އައްޑޫގެ ގުޅިފައިވާ ރަށްތައް އެކީ އޮންނަން ތާއީދުކުރުމަށްފަހު، ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު އިސްމާއިލް ނިޒާރު ވިސްނުން ބަދަލުކުރައްވައިފި އެވެ.
އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ބެލުމަށް މާދަމާ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓް ނަގަން ހަމަޖެހިފައި ވަނީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ.
މި ވޯޓާއި ގުޅިގެން މި މަހުގެ 16 ވަނަ ދުވަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވަނީ އައްޑޫ ކައުންސިލް މިހާރު އުފެދިފައި އޮތް ގޮތް ބަދަލުކުރުމަށް އެދި ސިޓީގައި މީގެކުރިން ސޮއިކުރެއްވީ އޭރު ލިބިފައި ހުރި މައުލޫމާތުތަކަށް ބުރަވެ ކަމަށާއި ނަމަވެސް މިހާރު ތާއީދުކުރަނީ އައްޑޫގެ ގުޅިފައިވާ ރަށްތައް އެކީ އޮންނަން ކަމަށް ވިދާޅުވެފަ އެވެ.
އެ ޕޯސްޓަށް ފަހު ނިޒާރު ގެންދެވީ އައްޑޫގެ ރަށްތައް އެކީ އޮތުމަށް އެކި ފަރާތްތަކުން ކުރަމުންދިޔަ ޕޯސްޓުތަކަށް ވެސް ތާއީދުކުރައްވަމުންނެވެ.
ނަމަވެސް އައްޑޫ ކައުންސިލުން ފޭދޫ ވަކިވާން ތާއީދުކޮށް ރޭ އެ ރަށުގައި ބޭއްވި އިވެންޓެއްގައި ނިޒާރު ވަނީ ބައިވެރިވެވަޑައިގެން ވާހަކަދައްކަވާފަ އެވެ. މި އިވެންޓުގައި ފޭދޫގައި ރަށު ކައުންސިލެއް އުފެއްދުމަށް އިސްކޮށް ވަކާލާތު ކުރައްވާ ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ބައިވެރިވެވަޑައިގެންވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނިޒާރު ވިދާޅުވީ މިނިސްޓަރު އިހުސާން އާއި މެމްބަރު އައިބީ މަސައްކަތް ކުރައްވާނީ ފޭދޫގެ ކުރިއެރުމަށް ކަމަށާއި އެ މަސައްކަތަށް ފޭދޫ ރައްޔިތުންގެ އެއްބާރުލުން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މިނިސްޓަރު އިހުސާން އާއި އައިބީ އަށް ފޭދޫގެ އިހުސާސްތަކާއި ފޭދޫއަށް ބޭނުންވާ ކަންކަން އެނގިވަޑައިގަންނަވާނެ ކަމަށްވެސް ނިޒާރު ވިދާޅުވި އެވެ.
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ހިޔާލު ހޯދުމުގެ ވޯޓެއް މި މަހު ނަގާނެކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ މަހުގެ 17 ގަ އެވެ.
ރައީސް ވިދާޅުވީ އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެކަން އެ މަނިކުފާނާ ހަމައަށް އައިސްފައިވާ ކަމަށެވެ. އަދި ރައްޔިތުން އެދޭ ކަހަލަ ދާއިމީ ހައްލެއް ގެނެސް ދެއްވާނެ ކަމަށް އައްޑޫ މީހުންނަށް ވައުދުވެވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
އައްޑޫ ވޯޓު: ނިޒާރުގެ ވިސްނުން ކުއްލިއަކަށް ބަދަލުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ