ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު 10 ދުވަސް ތެރޭގައި ފޮނުވައި ދެއްވުމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަންގަވައިފި އެވެ.
ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕާލަމެންޓްރީ ގުރޫޕުގެ މަސައްކަތްތައް ހިއްސާ ކުރުމަށް މައުމޫން އެދިވަޑައިގެން، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށެވެ.
މައުމޫން ނޫސްވެރިންނާ ބައްދަލު ކުރައްވައި މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ބަޔާން ދެއްވަނީ. ޕީޕީއެމްގައި ހުރި ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް އެމަނިކުފާނު ވަނީ ފައްޓަވާފައި. -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
މި ސިޓީގައި މައުމޫން އެދިވަޑައިގަތީ، ޕީޖީ ގްރޫޕުން މިހާތަނަށް ބޭއްވި ޖަލްސާތަކަށް ހާޒިރުވި މެންބަރުންނާއި އެ ބައްދަލުވުންތަކުގައި ނިންމި ކަންތައްތަކާއި މެންބަރުން ވޯޓު ދެއްވި ގޮތުގެ ތަފްސީލުތައް ޕާޓީއަށް ލިޔުމަކުން ހިއްސާ ކުރުމަށެވެ.
ހަމައެއާއެކު މެމްބަރުން ވޯޓު ދެއްވި ގޮތުގެ ތަފްސީލު މައުލޫމާތާއި ބައްދަލުވުންތަކުގެ ޔައުމިއްޔާ ހިއްސާ ކުރެއްވުމަށް މައުމޫން އެދިވަޑައިގެންނެވި ކަމަށް ޕީޕީއެމްގެ ބަޔާނުގައި ބުންޏެވެ.
"އެ ބައްދަލުވުންތަކުގައި ހުށަހެޅުނު ކަންތައްތަކާއި ނިންމުން ކަންތައްތައް ވެސް 10 ދުވަހުގެ ތެރޭގައި އެމަނިކުފާނަށް (މައުމޫނަށް) ފޮނުއްވުމަށް ސިޓީގައި ވަނީ އެދިވަޑައިގެންފަ އެވެ." ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.
ޕީޕީއެމް އިސްލާހު ކުރުމަށް ގިނަ ކަންތައްތަކެއް މައުމޫން ފައްޓަވާފައި މިވަނީ ރިޔާސީ ޓިކެޓްގެ މައްސަލަ އާއި ބިޑް ކުރުމެއް ނެތި ޓޫރިޒަމްގެ ބޭނުންތަކަށް ރަށްރަށާއި ބިންތަކާއި ފަޅުތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް، ޕީޕީއެމްގެ މަޖިލިސް މެމްބަރުން ފާސްކުރެއްވި އިސްލާހަށް ފަހުގަ އެވެ. އެގޮތުން މައުމޫން ވަނީ އެމަނިކުފާނަށް ލަފާއަރުވާނެ މަޝްވަރާ މަޖިލީހެއް އެކުލަވާލައި ޕާޓީ ހިންގާނެ ގޮތުގެ ޓައިމްލައިނެއް ވެސް ކަނޑައަޅުއްވައިފަ އެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޔައުމިއްޔާތައް ފޮނުވަން މައުމޫން އަންގަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ