އަންނަ އަހަރުގެ ބަޖެޓުން ބާކީ ހުރި ވައުދުތައް ފުއްދާނަން: ރައީސް
އެމަނިކުފާނު ވެވަޑައިގެން ވައުދުފުޅުތަކުގެ ތެރެއިން ބާކީ ހުރި ވައުދުތައް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ފުއްދަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިގޮތަށް ވިދާޅުވީ ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އޮޅުވެލިފުށީގެ ރައްޔިތުންނާ މުހާތަބުކުރައްވަމުން ރައީސް ވިދާޅުވީ، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން، މި ހިނގާ ހަފުތާ ނިމުމުގެ ކުރީން، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބަޖެޓު ހުށަހަޅުއްވާނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މި އަހަރު ރާއްޖޭގެ ހުރިހާ ރަށްރަށަށް ވެވަޑައިގަތް ވައުދުތަކުގެ މަސައްކަތް ކުރެއްވުމަށް، އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން އެކަންކަން ހިމަނާނެއެވެ. "އަޅުގަނޑު ވެފައިހުރި ވައުދުތަކުގެ ތެެރެއިން މި އަހަރު އަމަލީގޮތުން ސޮއިކުރެވި މަސައްކަތް ފެށުނު މަޝްރޫއުތަކުގެ އިތުރަށް ދެން ހުރި ވައުދުތައް ފުއްދަން ބޭނުންވާ ހުރިހާ މަޝްރޫއުއަކަށް މި އަންނަ އަހަރުގެ ބަޖެޓުން ޖާގަ އަޅުގަނޑުމެން ހަމަޖައްސާނަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ. މި މޭރުމުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ, ދެ އަހަރަށް ބަހާލައިގެން ވައުދުތައް އަމަލީގޮތުން ފުއްދުމުގެ މަސައްކަތްތައް ތާވަލުކޮށްފައިވާނެ ކަމަށެވެ. އޭގެ އިތުރުން ވެސް ރައްޔިތުންނަށް ޚިދުމަތްތައް ފަހިވާގޮތަށް ބަޖެޓް ހުށަހަޅާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ރައީސް ވަނީ އަތޮޅު ކައުންސިލުތައް އުވާލައިގެން އެ ލިބޭ ބަޖެޓު ރަށު ކައުންސިލުތަކަށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ގާނޫނީ ބަދަލެއްގެ ތެރެއިން އަތޮޅު ކައުންސިލްތައް އުވާލުމާއެކު އިތުރުވާ ފައިސާ ބައްސަވާނީ އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ވަކިވަކި ރައްޔިތުންނަށް ބޭނުންވާ އެހީ، ރަށު ކައުންސިލްގެ ބަޖެޓުގެ ތެރެއިން، ފޯރުކޮށްދެއްވުމަށް ކައުންސިލްތަކަށް ލާޒިމުވާ ގޮތަށްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނުހިނގާކަމުގެ ކަންބޮޑުވުން ބޮޑެވެ. އެކަމަކު، ރައީސް މުއިއްޒު މީގެ ކުރިން ވެސް ވަނީ މި އަހަރާއި އަންނަ އަހަރަކީ އަމަލީ ގޮތުން ވައުދުފުޅުތައް ފުއްދަވާނެ ދެ އަހަރު ކަމަށް ވިދާޅުވެފައެވެ. އެ ގޮތުގެ މަތިން ގިނަ އަދަދެއްގެ މަޝްރޫއުތަކުގެ އެއްބަސްވުމުގައި އަންނަނީ ސޮއިކުރަމުންނެވެ. ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު މަޝްރޫއުތަކަށް ޚަރަދުކުރީ ހަތަރު ބިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރަށްވުރެ ވެސް 5.6 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ