މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކްސް އިން ލިބުނު އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެއެވެ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި މި ދެ ބާވަތުން ޖުމްލަ 2.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މީރާގެ ރިޕޯޓުގައިވާ ގޮތުން، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17.5 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު މި ދެ ބާވަތުން ލިބިފައިވަނީ 1.8 ބިލިއަން ރުފިޔާއެވެ. ރާއްޖޭގެ އެއާޕޯޓްތަކުން ފުރާ ފަސިންޖަރުންގެ އަތުން ޑިޕާޗާ ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަން ޖެހެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ޑިޕާޗާ ޓެކްސްގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު 1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 907 މިލިއަން ރުފިޔާއާ އަޅާބަލާއިރު 17 އިންސައްތައިގެ އިތުރުވުމެކެވެ. ހަމައެއާއެކު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ވެސް 1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރު ލިބުނު 913 މިލިއަން ރުފިޔާއާ އަޅާބަލާއިރު 18 އިންސައްތައިގެ ކުރިއެރުމެކެވެ.
ރާއްޖޭގައި ޑިޕާޗާ ޓެކްސް ނަގަން ފަށާފައިވަނީ 1 ޖެނުއަރީ 2022 ގައެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ 1 މެއި 2017 އިން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން ނަގަމުން އަންނަ ފީއެކެވެ.
ޑިޕާޗާ ޓެކްސް ދެއްކުމުން ބައެއް ފަރާތްތައް އިސްތިސްނާވެއެވެ. އޭގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ އިތުރުން ދެ އަހަރުން ދަށުގެ ކުޑަކުދިން ހިމެނެއެވެ. ހަމައެފަދައިން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ދެއްކުމުން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޑައިރެކްޓް ޓްރާންސިޓް ފަސިންޖަރުންނެވެ.
އެއާޕޯޓް ފީއާއި ޑިޕާޗަރ ޓެކުހުން 2.1 ބިލިޔަން ރުފިޔާ ލިބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ