ސަރުކާރުގެ ބޮންޑް މައްސަލައިގައި ސަރުވަޝް ޕެންޝަން ބޯޑުން އިސްތިއުފާ ދީފި

މަރުކަޒީ ބޭންކް، އެމްއެމްއޭން ފައިސާ ދީގެން ސަރުކާރުގެ ބޮންޑެއް ޕެންޝަން ފަންޑުން ގަންނަ މައްސަލައިގައި ހިތްހަމަ ނުޖެހި އެ ބޯޑުގައި އިންނަވާ އަހުމަދު ސަރުވަޝް އާދަމް ބޯޑުން އިސްތިއުފާ ދެއްވައިފި އެވެ. ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްއެމްއޭއާ އެކު ބޮންޑު ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމުމާ ގުޅިގެން، ބޯޑު މެންބަރުކަމުން އިސްތިއުފާދެއްވާފައިވާ ކަމަށެވެ.މާލީ ދާއިރާގެ ތަޖުރިބާކާރު ސަރުވަޝް ވިދާޅުވީ، އެ މުއާމަލާތަކީ ގާނޫނީ އަދި އިގުތިސާދީ ވެސް ގިނަ ކަންބޮޑުވުންތަކެއް އޮތް މުއާމަލާތެއް ކަމަށެވެ. އެކަމަކު، އެ ކަންބޮޑުވުންތަކާ ގުޅޭ ތަފުސީލަކަށް އޭނާ ވަޑައިގެންފައެއް ނުވެއެވެ.މި ބާވަތުގެ މުއާމަލާތަށް ކުއަންޓިޓޭޓިވް އީޒިންއޭ ކިޔަ އެވެ. އެކަމުގެ ކަންބޮޑުވުމަކީ މަރުކަޒީ ބޭންކުން އެ މުއާމަލާތް ކުރުމުން އިގްތިސާދުގައި ދައުރުވާ ރުފިޔާ އިތުރުވެ، ދިވެހި ރުފިޔާގެ އަގު ވެއްޓި އެކަމުން އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު ބޮޑުވާނެތީ އެވެ. އެމްއެމްއޭއަށް ޕެންޝަން އޮފީސް މެދުވެރިކޮށް ސެކަަންޑްރީ މާކެޓުގައި 2.5 ބިލިއަން ރުފިޔާގެ ބޮންޑެއް ވިއްކާކަން ނުރަސްމީ ސަރުކާރުގެ އިސް އޮފިޝަލުން ޔަގީންކޮށްދެ އެވެ. އެކަމަކު، އެ މުއާމަލާތާ ގުޅޭ މައުލޫމާތު ފިނޭންސް މިނިސްޓްރީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.ފާހަގަކޮށްލެވޭ ގޮތުގައި ފެބްރުއަރީ 2024 ގައި ސަރުވަޝް ވަނީ ފިނޭންސް މިނިސްޓްގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ މަގާމުން ވެސް އިސްތިއުފާދެއްވާފައެވެ. މިނިސްޓްރީގެ ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ސަރުވަޝް ހުންނެވީ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ އިތުރުން ފިސްކަލް އެފެއާޒް ޑިޕާޓްމަންޓުގެ ހެޑްގެ މަގާމުގައެވެ. އޭނާ ވަނީ މީގެ ކުރިން މީރާގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ