ވިކްޓަރީގެ ރައީސަކަށް ކެލާ ދާއިރާގެ މެމްބަރު ޝަރީފް ވިކްޓަރީގެ ރައީސަކަށް ކެލާ ދާއިރާގެ މެމްބަރު ޝަރީފް

ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ރައީސަކަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު، އަބްދުﷲ ޝަރީފް އިންތިހާބުކޮށް، ސަރުކާރުގެ އިސްވެރިން ހިމެނޭ ބޯޑެއް މިރޭ މީޑިއާ އަށް ތައާރަފުވެއްޖެ އެވެ.
ވިކްޓަރީގެ ރައީސް، ހުސެއިން އާދަމް (އާދަމްބެ) ފިޔަވައި ދެން ތިބި ހިންގާ ކޮމިޓީގެ ހުރިހާ މެމްބަރުން އިސްތިއުފާދިނުމުން، އެ ކްލަބްގެ އާ ހިންގާ ބޯޑެއް އިންތިހާބު ކުރަން ޖެހުނީ އެވެ. އެ ގޮތުން، އާ ބޯޑުގައި ސަރުކާރުގެ ވަޒީރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން ހިމެނެ އެވެ.
އެ ގޮތުން، ވިކްޓްރީގެ ނައިބު ރައީސުންގެ ތެރޭގައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ނަޒީމް ހިމެނޭއިރު، މީގެ ކުރިން އޭނާ ވަނީ އެ ކްލަބްގެ ޗެއާޕާސަން އާއި ވައިސް ޗެއާޕާސަންގެ މަގާމު ފުރައިފަ އެވެ. ދެން، މި ފަހަރު އިންތިހާބުވި ނައިބު ރައީސުންނަކީ، ހެލްތު މިނިސްޓަރު، އަބްދުﷲ ނާޒިމް އަދި އަބްދުﷲ ވަހީދު އެވެ.
ވިކްޓަރީން މިރޭ ބޭއްވި އިވެންޓްގައި ބައިވެރިވި އެ ކްލަބްގެ ބޯޑު މެމްބަރުން.--- ފޮޓޯ: ވިކްޓަރީ
ބޯޑު މެމްބަރުންގެ ތެރޭގައި، އެމްއޭސީއެލްގެ ޑީއެމްޑީ މުޖުތަބާ ލަތީފް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު އަދި ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް، އިބްރާހިމް ޝިއުރީ ހިމެނެ އެވެ. ދެން، ބޯޑުގައި ތިބީ، ވިކްޓަރީގެ ދެ ހިދުމަތްތެރިން ކަމަށްވާ، އަހުމަދު ރިޔާޒު (ގާނާ)، އަހުމަދު އަރީޝް (ޕަޓޭ) އަދި އައިޝަތު ރައިހާނާ އެވެ.
މީގެ އިތުރުން، ކްލަބްގެ ޖެނެރަލް ސެކްރެޓަރީ އަކީ ހުޒާމް ހުސެއިން ދީދީ އެވެ. އަދި، ހަޒާންދާރަކީ މުހައްމަދު މުޖާހު މުނީރު އެެވެ.
ސަރުކާރުގެ އިސްވެރިންތަކެއް ހިމެނޭ ގޮތަށް މިދިޔަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވެސް ވަނީ އާ ބޯޑެއް އިންތިހާބުވެފަ އެވެ. ނިއުގެ ޗެއާމަނަކަށް އިންތިހާބުވިއިރު، އަހުމަދު މުބީން ހުންނެވީ، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. މިހާރު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ ނިއުގެ ބޯޑުގައި ދެން ތިބި އިސް މަގާުމުތަކަށް ބަލާއިރު، ސީނިއާ ވައިސް ޗެއާމަނަކަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެންބަރު އަދި އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ނައިބު ރައީސް، މުހައްމަދު އިބްރާހިމް (ކައްޕި) އާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އަދި އެފްއޭއެމްގެ ނައިބު ރައީސް، މުޖުތަބާ ޖަލީލް (މުޖޭ) އެވެ.
އަދި، ނިއުގެ ބޯޑު މެމްބަރުންގެ ތެރޭގައި، ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޝަކީލް ހިމެނޭއިރު، ފަހުން ވަނީ، ކްލަބްގެ ވައިސް ޗެއާމަނަކަށް، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން އައްޔަނުކޮށްފަ އެވެ.
ފުރަތަމަ ޑިވިޝަނުގެ ހަތަރު ޓީމެއް، ރައީސުލްޖުމްހޫރިއްޔާ، ޑރ މުހައްމަދު މުއިއްޒުގެ އާއިލީ ކުންފުނި ދިމްޔާތުގެ ޕްރައިވެޓް ލިމިޓެޑުން ވަނީ ސްޕޮންސަކޮށްފަ އެވެ. އެ ކްލަބްތަކުގައި ސްޕޮންސަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ، ދިމްޔާތު ކުންފުނީގެ ދަށުން ހިންގާ ކެފޭ "ޑެމިއެޓާ" އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ