ބަޖެޓު 2026: ސްޓެލްކޯއަށް ކަރަންޓު ސަބްސިޑީ ދޭކަށް ނުހިމަނާ، ފެނަކައަށް 730 މިލިއަން ރުފިޔާ ބަޖެޓު 2026: ސްޓެލްކޯއަށް ކަރަންޓު ސަބްސިޑީ ދޭކަށް ނުހިމަނާ، ފެނަކައަށް 730 މިލިއަން ރުފިޔާ

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ސަރުކާރުން ހުށަހެޅިއިރު، ސްޓެލްކޯއަށް ދެމުން އައި ސަބްސިޑީ ނުހިމަނައި އެކަމަކު ފެނަކައަށް ބޮޑު އަދަދަކުން ސަބްސިޑީ ދިނުމަށް ހިމަނައިފި އެވެ.
ބުރާސްފަތި ދުވަހު މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ކަރަންޓު ސަބްސިޑީގެ ގޮތުގައި ހިމަނާފައިވަނީ 730 މިލިއަން ރުފިޔާ އެވެ. އެ ހުރިހާ ފައިސާއެއް ދޭން ނިންމާފައިވަނީ ފެނަކަ އަށެވެ. މާލެ ސަރަހައްދާއި އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ކަރަންޓު ފޯރުކޮށްދޭ ސްޓެލްކޯއަށް ސަބްސިޑީގެ ގޮތުގައި އެއްވެސް ފައިސާއެއް ދޭކަށް ބަޖެޓުގައި ހިމަނާފައެއް ނުވެ އެވެ.
އަންނަ އަހަރު ފެނަކައަށް ދޭ އަދަދަކީ މި އަހަރު އެ ކުންފުންޏާއި ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީ އަށް ދޫކުރި ޖުމްލަ އަދަދަށްވުރެ ވެސް ގިނަ އަދަދެކެވެ. މި އަހަރުގެ ބަޖެޓުން ކަރަންޓު ސަބްސިޑީގެ ގޮތުގައި ސްޓެލްކޯއަށް 139.6 މިލިއަން، ފެނަކައަށް 516.5 މިލިއަން އަދި އެމްޑަބްލިއުއެސްސީއަށް 30 މިލިއަން ރުފިޔާ ދޫކުރި އެވެ.
އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި އަންނަ އަހަރު ސްޓެލްކޯއަށް ކަރަންޓު ސަބްސިޑީ ނުދޭން ނިންމީ ބަޖެޓު އެކުލަވާލުމުގެ އެ ކުންފުނިން ހިއްސާކުރި މައުލޫމާތަށް ރިއާޔަތް ކުރުމަށްފަހު އެވެ. ބެލެވޭ ގޮތުގައި ސަބްސިޑީއާ ނުލައި ކަރަންޓު އަގު ހިފެހެއްޓުމުގެ މާލީ ގާބިލުކަން ސްޓެލްކޯގައި އެބަ ހުއްޓެވެ.
މި އަހަރުގެ ކުރީކޮޅު ސްޓެލްކޯއިން ބުނި ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް 137.9 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. އެއީ ފާއިތުވި ހަ އަހަރު އެ ކުންފުނިން ހޯދި އެންމެ ބޮޑު ފައިދާ އެވެ. ސްޓެލްކޯއިން އޭގެ ކުރީ އަހަރު ނިންމާލީ 172 މިލިއަން ރުފިޔާގެ ގެއްލުމަކާ އެކު އެވެ.
ކަރަންޓު ސަބްސިޑީގެ ގޮތުގައި 730 މިލިއަން ރުފިޔާ ދޭން ނިންމި ފެނަކަ އޮތީ އެތައް ބިލިއަން ރުފިޔާ އަކުން ދަރައިފަ އެވެ.
އެ ކުންފުނި ހިންގުމަށް ކެޕިޓަލްގެ ގޮތުގައި މިދިޔަ އަހަރު 524 މިލިއަން އަދި މި އަހަރު 235 މިލިއަން ރުފިޔާ ދޫކުރި އެވެ. އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ފެނަކައަށް ކެޕިޓަލްގެ ގޮތުގައި ފައިސާ ދޫކުރަން ހިމަނާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ