ދިވެހި ޕްރިމިއާ ލީގު: ވެެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ އެއްވަރު ދިވެހި ޕްރިމިއާ ލީގު: ވެެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ އެއްވަރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓަރީ އާއި ކްލަބް ވެލެންސިއާ ވަނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.
މި ނަތީޖާއާ އެކު، ޔުނައިޓެޑް ވިކްޓަރީ އާއި ވެލެންސިއާ އަށް ވެސް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑް ވިކްޓަރީ ފަސް ވަނައިގައި އޮތްއިރު، ވެލެންސިއާ އޮތީ ހަ ވަަނަައިގަ އެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވިފަ އެވެ. އެ ގޮތުން ކޯނަރެއްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން ޔުނައިޓެޑް ވިކްޓަރީގެ ސޮލާހު އަލީ ފޮނުވާލި ބޯޅަ ވެލެންސިއާގެ މޮލްޑޯވާ ކީޕަރު، ވިއޮރެލް ބޮއިއާން ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން، ވެލެންސިއާގެ އަހުމަދު މިކްޔާލް މުއީން (މިކީ) އޭރިއާތެރެއިން ފޮނުވާލި ބޯޅަ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު، މުސްތަފާ އަލީ ވަނީ މަތަކޮށްފަ އެވެ.
ވެލެންސިއާގެ މޮރޮކޯ ޑިފެންޑަރު، އަބްދެލަތީ ބަސަލް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އަދި، އެ ޓީމުގެ ސްޕެއިން ފޯވާޑް، ބައުބަކަރު ސިލާ ފޮނުވާލި ބޯޅަ އަމާޒުވީ ކީޕަރު މުސްތަފާ އަތަށެވެ. އަދި، ޔުނައިޓެޑް ވިކްޓަރީގެ މިސްރު ފޯވާޑް، މަހުމޫދު އަލީ އަލް ޝާޒްލީ ގޯލު ކުރިމަތިން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ބޭރުންނެވެ.
ލީގުގައި މާދަމާ ދެ މެޗެއް ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި ބުރު ސްޕޯޓްސް ކްލަބުން އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރާއިރު، މާދަމާރޭ ޓީސީ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ވާދަކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ