ކޮވިޑް ވެކްސިނުން ކެންސަރަށް ފަރުވާ ކުރެވިދާނެ ކޮވިޑް ވެކްސިނުން ކެންސަރަށް ފަރުވާ ކުރެވިދާނެ

އެތައް މިލިއަން ބަޔަކު މަރުވެ ދިޔުމަށް ފަހު ވެސް، ކޮވިޑް-19ގެ އާލަމީ ވަބާއިން ސަލާމަތްވެވުނީ، އެ ބައްޔާ ދެކޮޅަށް އުފެއްދި ވެކްސިންތަކުގެ ސަބަބުންނެވެ. އޭގެ ތެރެއިން ވެސް އެންމެ ކާމިޔާބު ވެކްސިނެއް ކަމަށް ފާހަގަކުރެވިފައިވަނީ، އެމްއާރްއެންއޭ (mRNA) ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފެއްދި ވެކްސިންތަކެވެ.
ކޮވިޑް ވެކްސިންތައް އުފެއްދުމާއެކު، އާންމު ރައްޔިތުންނެކޭ އެއްފަދައިން ޑޮކްޓަރުންނާއި ސައެންސްވެރިންގެ ފާޑުކިޔުންތައް ވެސް އެ ވެކްސިންތަކަށް އަމާޒުވިއެވެ. އެ ވެކްސިންތަކުން ތަފާތު ސައިޑް އިފެކްޓްތައް މެދުވެރިވާ ކަމަށް ބުނެއެވެ. ލޭ ހޮޅިތަކުގައި ލޭ ގަނޑުވުމާއި، ލޭ އޮލަވުމުގެ މައްސަލަތައް މެދުވެރިވާ ކަމަށް ބުނާ އަޑުތައް ގަދަވިއެވެ.
ނަމަވެސް މިއަދު ސައެންސްވެރިންނާއި ޑޮކްޓަރުން ދައްކަނީ ކޮވިޑް ވެކްސިންތަކުގެ ފައިދާގެ ވާހަކައެވެ. ދާދި ފަހުން ކުރި ދިރާސާއަކަށް ފަހު ސައެންސްވެރިން ބުނަނީ އެމްއާރްއެންއޭ (mRNA) ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ކޮވިޑް ވެކްސިންތަކަކީ، ކެންސަރަށް ފަރުވާ ކުރުމުގައި ބޭނުންކުރެވިދާނެ މުހިންމު ފަރުވާއެއް ކަމަށެވެ.
ޖާނަލް ނޭޗާގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ސިކުނޑީގައި ޓިއަމަރު އުފެދިފައި ތިބި ބަލިމީހުންތަކަކަށް ވެކްސިނެއް އުފެއްދުމަށް 2016 ވަނަ އަހަރު ކުރި މަސައްކަތުގެ ތެރެއިން ހޯދުނު އެއް ކަމަކީ، ހަށިގަނޑުގައިވާ ޓިއުމަރުތައް މަރައިލާނެ ގޮތުގެ މައްޗަށް، އެމްއާރްއެންއޭ މޮލޮކިއުލްގެ ޒަރީއާއިން ހަށިގަނޑުގެ ދިފާއީ ނިޒާމު ތަމްރީން ކުރެވިދާނެ ކަމެވެ.
މި ހޯދުމުގެ މައްޗަށް ބިނާކޮށް، ސައެންސްވެރިން މިހާރު ބުރަވަނީ ކޮވިޑް-19 އަށް ފަރުވާ ކުރުމަށް، އެމްއާރްއެންއޭ މޮލޮކިއުލް ބޭނުންކޮށްގެން އުފައްދާފައި ހުރި ވެކްސިންތަކުގައި ވެސް، ޓިއުމަރާ ދެކޮޅު ތާސީރެއް އެކުލެވިފައިވާނެ ކަމަށެވެ.
ހަމުގެ ކެންސަރު (މެލަނޯމާ) އާއި ފުއްޕާމޭގެ ކެންސަރު ބަލީގެ އެންމެ ފަހު މަރުހަލާގެ 1000 އަށް ވުރެ ގިނަ މީހުން ބައިވެރިކޮށްގެން ކުރި ދިރާސާއެއްގައި، އިމިއުން ޗެކްޕޮއިންޓް އިންހިބޭޓާސް ކިޔާ ފަރުވާއެއް އެމީހުންނަށް ދެވުނެވެ. މިއީ (އިމިއުނޯތެރަޕީ) ހަށިގަނޑުގެ ދިފާއީ ނިޒާމު މެދުވެރިކޮށް ކެންސަރު ނައްތައިލުމަށް އަމާޒުކޮށްގެން، ކެންސަރާ ދެކޮޅަށް ޑޮކްޓަރުން އާންމުކޮށް ބޭނުންކުރާ ފަރުވާގެ ބާވަތެކެވެ.
މި ފަރުވާގައި ކުރާ ކަމަކީ، ދިފާއީ ސެލްތަކުގެ މަސައްކަތަށް ހުރަސްއަޅާ ޕްރޮޓީންގެ މަސައްކަތް ހުއްޓުވުމެވެ. އެ ޕްރޮޓީންގެ މަސައްކަތްތައް ހުއްޓުވުމުން، ކެންސަރު ސެލްތައް މަރައިލުމަށް ދިފާއީ ސެލްތަކުން ކުރާ މަސައްކަތް ކުރިއަށް ގެންދެއެވެ.
މި ދިރާސާގައި ސައެންސްވެރިންނަށް ފާހަގަކުރެވުނީ، އިމިއުނޯތެރަޕީގެ ފަރުވާ ދޭން ފަށާތާ ސަތޭކަ ދުވަހުގެ ތެރޭގައި އެމްއާރްއެންއޭ ކޮވިޑް ވެކްސިން (ފައިޒާ ވެކްސިން ނުވަތަ މޮޑާނާ ވެކްސިން) ދިން މީހުންގެ ސިއްހަތަށް ހެޔޮ ބަދަލުތަކެއް އައި ކަމަށެވެ. އެ ގޮތުން، ކޮވިޑް ވެކްސިން ދިން މީހުންގެ ހާލަތު ދިރާސާކުރުމުން އެނގުނު ގޮތުގައި، ކޮވިޑް ވެކްސިން ނުދޭ މީހުންނަށް ވުރެ، ކޮވިޑް ވެކްސިން ދިން މީހުން ތިން އަހަރަށް ވުރެ ދިގު މުއްދަތަށް ދުނިޔޭގައި ހުރުމުގެ ފުރުސަތު ދެ ގުނަ އިތުރެވެ.
މީގެ އިތުރުން، ތިން ވަނަ މަރުހަލާގައި ތިބޭ ކެންސަރު ބަލި މީހުންނަށް، އިމިއުނޯތެރަޕީން އާންމު ގޮތެއްގައި މާ އެދެވޭ ކުރިއެރުމެއް ނުލިބުނު ނަމަވެސް، އެ މަރުހަލާގައި ތިބޭ ކެންސަރު ބަލިމީހުންނަށް ކޮވިޑް ވެކްސިން ދިނުމުން، އެމީހުންނަށް ދެވޭ އިމިއުނޯތެރަޕީގެ ފަރުވާ އިން އެދެވޭ ނަތީޖާއެއް ފެނިފައިވެއެވެ. އެހެންކަމުން، މި މަރުހަލާގައި ތިބޭ ކެންސަރު ބަލިމީހުންނަށް އިމިއުނޯތެރަޕީއާ އެކުގައި ކޮވިޑް ވެކްސިން ދިނުމުން އެދެވޭ ނަތީޖާއެއް ފެނުމުން، މި ދެ ފަރުވާގައި ގުޅުންތަކެއް އެބަހުރި ކަމަށް ސައެންސްވެރިން ދެކެއެވެ.
އެކި ބަލިތަކަށް އުފައްދާފައި ހުންނަ ވެކްސިންތަކުގައި އާންމު ގޮތެއްގައި ހުންނަނީ، އެ ބައްޔެއް ޖައްސާ ވައިރަސް ނުވަތަ ޖަރާސީމެވެ. ނަމަވެސް ވެކްސިންގައި އެ ވައިރަސް ނުވަތަ ޖަރާސީމު ހުންނާނީ، އެ ޖަރާސީމުން ހަށިގަނޑަށް އިތުރު ގެއްލުމެއް ނުދެވޭ ވަރަށް އޭގެ ބާރު ކަނޑުވާލައި ބަލިކަށިކޮށްލައިފައެވެ. ވެކްސިންގައި ހުންނަ ބަލިކަށި ޖަރާސީމުތައް ހަށިގަނޑަށް ވަނުމާއެކު، ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ސެލްތަކުން އެ ޖަރާސީމު ދެނެގަނެ، އެ ޖަރާސީމުން ހަށިގަނޑު ދިފާއުކުރާނެ ނިޒާމެއް ގާއިމުކުރެއެވެ.
އެހެންކަމުން، އެ ބަލީގެ އަސްލު ވައިރަސް ހަށިގަނޑަށް ވަނުމާއެކު، ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ތެރޭގައި، އެ ވައިރަހާ ދެކޮޅަށް ގާއިމުކޮށްފައިވާ ދިފާއީ ސެލްތަކުން، އެ ވައިރަހަށް ހަމަލާދީ އެ ވައިރަހުގެ ބާރު ކަނޑުވައިލައެވެ. ނުވަތަ މަރާލައި ނައްތައިލައެވެ.
މިއާ ހިލާފަށް އެމްއާރްއެންއޭ (mRNA) ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައި ހުންނަ ވެކްސިންގައި، އެ ބައްޔެއް ޖައްސާ ވައިރަސް ނުވަތަ ޖަރާސީމު އެއްވެސް ވަރަކަށް ނުހިމެނޭނެއެވެ. އޭގެ ބަދަލުގައި ހުންނާނީ، އެމްއާރްއެންއޭ މޮލިކިއުލްއެވެ. މި މޮލިކިއުލް އެކުލެވޭ ވެކްސިން އިންސާނާގެ މަސްގަނޑުގެ ތެރެއަށް ޖެހުމުން، މަސްގަނޑުގެ ސެލްތަކުގެ ތެރެއަށް އެ މޮލިކިއުލްތައް ވަދެގެންދެއެވެ.
ހަށިގަނޑުގެ ތެރެއަށް މި ވެކްސިންގެ މޮލިކިއުލްތައް ވަނުމާއެކު، ކޮރޯނާވައިރަސްގެ ބޭރު ފަށަލައިގައި ހުންނަ ސްޕައިކް ޕްރޮޓީން (ބޮޑެތި ގްލައިކޯޕްރޮޓީން) ކިޔާ ޕްރޮޓީންގެ، ހަށިގަނޑަށް ގެއްލުން ނުވާ ބާވަތުގެ ޕްރޮޓީން އުފެއްދުމުގެ މަސައްކަތް ސެލްތަކުން ފަށައެވެ. ސެލްތަކުން ސްޕައިކް ޕްރޮޓީން އުފައްދަން ފެށުމާއެކު، ހަށިގަނޑުގެ ދިފާއީ ނިޒާމަށް އެކަން ފާހަގަކުރެވި، އެ ޕްރޮޓީންތަކުން ހަށިގަނޑު ދިފާއުކުރުމަށްޓަކައި އެންޓިބޮޑީތަކާއި މެމޮރީ ސެލްތައް އުފައްދަން ފަށައެވެ.
ވެކްސިންއާ އެކު ހަށިގަނޑުގެ ތެރެއަށް ފޮނުވައިލާ އެމްއާރްއެންއޭ މޮލިކިއުލްތައް ސެލްތަކުގެ ނިއުކްލިއަސްގެ ތެރެއަށް ނުވަންނާތީ، އެމީހެއްގެ ޑީއެންއޭއަށް އެއްވެސް ބަދަލެއް ގެނައުމުގެ ގާބިލުކަން އެ މޮލިކިއުލްތަކުގައި ނުހުންނާނެއެވެ. މި ސަބަބަށްޓަކައި ސައެންސްވެރިން ބުރަވާ ގޮތުގައި ކެންސަރު ބަލިމީހުންނަށް އެމްއާރްއެންއޭ ކޮވިޑް ވެކްސިން ބޭނުންކުރުމަކީ ސައިޑްއިފެކްޓްތަކުން ދުރުކޮށްދޭނެ ފަރުވާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ