ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރަން އެމް.ޑީ.ޕީ ސަރުކާރުން ފެށި މަސައްކަތް ނިންމައި، ސަރުކާރުން ރޭ އެއަރޕޯޓް ހުޅުވުމާއި ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްއަށާއި އިންޑިއާއަށް ޝުކުރު އަދާކުރައްވައިފިއެވެ.
ހަނިމާދޫ އެއަރޕޯޓްގެ މަޝްރޫޢަށް ބޭނުންވާ އެހީ ހޯއްދެވުމަށާއި، އެކަމާއި ގުޅޭ އެހެން ކަންކަމުގައި އިންޑިއާ ސަރުކާރާއިއެކު މަޝްވަރާކުރެވުނީ ޝާހިދުގެ ޚާރިޖީ ވަޒީރުކަމުގައި، އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އެއަރޕޯޓް ހުޅުވުމަކީ ރައީސް ސޯލިހްގެ ވެރިކަމުގައި އިންޑިޔާ ސަރުކާރުގެ އެހީތެރިކަމާއެކު ފެށުނު މުހިންމު މަޝްރޫޢެއްގެ ފުރިހަމަވުން ކަމަށެވެ. މި މުހިންމު މަޝްރޫޢު ފެއްޓެވުމަށް އިސްނެންގެވި ކަމަށްޓަކައި ރައީސް ސޯލިޙަށާއި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، އިންޑިޔާ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ޝުކުރު ދަންނަވާކަމަށް ޝާހިދު ވިދާޅުވިއެވެ.
ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށިއިރު، އޭރުގެ އިދިކޮޅު ފަރާތްތަކުން އެމަޝްރޫޢަށް ބޮޑެތި ފާޑުކިޔުންތަކެއް ކީކަން ޝާހިދު ފާހަގަކުރެއްވިއެވެ. ރައީސް މުޢިއްޒުއާއި އެބޭފުޅުންގެ އެކުވެރިން އިދިކޮޅުގައި ތިއްބެވިއިރު ހަނިމާދޫ އެއަރޕޯޓްގެ މަޝްރޫޢަކީ އިންޑިޔާ ސިފައިންގެ ބޭނުމަށް ހިންގޭ މަޝްރޫޢެއް ކަމަށް ސިފަކުރެއްވިކަމަށާއި، އެ މަޝްރޫޢުގައި މަސައްކަތްކުރި މަސައްކަތްތެރިންނަކީ އިންޑިޔާ ސިފައިން ކަމަށް ބުނެ ދޮގު ތުހުމަތު ކޮށް، ޤައުމިއްޔަތާއި ގުޅުވައި ނުރައްކާތެރި ދޮގު ވާހަކަތައް ފެތުރިކަން ޝާހިދު ފާހަގަކުރެއްވިއެވެ. އިންޑިޔާގެ އެހީތެރިކަމާއެކު ކުރިޔަށްގެންދެވުނު ކޮންމެ މަޝްރޫޢަކީ އިންޑިޔާއާ ދެކޮޅަށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ސިޔާސީކުރެވުނު މަޝްރޫޢުއަކަށް މިއަދު ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުން ހެދިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ބައިނަލްއަޤްވާމީ އެއްބާރުލުން ސިޔާސީ ހަތިޔާރަކަށް ބަދަލުކުރައްވައި، ރައީސް މުއިއްޒު އެމަނިކުފާނުގެ ކެމްޕޭނުގައި އޭރު މަލާމާތްކޮށްފައިވާ އެއަރޕޯޓް ރޭ ރަސްމީކޮށް ހުޅުއްވައިދެއްވީކަމަށް ޝާހިދު ވިދާޅުވިއެވެ.
ހަނިމާދޫ އެއަރޕޯޓް ހުޅުވުމުން ޝާހިދުގެ ޝުކުރު ރައީސް ސޯލިޙާއި އިންޑިއާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ