ ބިލިޓީއެވެ. މީގެ ތެރެއިން ލައިބީރިއާއަށް ނިސްބަތްވާ ދެ ކުޅުންތެރިންނަކީ އެ ގައުމުގެ ގައުމީ ޓީމަށް ކުޅެމުންދާ ދެ ކުޅުންތެރިންނެވެ. މި ބިދޭސީ ކުޅުންތެރިންގެ އިތުރުން ދިވެހި ބައެއް އައު ކުޅުންތެރިންގެ ސޮއިވެސް ވަނީ ހޯދާފައެވެ. އެގޮތުން ޤައުމީ ޓީމުގެ ޒުވާން ކުޅުންތެރިޔާ އީތަން ޒަކީއާއި ގައުމީ ފުޓްބޯޅަ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު މުހައްމަދު ނާއިމްވެސް ވަނީ ނިއުއާ ގުޅިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ