ސައީދު މިހާރު ވިދާޅުވަނީ އޭނާއަށް "ދުއްޕާނަކަށްވި" ހަނިމާދޫ އެއާޕޯޓަކީ ތަރައްގީގެ ނާރެހެއް ކަމަށް ސައީދު މިހާރު ވިދާޅުވަނީ އޭނާއަށް "ދުއްޕާނަކަށްވި" ހަނިމާދޫ އެއާޕޯޓަކީ ތަރައްގީގެ ނާރެހެއް ކަމަށް

އިދިކޮޅުގައި ހުންނެވިއިރު ހިންގި "އިންޑިއާ އައުޓް" ކެމްޕެއިނަށް ބާރު ދެއްވަމުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ "ދުއްޕާނެއް" ކަމަށް އިގްތިސާދީ މިނިސްޓަރު ވިދާޅުވުމަށްފަހު، އެއީ ތަރައްގީގެ ނާރެހެއް ކަމަށް، އެ އެއާޕޯޓު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރޭ ވިދާޅުވެއްޖެ އެވެ.
ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ތަރައްގީ ކުރަން ފެށި ހަނިމާދޫ އެއާޕޯޓާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ސައީދު ވާހަކަ ދެއްކެވީ އޭރު އިދިކޮޅު މައި ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމް އިން ބޭއްވި ޖަލްސާއެއްގަ އެވެ. ސައީދު ވިދާޅުވީ ހަނިމާދޫގައި އަލަށް ތަރައްގީކުރި ރަންވޭ އަކީ އެ ރަށަށް ބޭނުންވާ ވަރަށްވުރެ ބޮޑު އަސްކަރީ ބޭނުމަށް ތަރައްގީކުރާ ރަންވޭއެއް ކަމަށެވެ.
"ހަނިމާދުއަށް ބޭނުން ނުވާ ވަރުގެ އަސްކަރީ ބޮޑު ރަންވޭއެއް އަޅަން 135 މިލިއަން ޑޮލަރު އަޅުގަނޑުމެންގެ މާލިއްޔާއިން. އިންޑިއާ އަޅުގަނޑުމެންގެ ބޮލުގައި އެޅުވީމަ ދުއްޕާނަކަށް ނުވޭތޯ،" ސައީދު ވިދާޅުވި އެވެ.
އޭރު އިދިކޮޅުގައި ތިއްބެވި، މި ސަރުކާރުގެ އިސްވެރިން ބުނަމުން ދިޔައީ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރަނީ އިންޑިއާގެ އަސްކަރީ ބޭނުމަށް ކަމަށެވެ. އެ ތަނުގައި އިންޑިއާއިން އަސްކަރީ މަރުކަޒެއް ގާއިމުކުރާ ކަމަށް ވެސް އޭރު ބުނަމުންދިޔަ އެވެ.
ނަމަވެސް، އެ އެއާޕޯޓު އަލުން ރަސްމީކޮށް ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން ރައީސް މުހައްމަދު މުއިއްޒު އަދި ރަސްމިއްޔާތަށްފަހު ދައުލަތުގެ މީޑިއާ އާއި ވާހަކަދައްކަވަމުން ސައީދު ވެސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީ އުތުރުގެ ރަށްތަކަށް ތަރައްގީގެ އިންގިލާބެއް ގެނެސްދޭނެ ތަނެއް ކަމަށެވެ.
"ހުޅުވިގެން މި ދިޔަ އެއާޕޯޓު ވެގެންދާނެ އުތުރުގެ ވަރަށް ބޮޑު، ތަރައްގީގެ ނާރެހަކަށް. ދެން ރައީސްގެ ވާހަކަފުޅުގައި ވަރަށް ބޮޑަށް މި ސަރަހައްދުގައި އިންވެސްޓްކުރުމަށް ވަރަށް ބޮޑު ބާރެއް އެޅުއްވި. އެކަން އަމަލީ ގޮތުން ވެސް އެމަނިކުފާނު އެ ގެންދަވަނީ މަސައްކަތް ކުރައްވަމުން، ތަފާތު އެކި ލުއިތައް ފޯރުކޮށްދީގެން،" ރޭ ސައީދު ވިދާޅުވި އެވެ.
މުއިއްޒުގެ ސަރުކާރުގައި މަސައްކަތް ކުރަނީ އުތުރަށް އިންޓަގްރޭޓެޑް، އިންކްލޫސިވް ތަރައްގީއެއް އުތުރަށް ގެނައުމަށް ކަމަށާއި އެކަމަށް މި މަޝްރޫއު ވަރަށް މުހިންމުވާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ފުރިހަމައަށް ނުނިންމައި މި ހުޅުވީ، މި ނޮވެމްބަރު މަހު އެއާޕޯޓު ހުޅުވާނެ ކަމަށް ވިދާޅުވެފައި އޮތުމުންނެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހު ވެސް މި އެއާޕޯޓު ހުޅުވާނެ ކަމަށް މުއިއްޒުގެ ސަރުކާރުން ބުނެފައިވެ އެވެ.
އެއާޕޯޓު ހުޅިވި ނަމަވެސް، އެތަނުގެ މަސައްކަތް ފުރިހަމައަށް ނިންމޭނީ ކުރިން ވެސް ޕްލޭންގައި އޮތް ގޮތަށް އަންނަ އަހަރުގެ މާޗު ހިސާބުގައި ކަމަށް، އެ މައުލޫމާތު އެނގޭ ބައެެއް މީހުން އަދަދު ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުން ހިންގާ ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއަށް 136.6 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ. އެއާޕޯޓުގައި އޮތީ 2.46 ކިލޯ މީޓަރުގެ ރަންވޭއެކެވެ. މި އެއާޕޯޓު ތަރައްގީކޮށްފައި ވަނީ އަހަރަކު 1.3 މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދެވޭ ވަރަށެވެ.
އެ އެއާޕޯޓުގެ އާ ޓާމިނަލާއި ރަންވޭ އާއެކު ކޯޑު ސީ، ނުވަތަ އެންމެ ބޮޑެތި މަތިންދާ ބޯޓު ހަނިމާދޫ އަށް ޖެއްސޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ