ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް އުފެއްދި ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ހަރަކާތްތައް އަލުން ފެށުމަށް ރައީސް މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
މިހާރު ކުރިއަށްދާ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި ގޮތުގައި އައްޑިހައިގެ އަހަރުތަކުގެ ތެރޭ ސާކް އުފެއްދުމަށް ރާއްޖޭން އިސް ދައުރެއް އަދާކުރި އެވެ. ސާކް އުފެއްދީ 1985 ވަނަ އަހަރު އެވެ.
އެ ޖަމާއަތުގެ ސަބަބުން ދެކުނު އޭޝިއާއަށް ވަރަށް ގިނަ ފައިދާތަކެއް ކުރަމުންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެން ނަމަވެސް، މިހާރު އެ ޖަމާއަތުގެ ހަރަކާތްތައް ނުހިނގާ އޮންނަތާ އެތައް އަހަރެއް ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ސާކުގެ އެންމެ މަތީ ވެރިން އަނެއްކާ ވެސް ބައްދަލުވުންތައް ބާއްވާ ހިސާބަށް ކަންކަން ގެންދިޔުން. މިކަމުގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާ ފަރާތްތަކަށް ދިވެހިރާއްޖޭން ގޮވާލަނީ އެ ކަންކަން އެއްކައިރިކޮށް މި ސަރަހައްދުގެ ކުރިއެރުމާއި ސަލާމަތަށްޓަކައި އެކުވެރިކަން އިސްކޮށް މޭޒު ދޮށަށް ވަޑައިގަންނަވާށޭ. އެކަން ކުރައްވަން އުނދަގޫފުޅުނަމަ މި ރާއްޖެ މިއޮތޯ އިސް ނަގާށޭ އެ މަޝްވަރާތައް ކުރިއަށްގެންދިޔުމަށް މީޑިއޭޓަަރަކަށް ވާން ވެސް،" މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ ހިޔާލު ތަފާތުވުންތަކަކީ އެއް މޭޒު ދޮށަށް އައިސް މަޝްވަރާކޮށްގެން ހައްލުކޮށް އެންމެ ފައިދާވާނެ ގޮތަށް ކުރިއަށްދިޔުމަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ. މި ސަރަހައްދުގެ އަމަންއަމާންކަމަށް ވެސް ސާކްގެ ހަރަކާތްތައް ފެށެން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސާކްގެ ގައުމުތަކުގެ ތެރެއިން އިންޑިއާ އަދި ޕާކިސްތާންގެ ދެމެދުގައި އޮތް ގުޅުން ވަނީ ފާއިތުވި އަހަރުތަކުގައި ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ސާކްގެ ހަރަކާތްތައް މަޑުޖެހުމުގައި އެންމެ ބޮޑު ސަބަބަކަށް ވެފައި އޮތީ މި ސަރަހައްދުގައި އޮތް ނިއުކްލިއާ ދެ ބާރުގެ މެދުގައި އޮތް ގުޅުން ހީނަރުވުމެވެ.
އެންމެފަހުން ސާކް ގައުމުތަކުގެ ވެރިންގެ މެދުގައި ސަމިޓެއް ބާއްްވާފައިވަނީ ނޮވެމްބަރު 2014، ގަ އެވެ. އެއަށްފަހު ނަވާރަވަނަ ސާކް ސަމިޓު ނޮވެމްބަރު 2016، ގައި ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބޭއްވުމަށް ތާާވަލުކުރެވުނެވެ. އެހެން ނަމަވެސް، އިންޑިއާއިން އެ ސަމިޓުގައި ބައިވެރިވުމަށް ދެކޮޅު ހެދި އެވެ. އަދި އެ ގައުމާއެކު ބަންގްލަދޭޝް، އަފްޣާނިސްތާން އަދި ބޫޓާނުން ސަމިޓުގައި ބައިވެރިނުވުމުން އެ އަހަރަށް ފަހު ސާކް ސަމިޓު ބޭއްވިފައެއް ނުވެ އެވެ.
ރާއްޖޭގައި މީގެކުރިން ދެ ފަހަރެއްގެ މަތިން ސާކް ސަމިޓު ބާއްވާފައިވެ އެވެ. މާލޭގައި 1997 ވަނަ އަހަރު ބޭއްވިއިރު 2011 ވަނަ އަހަރު ބާއްވާފައިވަނީ އައްޑޫ ސިޓީގަ އެވެ.
ސާކްގެ ހަރަކާތްތައް ފަށަން ޖެހޭ، އެކަމުގެ މަޝްވަރާތަކަށް މެދުވެރިޔަކަށްވުމަށް ރާއްޖެ އޮތީ ތައްޔާރަށް: މުއިއްޒުަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ