ބާސެލޯނާ (އޮކްޓޫބަރު 30) - ބާސެލޯނާގެ މިޑްފީލްޑަރު، ޕެޑްރީ ގޮންޒާލޭޒްގެ ފަލަަމަސްގަނޑަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.
ބާސެލޯނާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕެޑްރީ، 22، ގެ ވާތުފައިގެ ފަލަމަސްގަނޑުން އިރައިގެން ގޮސްފައިވާ ކަމަށެވެ. އަދި، މި އަނިޔާގެ ސަބަބުން ޕެޑްރީ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބެލެވޭ މުއްދަތެއް ބާސެލޯނާ އިން ހާމަކޮށްފައިނުވެ އެވެ.
އަނިޔާވުމުގެ ކުރިން ޕެޑްރީ ވަނީ ބާސެލޯނާ އިން އެންމެ ފަހުން ކުޅުނު 41 މެޗުގައި ވެސް ކުޅެފަ އެވެ. އޭނާ އަށް އަނިޔާގެ މައްސަލަ ދިމާވީ އެންމެ ފަހުން ކުޅުނު ކްލަސިކޯ މެޗުގެ ތެރެއިންނެވެ. ޕެޑްރީ ވަނީ ބާސެލޯނާގެ ކޯޗުކަމަށް ހަންސީ ފްލިކް އައި ފަހުން އެ ޓީމުން ކުޅުނު 73 މެޗުގެ ތެރެއިން އެއް މެޗު ފިޔަވައި ބާކީ ހުރިހާ މެޗެއްގައި ކުޅެފަ އެެވެ.
ކްލަސިކޯގައި ޕެޑްރީ އަށް ދެއްކި ރަތް ކާޑުގެ ސަބަބުން އައި އެއް މެޗުގެ ސަސްޕެންޝަން ތަންފީޒުކުރާއިރު ޕެޑްރީ ހުންނާނީ އަނިޔާގަ އެވެ.
ލަސް ޕަލްމާސް އިން 2020 ވަނަ އަހަރު، އުމުރުން 17 އަަހަރުގައި ބާސެލޯނާ އަށް ބަދަލުވި ޕެޑްރީ ވަނީ މިހާތަނަށް އެ ޓީމަށް 215 މެޗު ކުޅެދީފަ އެވެ. ބާސެލޯނާ އަށް ބަދަލުވެ، ޕެޑްރީ އަށް އެންމެ ގިނައިން ދިމާވެފައި ހުރީ ފަލަމަސްގަނޑުގެ އަނިޔާގެ މައްސަލަތަކެވެ.
މި ވަގުތު ބާސެލޯނާގައި އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ކުޅުންތެރިންނަކީ، ޕެޑްރީގެ އިތުރުން، ރަފީނިއާ، މާކް އަންދްރޭ ޓާ ސްޓެގެން، ރޮބަޓް ލެވަންޑޯސްކީ، ޑެނީ އޮލްމޯ އަދި ޖޮއާން ގާސިއާ އެވެ.
ބާސެލޯނާގެ ޕެޑްރީ އަށް އަނިޔާވެ ކުޅުމާ ދުރަށް ބާސެލޯނާގެ ޕެޑްރީ އަށް އަނިޔާވެ ކުޅުމާ ދުރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ