ކޯލްޑް ސްޓޯރޭޖާއި ފާނައިގެ ޚާއްޞަ ފެސިލިޓީއަކާއެކު ކަނދޮޅުދޫގައި މަސް ކިރޭނޭ ރަނގަޅު ފެސިލިޓީއެއް

ރ. ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއި، ފާނަ ޕްރޮސެސްކުރާ ފެސިލިޓީއަކާއެކު މަސްކިރުވާ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރ. ދުވާފަރުގައި ހޮނިހިރު ދުވަހުގެ ރޭ ކުރިއަށްދިޔަ ދިވެހިރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގަތެވެ.
ފިޝަރީޒް މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ތްރީ ވޭ އެންޓަޕްރައިސެސް ޕްރައިވެޓް ލިމިޓެޑްއާއެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާބެހޭ ވަޒީރު އަޙުމަދު ޝިޔާމްއެވެ. މަސްވެރިކަމުގެ ސިނާޢަތަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
މި މަޝްރޫޢުގެ ދަށުން މަސްދޯނިތަކާއި އުޅަނދުތައް ކައިރިކުރުމަށް އެކަށީގެންވާ ޒަމާނީ ބަނދަރެއްވެސް ތަރައްޤީކުރެވޭނެއެވެ.
މީގެ އިތުރުން، ކޯލްޑް ސްޓޯރޭޖުގެ ވަސީލަތްތަކާއި، ޚާއްޞަކޮށް ފާނަ ޕްރޮސެސްކުރުމަށް ބޭނުންވާ ފެސިލިޓީތައް ޤާއިމުކުރެވޭނެއެވެ.
ކަނދޮޅުދޫއަކީ ސުނާމީގެ ކުރިން ދުވާފަރުގެ ރައްޔިތުން ދިރިއުޅުނު، މަސްވެރިކަމަށް މަޝްހޫރު ރަށެކެވެ. މި ފެސިލިޓީ ޤާއިމުކުރުމުގެ ސަބަބުން ރ. އަތޮޅުގެ މަސްވެރިކަމަށް އިތުރު ބާރެއް ލިބި، ސަރަޙައްދީ އިޤްތިޞާދު ހަރުދަނާވުމަށް އެހީތެރިވެދޭނެ ކަމަށް ބެލެވެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ